"ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ގެ ނަމުގައި މިހާރު ހަދަމުން އަންނަ ތާރީހީ ފިލްމަށް އަނެއްކާ ވެސް ބޮލީވުޑްގެ ތަރިންތަކެއް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ނޮވެމްބަރު މަހު، ސައުތުގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެކު ޝޫޓިން ފެށި ފިލްމަށް މިދިޔަ ހަފުތާގައި ބޮލީވުޑްގެ ތަރިން ކަމަށްވާ އަޖޭ ދޭވްގަން އާއި އާލިއާ ބަޓް ސޮއިކޮށްފައި ވަނިކޮށް މި ފިލްމަށް އަލަށް ސޮއިކުރިި ތަރިންނަކީ ސަންޖޭ ދަތާއި ވަރުން ދަވަން ކަމަށްވެ އެވެ.
އިންޑިއާ ޓުޑޭ އިން ބުނި ގޮތުގައި އަންނަ މަހުގެ 17 ގައި ރިލީޒްކުރާ "ކަލަންކް" އިން ފެނިގެންދާ ސަންޖޭ އާއި ވަރުން "އާރްއާރްއާރް" އަށް ސޮއިކޮށްފައިވާ އިރު، އެ ފިލްމުގެ ޓީމުން މިކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ.
The Story Line of #RRR ! #RRRPressMeet @ssrajamouli @tarak9999 #RamCharan @dvvmovies @RRRMovie pic.twitter.com/GqRXrMqbEa
— RRR Movie (@RRRMovie) March 14, 2019
އަންނަ އަހަރުގެ ޖުލައި 30 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ޝޫޓިން މި ވަގުތު ކުރިއަށް ދަނީ ޕޫނޭގަ އެވެ.
ގިނަ ބަޔަކު ކެތްތެރި ކަމެއް ނެތި އެންމެ ބޮޑަށް އިންތިޒާރު ކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އާރްއާރްއާރް" ގައި ކިޔައި ދޭނީ 1920 ގައި ހިނގާ ހިޔާލީ ހަނގުރާމައެއްގެ ދެ ބަތަލުންގެ ވާހަކަ އެވެ.
މިނިވަން ކަމަށް މަސައްކަތް ކުރާ އެ ދެ ބަތަލުންނަކީ އައްލޫރީ ސީތަރަމަރާޖޫ އާއި ކޮމަރާމް ބީމެވެ. މި ދެ ކެރެކްޓާ ކުޅެނީ ޗަރަން އާއި އެންޓީއާރް އެވެ.
"އާރްއާރްއާރް" އަކީ "ބާހްބަލީ" އާ އެއްގޮތަށް ޑައިރެކްޓަރު ރާޖަމޯލީގެ ބައްޕަ ކޭވީ ވިޖެންދުރަ ޕްރަސާދުގެ ވާހަކައަކަށް ހަދާ ފިލްމެކެވެ، އެކަމަކު މި ފަހަރު ސްކްރީންޕްލޭ ލިޔެފައި ވަނީ ސީދާ ރާޖަމޯލީ އަމިއްލައަށެވެ. މި ފިލްމަކީ 300 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާ ފިލްމެކެވެ.