"ޕީއެމް ނަރެންދުރަ މޯދީ" ގައި ޖާވިދު އަހްތަރާއި ސަމީރަށް ކްރެޑިޓް ދިން ސަބަބު ސާފުކޮށް ދީފި

އަންނަ މަހު ރިލީޒްކުރާ، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގެ ޕޯސްޓަރުގައި މަޝްހޫރު ދެ ޅެންވެރިން ކަމަށްވާ ޖާވިދު އަހްތަރާއި ސަމީރަށް ކްރެޑިޓް ދިނުމުން އެ މީހުންނަށް އެރި އޮޅުން ފިލްމުގެ ޕްރޮޑިއުސަރު ސަންދީޕް ސިންގް ސާފުކޮށް ދީފި އެވެ.


އޭނާ ކުރި ޓްވީޓެއްގައި ބުނީ ބޮލީވުޑްގެ އެންމެ މޮޅު ޅެންވެރިންގެ ތެރޭގައި ހިމެނޭ ޖާވިދާއި ސަމީރަށް ކްރެޑިޓް ދިނީ އެ ދެ މީހުންގެ ލަވަތަކެއް ފިލްމުގައި ބޭނުންކޮށްފައި ހުރުމުން ކަމަށެވެ. އެ ލަވަތަކަކީ 1999 ގައި ރިލީޒްކުރި "1947: އާތު" އަށް ޖާވިދު ހަދައި ދިން ލަވަ "އީޝްވަރު ﷲ" އާއި ފިލްމު "ދަސް" އަށް ސަމީރު ލިޔެދިން ލަވަ "ސުނޯ ގޯރް ސޭ ދުނިޔާ ވާލޯ" އެވެ.

މި ދެ ލަވަ "ޕީއެމް ނަރެންދުރަ މޯދީ" ގައި ހިމަނާފައި ވަނީ މިއުޒިކް ޕާޓްނަރު ޓީ ސީރީޒްއާ ގުޅިގެން ކަމަށް ވެސް ސަންދީޕް ބުންޏެވެ.

މި ވާހަކަ ސަންދީޕް ހިއްސާ ކުރީ ޖާވިދު ކުރި ޓްވީޓެއްގައި އޮމަންގް ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ރަސްމީ ޕޯސްޓަރުތަކެއް ދައްކައިލި އިރު ޅެން ހެދި މީހުންގެ ކްރެޑިޓް ތެރޭގައި ނަން ހިމެނުމުން ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް ބުނުމާ ގުޅިގެންނެވެ. އަދި ސަމީރު ވަނީ ފިލްމުގައި އޭނާގެ ވެސް އެއްވެސް ބައިވެރިވުމެއް ނެތީސް ކްރެޑިޓް ދިނުމުން އެކަމާ ހައިރާންވާ ކަމަށް ބުނެފަ އެވެ.

ނަމަވެސް "ޕީއެމް ނަރެންދުރަ މޯދީ" ގެ ޓީމުން މިހާރު އެކަން ސާފުކޮށް ދިނުން ސަމީރާއި ޖާވިދަށް ލިބުނު ޝޮކް ފިލައިގެން ދާނެ ކަމަށް ބެލެވެ އެވެ.

ވިވެކް އޮބެރޯއީ މޯދީގެ ރޯލް ކުޅެފައިވާ ފިލްމުގެ ޅެމުގެ ކްރެޑިޓް ދީފައިވާ ފަންނާނުންގެ ތެރޭގައި ޕްރަސޫން ޖޯޝީ، އަބެންދުރަ ކުމާރު އުޕަދޭ، ސަރުދަރާ، ޕެރީ ޖީ އަދި ލަވްރާޖް ހިމެނެ އެވެ.

"ޕީއެމް ނަރެންދުރަ މޯދީ" ރިލީޒް ކުރާނީ އަންނަ މަހުގެ 5 ގަ އެވެ.