"ޕީއެމް ނަރެންދުރަ މޯދީ" ގެ ޓްރެއިލާ: ވިވެކް އޮބެރޯއީ މޯދީއާ ވައްތަރުތަ؟

ގިނަ ބަޔަކު އެ ފިލްމަކަށް އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އިންޑިއާގެ މިހާރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "ޕީއެމް ނަރެންދުރަ މޯދީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.


މި ފިލްމުގައި މޯދީގެ ރޯލް ކުޅެފައި ވަނީ އެކްޓަރު ވިވެކް އޮބެރޯއީ އެވެ.

ޓްރެއިލާ އިން ފެންނަ ގޮތުގައި އޮމަންގް ކުމާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުން މޯދީގެ ހަޔާތުުގެ އެކި ސޮފުހާތަކުގެ ތެރެއަށް ބެލުންތެރިން ގެންގޮސް ދޭނެ އެވެ. އެގޮތުން އޭނާގެ ކުޑައިރުގެ ދުވަސްތަކުން ފެށިގެން ކާމިޔާބު މީހަކަށްވާން ކުރި ދަތުރާއި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮތް އިންޑިއާގެ ބޮޑުވަޒީރުގެ މަގާމާ ހަމައަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތް ފިލްމުގައި ދައްކުވައި ދޭނެ އެވެ.

އެކަމަކު ސުވާލަކީ މޯދީގެ ގޮތުގައި ވިވެކް ބެލުންތެރިން ބަލައި ގަންނާނީ ކިހާ ވަރަކަށްތޯ އެވެ؟ ޔަގީނުން ވެސް ޓްރެއިލާ ބަލައިފައި އެކަން ބެލުންތެރިން ޖަޖް ޖުރަން ފަށާނެ އެވެ. އަދި އެންމެ ބޮޑު އެއް ސުވާލަކަށް ވާނީ "ޕީއެމް ނަރެންދުރަ މޯދީ" ގައި ވިވެކް ފެންނަ ގޮތް މޯދީއާ ވައްތަރުތޯ އެވެ؟ އަދި އެ ރޯލަށް އޭނާ ކިހާ ވަރަކަށް އިންސާފުކޮށް ދެވިފައިވޭތޯ އެވެ؟

މި ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ލިބޭނީ އަންނަ މަހުގެ 5 ގައި ފިލްމު ސިނަމާތަކަށް އައުމުންނެވެ. މި ފިލްމުވެގެން ދާނީ ވިވެކް ފަނޑު ފިލްމީ ކެރިއަރުގެ އެންމެ ބޮޑު އަދި ހާއްސަ އެއް ފިލްމަށެވެ. މި ފިލްމު ލޯންޗްކުރަން މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ބޭއްވި ހަފުލާގައި ވެސް އޭނާ އެ ވާހަކަ ބުންޏެވެ.

"ޕީއެމް ނަރެންދުރަ މޯދީ" އިން ވަރުގަދަ ސަޕޯޓިން ކާސްޓެއް ވެސް ފެނިގެން ދާނެ އެވެ. އެގޮތުން މޯދީގެ މަންމަގެ ރޯލް ފިލްމުގައި ކުޅެފައި ވަނީ ޒަރީނާ ވައްހާބެވެ. އަދި އޭނާގެ އަންހެނުން ޖަޝޯދާބެން ނަރެންދުރަބާއީ މޯދީގެ ރޯލުން ކުޅެނީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާފައިވާ ބަތަލާ ބަރްކާ ބިޝްޓް އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ބޮމަން އިރާނީ، ދަރުޝަން ކުމާރު، މަނޯޖް ޖޯޝީ، ރަޖެންދުރަ ގުޕްތާ، އަންޖަން ސްރިވަސްތާވް އަދި ޕްރަޝާންތު ނާރަޔަން ފަދަ އެކްޓަރުން ހިމެނެ އެވެ. މިއިން ކޮންމެ އެކްޓަރަކު ވެސް ކުޅެނީ ހަގީގީ ކެރެކްޓާއެކެވެ.

"ޕީއެމް ނަރެންދުރަ މޯދީ" އަކީ މީގެ ކުރިން ވެސް ދެ ބައޮގްރަފިކަލް ޑްރާމާ ގެނެސް ދިން އޮމަންގެ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި ބެލުންތެރިންނަށް ގެނެސްދޭ ފިލްމެވެ. މި ފިލްމުގެ ޝޫޓިން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 27 ގަ އެވެ. އަދި ޝޫޓިން އެއްކޮށްހެން ނިންމައިލީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

މޭރީ ކޮމް (2015) އާއި ސަރަބްޖީތު (2016) ގެނެސް ދިން އޮމަންގެ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2017 ގެ "ބޫމީ" އެވެ.