ސަރުކާރުގެ އިވެންޓެއްގައި ބައިވެރިވާތީ އަމީތާބަށް ފާޑުކިޔަނީ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަފުލާގައި، މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން ބައިވެރިކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެ ގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް އިން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.


ނަމަވެސް އެ ފާޑުކިޔުންތަކުން އަމީތާބަކަށް މާބޮޑު އަސަރެއް ނުކުރެ އެވެ.

އަމީތާބުގެ އާ ފިލްމު "ޓީން"ގެ ފުރަތަމަ ޓްރެއިލާ ލޯންޗުކުރުމަށް ބޭއްވި އިވެންޓެއްގައި ނޫސްވެރިއަކު އަމީތާބާ މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ބުނީ އޭނާއަށް ދައުވަތު ދީފައިވަނީ އެ ޕްރޮގްރާމްގެ ކުޑަކުޑަ ސެގްމަންޓެއް ހޯސްޓްކޮށްދޭން ކަމަށާއި މުޅި އިވެންޓް ހޯސްޓްކުރަނީ އޭނާ ނޫން ކަމަށެވެ.

އަމީތާބު ބުނީ އޭނާ އަކީ އދ. އާ އެކު އޭނާ ބައިވެރިވާ "ބޭޓީ ބަޗާއޮ ބޭޓީ ބަޗާއޮ" (އަންހެންދަރިން ސަލާމަތްކުރޭ އަންހެން ދަރިން ސަލާމަތްކުރޭ) ކެމްޕެއިންގެ ބައިވެރިއެއް ކަމަށާއި އޭނާ ހޯސްޓްކޮށްދެނީ އެ ކެމްޕެއިނާ ގުޅޭ ކުޑަކުޑަ ސެގްމެންޓެއް ކަމަށެވެ.

"އަހަންނަކީ ގާލް ޗައިލްޑް މިޝަންގެ އެމްބެސެޑަރު. އެ ކެމްޕެއިން އާ ގުޅޭ ގޮތުން އަހަރެން އެ ހަފުލާގައި ވެސް ވާހަކަ ދައްކާނީ،" އަމީތާބު ބުންޏެވެ.

އަމީތާބު ބުނީ އެ ޝޯ ހޯސްޓްކުރަނީ މާދަވަން ކަމަށެވެ.

ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މޯދީ ސަރުކާރުގެ ކާމިޔާބު ދެ އަހަރު ފާހަގަކުރުމަށް ބާއްވާ އިވެންޓެއްގައި އަމީތާބު ބައިވެރިވުމަކީ އޭނާއަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ސަބަބަކީ އަމީތާބަކީ ކުޅަދާނަ ޕާފޯމާއަކަށް ވާތީ ސިޔާސީ ކަންތައްތަކާ ވީހާވެސް ދުރުގައި ހުރުމަކީ އޭނާއަށް އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވޭތީ އެވެ.

މި އިވެންޓުގައި އަމީތާބު ހޯސްޓްކޮށްދެނީ އޭނާ ބައިވެރިވާ ކެމްޕެއިނަކާ ގުޅޭ ބަޔަކަށް ވީނަމަވެސް މި އިވެންޓަކީ އޭގެ ޒާތުގައި ސިޔާސީ ޕާޓީއެއްގެ އިވެންޓަކަށް ވާތީ އަމީތާބު ވަކި ސިޔާސީ ލީޑަރަކަށް އަދި ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރާ ކަމަށް ގިނަ ބަޔަކު މި އިވެންޓަށް ފަހު ގަބޫލުކުރާނެކަމަށް އެވެ.

އަމީތާބަކީ މީގެ ކުރިން ކޮންގްރެސްގެ ފަރާތުން ޕާލަމެންޓް މެމްބަރުކަން ކޮށް އޭގެ ހިތި ތަޖުރިބާތަކެއް ކޮށްފައިވާ މީހެކެވެ. އޭގެ ފަހުން މިހާތަނާ ޖެހެންދެން ވެސް އޭނާ ހުރީ ސިޔާސީ ކަންތައްތަކާ މުޅިން ދުރުގަ އެވެ. އަދި ދެން ދުވަހަކުވެސް ސިޔާސީ މައިދާނުން ނުފެންނާނެ ކަމަށް އޭނާ ދިޔައީ ބުނަމުންނެވެ.

އަމީތާބު މި އިވެންޓުގައި ބައިވެރިވާތީ ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި އިވެންޓަކީ މިނިވަން ދުވަހުގެ ނުވަތަ ޖުމްހޫރީ ދުވަހުގެ އިހްތިފާލެއް ނޫން ކަމަށާއި ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ ކާމިޔާބު ފާހަގަކުރަން ބާއްވާ އިވެންޓެއް ކަމަށެވެ. އެހެންކަމުން އެއްވެސް ސިފައެއްގައި މި އިވެންޓުގައި އަމީތާބު ބައިވެރިވުމަކީ ބޮޑުވަޒީރު މޯދީ އާއި ބީޖޭޕީއަށް އަމީތާބު ތާއީދުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

އަދި ދާދިފަހުން ލީކުވި ވިޔަފާރީގެ ސިއްރު މުއާމަލާތްތަކާ ގުޅޭ "ޕެނަމާ ޕޭޕާޒް" ގައި އަމީތާބުގެ ނަން ވެސް ހިމެނޭތީ އެކަމުން ސަލާމަތްވާން އަމީތާބު ސަރުކާރާ ގުޅުން ބަދަހިކުރަން ފެށީ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

މުޙައްމަދު ޝައިނީ

2

ހެންވޭރު އުތުރު ދާއިރާ