ބްރެޑްލީ ކޫޕާއާ ރައްޓެހިވެގެން އުޅޭ ވާހަކަ ލޭޑީ ގާގާ ދޮގުކޮށްފި

މި އަހަރުގެ އޮސްކާގައި އެންމެ މޮޅު އޮރިޖަނަލް ސޯންގްގެ އެވޯޑް ހޯދި ފިލްމު "އަ ސްޓާ އިޒް ބޯން" ގެ އެކްޓަރު ބްރެޑްލީ ކޫޕާއާ ހިތާވެގެން އުޅޭ ކަމަށް ބުނާ ވާހަކަ އެ ފިލްމުގެ ބަތަލާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ދޮގުކޮށްފި އެވެ.


"ޖިމީ ކިމެލް ލައިވް" ޝޯ ގައި 32 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އޭނާ އާއި ކޫޕާ ހިތާވެގެން އުޅޭ ކަމަށް ބަޔަކަށް ގަބޫލު ކުރެވޭނެ ނަމަ އެ ދެ މީހުންގެ ލޯބި އޮތީ "އަ ސްޓާ އިޒް ބޯން" ގެ ލަވަ "ޝެލޯ" ގައި ކަމަށެވެ.

މި ލަވައަކީ ގާގާ އާއި ކޫޕާ ކިޔާފައިވާ ޑުއެޓެކެވެ. އަދި މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި 91 ވަނަ އޮސްކާ އެވޯޑް ހަފުލާގައި ދެ ތަރިން ވަނީ ސްޓޭޖްމަތީގައި އެ ލަވަ ހުށަހަޅައި ވެސް ދީފަ އެވެ.

އެ ހުށަހެޅުން "ދިރާސާކުރި" ގިނަ ބަޔަކު ބުނެފައިވާ ގޮތުގައު ގާގާ އާއި ކޫޕާގެ ބޮޑީލެންގްއޭޖް ހުރި ގޮތުން ދެ ތަރިން އެކަކު އަނެކަކަށް "ހިތްކިޔާފައިވާކަން" ވަރަށް ސާފުކޮށް ފެނިގެން ދިޔަ އެވެ. އަދި މީޑިއާތަކުން ވެސް ވަނީ މި ވާހަކަ ވަރަށް ގަދައަށް ދައްކައިފަ އެވެ.

ގާގާ އާއި ކޫޕާ އޮސްކާގައި ޕަފޯމް ކުރަނީ.

އެ ހުރިހާ ވާހަކަތަކަށް ރައްދު ދެމުން ގާގާ ބުނީ އޭނާ އާއި ކޫޕާއާ ދެމެދު އޮތީ ބަތަލަކާއި ބަތަލާއަކާ ދެމެދު އޮންނަން ޖެހޭ ކަހަލަ ގުޅުމެއް ކަމަށާއި އެއަށް ވުރެ ދުރަށް އެ ގުޅުން ދަތުރު ނުކުރާ ކަމަށެވެ. އަދި ކޫޕާއަކީ "އަ ސްޓާ އިޒް ބޯން" ގެ ޑައިރެކްޓަރުގެ ގޮތުން ވެސް އޭނާ އަށް ހާއްސަ ގަދަރަކާއި މަގާމެއް ދެވިފައިވާ ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި އޮސްކާ އެވޯޑްގައި ލަވަ ހުށަހަޅައިދިނުމުގެ ކުރިން ދެ ތަރިން ވަރަށް ބުރަކޮށް، ރިހާސަލް ވެސް ހެދި އެވެ. އެހެންވެ ސްޓޭޖްމަތިން ފެނުނީ އެ މަންޒަރު ކަމަށް ބުންޏެވެ.

ގާގާ ބުނީ "ޝެލޯ" އިން އެ ދެ މީހުންގެ ކެމިސްޓްރީން ބަޔަކަށް ޖާދޫއެއް ފެނުން އެއީ ކާމިޔާބީއެއް ކަމަށެވެ.

ގާގާ، ޖިމީ ކިލެމް ޝޯގައި

"އަ ސްޓާ އިޒް ބޯންއަކީ ލޯބީގެ ފިލްމެއް. އެ ފިލްމުން ބެލުންތެރިންނަށް ލޯބި އިހުސާސް ކުރެވުނަ ނަމަ އަހަރެމެން ކުރި މަސައްކަތް އެ އޮތީ ކާމިޔާބުވެފައި،" ދާދި ފަހުން ދެވަނަ އެންގޭޖްމަންޓް ވެސް ރޫޅައިލި ލަވަކިޔުންތެރިޔާ ބުންޏެވެ. "އަނެއްކާ ލޯބީގެ ލަވައެއް ކިޔާ ނަމަ ލަވަ ހުށަހަޅައި ދޭ މީހާ ވެސް ވާނެ ބެލުންތެރިންނަށް ލޯބި އިހުސާސްކޮށް ދޭން. ކޫޕާ އާއި އަހަރެން ކުރި މަސައްކަތަކީ އެއީ."

އޮސްކާ އެވޯޑް ހަފުލާ އަށް ފަހު ބައެއް މީޑިިއާތަކުން ވަނީ ކޫޕާ ބައިވެރިވެރިޔާ އަދި ދަރިފުޅުގެ މަންމަ މަޝްހޫރު މޮޑެލް އައިރީނާ ޝޭކް ދޫކޮށްލާފައި، ގާގާއެކު ލޯބީގެ މައުތައް ފޮޅުވަން ފޫގަޅައިގެން ހުރި ކަމަށް ބުނެފަ އެވެ.

ގާގާ ބުނީ އިންޓަނެޓަކީ މިހާރު ގިނަ ބައެއްގެ "ޓޮއިލެޓް" ކަމަށާއި އެތަނުން ބޭރުވާ ބޭކާރު ކޫސަނި ވާހަކަތަކަށް މާ ބޮޑު ސަމާލު ކަމެއް ނުދޭ ކަމަށެވެ.