ކޭޓީ ޕެރީ ހުރީ ޓޭލާ ސްވިފްޓާ އެކު މަސައްކަތްކުރަން ތައްޔާރަށް

ޓޭލާ ސްވިފްޓާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާ ހުރީ އެކީގައި މަސައްކަތްކުރަން ތައްޔާރަށް ކަމަށް ކޭޓީ ޕެރީ ބުނެފި އެވެ.


ދާދި ފަހުން އެކްޓަރު އޯލަންޑޯ ބްލޫމްއާ އެންގޭޖްވި ކެޓީ އައިހާޓް މިއުޒިކް ރޭޑިއޯ އެވޯޑްސްގައި އެންޓަޓައިންމަންޓް ޓުނައިޓަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ހުރީ ޓޭލާއާ އެކު "ކޮލަބަރޭޓް ވާން ތައްޔާރަށް" ކަމަށެވެ.

"އެކަމަށް އަހަރެން ތައްޔާރު. ތައްޔާރު. ހަމަ ރަނގަޅަށް ވެސް ތައްޔާރު،" އެމެރިކަން އައިޑޮލްގައި މިދިޔަ އަހަރު ޖަޖްކަން ވެސް ކުރި ކެޓީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވާދަވެރި އަދި މަޝްހޫރު އެހެން ލަވަކިޔުންތެރިޔަކާ އެކު މަސައްކަތް ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެހެންވެ އެކަމަށް އަބަދު ވެސް މަރުހަބާ ކިޔާ ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ކޭޓީ، 34، އާއި ޓޭލާ، 29، އާ ދެމެދު ކުނި ޖެހެން މެދުވެރިވީ ޓޭލާގެ ޝޯތަކުގައި ބެކް ޑާންސަރުންގެ ގޮތުގައި މަސައްކަތް ކުރި ނެށުންތެރިންތަކެއް އޭނާ ދޫކޮށްލައި، ކޭޓީގެ ޓުއާއެއްގައި ހިއްސާވާން ނިންމުމެވެ.

އެކަމާ ގުޅިގެން ދެ ފަންނާނުންގެ މެދުގައި މައްސަލަ ޖެހި އެކަކު އަނެކަކަށް ރައްދުވާ ގޮތަށް ލަވަތައް ވެސް ހަދާފައިވާ ކަމަށް ބައެއް މީހުން ގަބޫލު ކުރެ އެވެ. އެގޮތުން ޓޭލާގެ "ބޭޑް ބްލަޑް" އަކީ ނުސީދާކޮށް، ކޭޓީ އަށް ދިން ހަމަލާއެއް ކަމަށާއި ކޭޓީގެ "ސްވިޝް ސްވިޝް" އަކީ ޓޭލާ އަށް ދިން ރައްދެއްގެ ގޮތުގައި ބައެއް މީޑިއާތަކުން ވެސް ސިފަކޮށްފައިވެ އެވެ.

ޓޭލާއާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށް ކޭޓީ ބުނި ނަމަވެސް މިކަމާ ބެހޭ ގޮތުން ޓޭލާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.