ބެން އެފްލެކްގެ އެޑިކްޝަން ޑްރާމާ "ޓޮރެންސް" އޮކްޓޯބަރު 18 ގައި

މަސްތުވާތަކެއްޗަށް ދެވިހިފައިގެން ބާސްކެޓް ބޯޅަ ކެރިއަރު ހަލާކުވުމުގެ އިތުރުން އަންހެނުން ވެސް ގެއްލޭ މީހެއްގެ ރޯލު ބެން އެފްލެކް ކުޅޭ ފިލްމު އަންނަ އޮކްޓޯބަރު މަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.


ވެރައިޓީން ބުނި ގޮތުގައި ކުރިން "ދަ ހޭޒް-ބީން" ގެ ނަން ދިނުމަށް ފަހު މިހާރު "ޓޮރެންސް" ގެ ނަން ދީފައިވާ ވޯނާ ބްރަދާޒްގެ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އޮކްޓޯބަރު މަހުގެ 18 ގަ އެވެ.

އެފްލެކް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ފިލްމުގެ ޑައިރެކްޓަރަކީ އޭނާ 2016 ގައި ކުޅުނު ފިލްމު "ދި އެކައުންޓެންޓް" ޑައިރެކްޓަރު ގެވިން އޮ ކޮނާ އެވެ. މިއީ އެ ފިލްމަށް ފަހު، މި ދެ މީހުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ.

އެފްލެކާ އެކު "ޓޮރެންސް" ގެ ކާސްޓުންގެ ތެރޭގައި އަލް މެޑްރިގަލް، ޖެނީކާ ކެވިންކާ، ހޭޔެސް މެކްއާތާ، ބްރޭންޑަން ވިލްސަން އަދި ރެޗެލް ކާޕަނީ ހިމެނެ އެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހެއްގެ ރޯލުން އެފްލެކް ފެނިގެންދާ އިރު، އޭނާ ވަނީ މިފަދަ މައްސަލަތަކެއްގައި މީގެ ކުރިން ރިހެބްގައި ފަރުވާ ވެސް ހޯދައިފަ އެވެ. އެގޮތުން އެންމެ ފަހުން ފަރުވާ ހޯދީ މިދިޔަ އަހަރު އެވެ.

ފިލްމުގައި ކުޅޭ އެޑިކްޓްގެ ރޯލްގެ ތެރެއިން އޭނާ ރަނގަޅުވާން ކުރާ މަސައްކަތުގެ ތެރޭގައި ކުރިން ކިޔެވި ހައި ސްކޫލްގެ ބާސްކެޓް ބޯޅަ ޓީމެއްގެ ކޯޗްގެ މަގާމާ ވެސް ފަހުން ހަވާލުވެ ކުރާ މަސައްކަތްތައް ވެސް ދައްކުވައި ދޭނެ އެވެ.

އެފްލެކް، 46، އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސް އިން މި މަހުގެ ކުރީކޮޅު ގެނެސް ދިން އެކްޝަން ތުރިލާ "ޓްރިޕްލް ފްރޮންޓިއާ" އިންނެވެ.