ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގައި މިހާރު ހޮރޯ ކޮމެޑީތަކަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު އަކްޝޭ ކުމާރު ވެސް މި ޖޯންރާގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ލަކްޝްމީ" ކިޔާ ހޮރޯ ކޮމެޑީއަކަށް އޭނާ ސޮއިކޮށްފައިވާ އިރިު، މި ފިލްމުގެ ބަތަލާއަކީ 2013 މިސް އިންޑިއާގެ ތާޖު ހާސިލު ކުރި ސޮބީތާ ދުލިޕާލާ އެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ ޑައިރެކްޓަރު/ޕްރޮޑިއުސަރު އަނޫރާގް ކެޝަޕް 2016 ގެނެސް ދިން ކްރައިމް ޑްރާމާ "ރާމަން ރަގަވް 2.0" އިންނެވެ.

ސޮބީތާ ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ސައިފް އަލީ ހާންގެ "ކާލަކާންޑީ" ގައި ވެސް ރޯލެއް ކުޅެފަ އެވެ. ޒޯޔާ އަހްތަރާއި ރީމާ ކަތުގީ މިހާރު ގެނެސް ދޭން ތައްޔާރުވަމުން އަންނަ މިނީ ސީރީޒް "މޭޑް އިން ހެވެން" އިން ވެސް އޭނާ ފެނިގެން ދާނެ އެވެ.

"ލަކްޝްމީ" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ލިބިފައި ނެތަސް މީގެ ޕްރޮޑިއުސަރުންނަކީ އެކްޓަރު ތުޝާރު ކަޕޫރާއި ޝަބީނާ ހާން ކަމަށްވެ އެވެ. އަދި ފިލްމު ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ރަގަވާ ލޯރެންސެވެ.

މިހާރު ވެސް އަތުގައި ގިނަ ފިލްމުތަކެއް ހުރި އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 21 ގައި ރިލީޒް ކުރާ ޕީރިއަޑް ޑްރާމާ "ކޭސަރީ" އެވެ.

ދިނޭޝްގެ ފިލްމަކަަށް ޖާންވީ އާއި ރާޖް

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ރޮމޭންޓިކް ކޮމެޑީ "ލޫކާ ޗުއްޕީ" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ފުލުފުލުގައި ފިލްމުތައް އިއުލާން ކުރަމުން އަންނަ އިރު، އޭނާގެ ފިލްމަކަށް ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯ ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ދާދި ފަހުން "ރޫހް-އަފްޒާ" ގެ ނަމުގައި ރާޖްއާ އެކު ދެވަނަ ހޮރޯ ކޮމެޑީއެއް ހަދަން އިއުލާން ކުރި ދިނޭޝް، ރާޖް އާއި ޖާންވީއާ އެކު ގެނެސްދޭ ފިލްމަކީ އަންނަ އަހަރަށް ޕްލޭންކޮށްފައިވާ ފިލްމެކެވެ. އަދި ފިލްމު މާ ލަސްތަކެއް ނުވެ އިއުލާން ކުރާނެ ކަމަށް ނޫސްތަކުން ބުންޏެވެ.

މިދިޔަ އަހަރު ދިނޭޝްގެ ގެނެސް ދިން ހޮރޯ ކޮމެޑީ "އިސްތިރީ" އިން ފެނިގެން ދިޔަ ރާޖް، ދިނޭޝްގެ "މޭން އިން ޗައިނާ" އިން މި އަހަރު ފެނިގެން ދާނެ އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އޮގަސްޓް މަހުގެ 30 ގަ އެވެ.

ޖާންވީ މި ވަގުތު އަންނަނީ "ކަރްގިލް ގާލް" ކިޔާ ބައޮޕިކެއްގެ މަސައްކަތް ކުރަމުންނެވެ.

ކުނާލްގެ އައު ފިލްމުގައި ރާދިކާ އާއި ސަނީ

"ޖަންނަތު" އާއި "ތުމް މިލޭ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ކުނާލް ދޭޝްމުކްގެ އައު ފިލްމަށް މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާ ރާދިކާ މަދަން އާއި މިހާރު ވިދަމުން އަންނަ ޒުވާން އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް ސޮއިކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން އުފައްދާ ފިލްމަށް އަދި ރަސްމީކޮށް ނަމެއް ދީފައި ނެތަސް، މި ފިލްމު ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

ވިޝާލް ބަރަދްވާޖްގެ "ޕަޓާޙާ" އިން ބޮލީވުޑަށް ނުކުތް ކުރީގެ ޓީވީ ބަތަލާ ރާދިކާ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 21 ގައި ރިލީޒް ކުރާ "މަރަދު ކޯ ދަރުދު ނެހީ ހޯތާ" އިންނެވެ. މި ފިލްމަކީ ކުރީގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ދައްސާނީ ބޮލީވުޑަށް ތައާރަފުވާ ފިލްމެވެ.

ސަނީ މިހާރު އަންނަނީ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ އަންހެން ދަރިފުޅު ސްނޭހާ ތައުރާނީގެ އަލަތު ޑައިރެކްޝަން "ބަންގްރާ ޕާ ލޭ" ކުޅެމުންނެވެ.

ކުނާލް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ އިމްރާން ހާޝިމީ 2014 ގައި ފެނިގެން ދިޔަ "މިސްޓަ ނަޓްވަރުލާލު" އެވެ.

"ބާރަތު" ގެ ޝޫޓިން ނިންމާލައިފި

ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމު "ބާރަތު" ގެ ޝޫޓިން ނިންމާލައިފި އެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި ޝޫޓިން ފެށި ފިލްމުގެ ޝޫޓިން ނިންމައިލިކަން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކުރި ޓްވީޓެއްގައި ވަނީ ހިއްސާކޮށްފަ އެވެ. ދެހާސް ސަތާރަ ވަނަ އަހަރު "ޓައިގާ ޒިންދާ ހޭ" ގެނެސް ދިން އަލީ ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ "ބާރަތު" ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތެވެ.

މި ފިލްމަކީ 2014 ގައި ރިލީޒް ކުރި ދެކުނު ކޮރެއާގެ ފިލްމު "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

ސަލްމާނާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅޭ "ބާރަތު" ގެ މަންޒަރުތައް މޯލްޓާ އާއި އަބޫދާބީގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އާއި ޕަންޖާބް ފަދަ ތަންތަނުގައި ނަގާފައިވެ އެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓާނީ، ސުނިލް ގްރޯވާ، ތައްބޫ، ޖެކީ ޝްރޮފް އަދި ނޯރާ ފަތެހީ ހިމެނެ އެވެ.

މިދިޔަ ޖެނުއަރީ މަހު ޓީޒާއެއް ވެސް ދައްކައިލި "ބާރަތު" ސިނަމާތަކަށް އަންނާނީ ފިތުރު އީދުގަ އެވެ.