"ކަލަންކް" ގެ ޓީޒާ: ވަރަށް ސީރިއަސް

އަންނަ މަހު ރިލީޒްކުރާ ފިލްމު "ކަލަންކް" ގެ ޓީޒާ ޓްރެއިލާ ދައްލައިލި އިރު، މި ފިލްމަކީ ވަރަށް ވެސް ސީރިއަސް ހާދިސާތަކެއް ފެނިގެން ދާނެ ފިލްމެއް ކަމަށް ފުރަތަމަ ފެނިލުމުން ވެސް ބެލުންތެރިންނަށް ޔަގީންކޮށް ދީފި އެވެ.


ބޮޑު ކާސްޓެއް ވެސް ހިމެނޭ މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ސިނަމާ އަށް ގެންނަ އެ ސްޓޫޑިއޯގެ ފުރަތަމަ ޕީރިއަޑް ފިލްމެވެ. "ކަލަންކް" ގައި ކިޔައި ދޭނީ 1940 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެކެވެ. ޓީޒާ އިން ފިލްމުގެ މައިގަނޑު ތަރިންގެ ދައްކައިލި އިރު، ކޮންމެ ތަރިއަކު ވެސް ފެންނަނީ ވަރަށް ސީރިއަސް ލުކެއްގަ އެވެ.

އަބީޝެކް ވަރުމަން ލިޔެ، ޑައިރެކްޓްކޮށްފައިވާ "ކަލަންކް" ގެ ލީޑް ތަރިންނަކީ މަދޫރީ ޑިކްސިޓް، ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރެވެ. މި ފިލްމަކީ ސީދާ ކޮން ކަހަލަ ވާހަކައެއް ކިޔައިދޭ ފިލްމެއްކަން އަދި މިހާތަނަށް ހިއްސާކޮށްފައި ނުވި ނަމަވެސް ބޮޑަށް ބެލެވެނީ މިއީ އާއިލީ ލޯބީގެ ހާދިސާތަކެއް ކިޔައި ދޭނެ ފިލްމެއް ކަމަށެވެ.

އަންނަ މަހުގެ 17 ގައި "ކަލަންކް" ރިލީޒް ކުރާ އިރު، މި ފިލްމަކީ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމު ޝޫޓްކޮށްފައި ވަނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އަގުބޮޑު ސެޓްތަކެއްގަ އެވެ. އެެހެންވެ 1940 ގެ ތެރެއަށް ވަރަށް ވެސް ފުރިހަމަ އަށް ބެލުންތެރިން ގެންގޮސް ދޭނެ އެވެ.

ކަރަން ބުނެފައިވާ ގޮތުގައި "ކަލަންކް" އަކީ އޭނާގެ ހިތާ ވަރަށް ގާތް ފިލްމެކެވެ. އެއް ސަބަބަކީ މި ފިލްމަކީ މީގެ 15 އަހަރު ކުރިން އޭނާގެ ބައްޕަ ޔާޝް ޖޯހަރު ސްކްރީނަށް ގެންނަން އަމާޒު ހިފައި، އެކަމަކު އެކަން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި އޮތް ފިލްމަކަށްވުމެވެ. "ކަލަންކް" ރިލީޒް ކުރާ އިރު، ޔާޝް ވަނީ މީގެ 2004 ގައި މަރުވެފަ އެވެ.