ޕްރިޔަންކާ ބުނަނީ ކައްކަން ނޭނގޭ ކަމަށް

އެއްވެސް ވަރަކަށް ކައްކަން ނޭނގޭ ކަމަށާއި އެގޮތުން ބަލައިފި ނަމަ އޭނާއަކީ ފުރިހަމަ އަންބަކަށް ނުވެދާނެ ކަމަށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ބުނެފި އެވެ.


މިދިޔަ ޑިސެމްބަރު މަހު، އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްއާ ކައިވެނިކުރި އިންޑިއާގެ ކުރީގެ ރީތީގެ ރާނީ އޭބީސީގެ "ދި ވިއު" ޝޯގައި އިތުރު ފަންނާނުންތަކަކާ އެކު ބައިވެރިވަމުން ބުނީ ކައިވެންޏަށް ނިކް ޕްރޮޕޯޒް ކުރި ހިސާބުން ވެސް ކައްކަން ނޭނގޭ ވާހަކަ ބުނި ކަމަށެވެ.

"އަހަންނަށް ނިކް ޕްރޮޕޯޒް ކުރި ހިސާބުން ވަރަށް ސީދަލަށް ބުނިން އަހަންނަކަށް ނޭނގެއޭ އެއްގޮތަކަށް ވެސް ކައްކާކަށް. ނިކްގެ މަންމަ އަކީ ވަރަށް މީރުކޮށް ކައްކާ މީހެއް. އެހެންވެ ކުރީބައިގައި ހަނދާންކޮށް ދިނިން އެކަހަލަ އަންހެނަކަށް އަހަރެން ނުވާނޭ،" ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ވާހަކަ ހިއްސާ ކުރުމުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ނިކް ބުނި ކަމަށެވެ. އަދި އަމިއްލަ އަށް ކައްކަން ނޭނގޭ ކަމަށް ނިކް ވެސް ބުނި ކަމަށް ޕްރިޔަންކާ ބުންޏެވެ.

"އަހަންނަށް އެނގެނީ ހަމައެކަނި ބިހެއް ކައްކާލަން. ކައްކަން ނޭނގުމަކީ ފަހަރުގައި އަހަރެން ފުރިހަމަ އަންބަކަށް ނުވެދާނެ ސަބަބެއް ކަންނޭނގޭ،" ކާމިޔާބު ބަތަލާ ބުންޏެވެ.

މިދިޔަ މަހު ރިލީޒް ކުރި ހޮލީވުޑް ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް" އަށް ފަހު، ޕްރިޔަންކާ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ ހިންދީ ފިލްމަކުންނެވެ. ތިން އަހަރު ފަހުން އޭނާ ސްކްރީނުން ފެންނަ ފުރަތަމަ ހިންދީ ފިލްމަކީ އޮކްޓޯބަރު 11 ގައި ރިލީޒް ކުރާ "ދަ ސްކައި އިޒް ޕިންކް" އެވެ.

މި ފިލްމުގެ ޝޫޓިން މި މަހުގެ ކުރީކޮޅު ވަނީ ނިންމާލައިފަ އެވެ.