ޝާއްކޮ އައްމަޑޭގެ "އަނދިރި ފަރާތް" ވެބް ސީރީޒަކުން

ކޮމެޑީ އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންގެ ލޯބި ހޯދާފައިވާ ޒުވާން އެކްޓަރު އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު "އަނދިރި ފަރާތް" ގެ ނަމުގައި ވެބް ސީރީޒެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.


އޭނާގެ ވިލު ސްޓޫޑިއޯ އާއި ބައިސްކޯފް ގުޅިގެން ގެނެސްދޭން ނިންމާފައިވާ، ގާތްގަނޑަކަށް ފަސް އެޕިސޯޑްގެ މި ވެބް ސީރިޒްކީ ހޮރޯ/އެޑްވެންޗާއެކެވެ. ކ. ހުރާގައި ބޮޑު ބައި ޝޫޓްކުރާ "އަނދިރި ފަރާތް" ގެ ފަސްޓްލުކް ވެސް މިހާރު ވަނީ ދައްކައިފަ އެވެ.

މައިގަނޑު ކާސްޓުން ބޮޑަށް އާ ފަންނާނުން ފެނިގެންދާ ސީރީޒްގެ އެންމެ މުހިއްމު ތަރިއަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމުތަކުން ފެނިފައިވާ ލަވަކިޔުންތެރިޔާ އިބްރާހީމް އަމާން ހުސައިނެވެ.

ޝާއްކޮ ބުނީ "އަނދިރި ފަރާތް" އަކީ އޭނާގެ ކޮސްޕެޓްކަށް ވާހަކަ ލިޔުންތެރިޔާ ހޫދު އިބްރާހީމް ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ އެއްޗެއް ކަމަށެވެ.

"މީތި އަހަރެމެން ވިޝުއެލައިޒްކޮށްފައި އޮތް ގޮތަށް ގެނެސް ދެވިއްޖެ ނަމަ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ އެއްޗަކަށް ވާނެ ކަމުގެ ގެރެންޓީ އެބަ އޮތް،" އަލަތު ވެބް ސީރީޒާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "މީގެ ސްޓޯރީލައިން ވަރަށް އިންޓަރެސްޓިން. އަނެއްކާ ހޫދުގެ ސްކްރީންޕްލޭ ވެސް ވަރަށް ފުރިހަމައޭ ބުނެވޭނީ."

"އަނދިރި ފަރާތް" ގެ ޝޫޓިން އަށް ކާސްޓާއި ކްރޫ ހުރާ އަށް ފުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ކުރީކޮޅު އެވެ. އަދި އެ ރަށުގައި ޝޫޓިން އަށް ހޭދަވާނީ 15 ވަރަކަށް ދުވަސް ކަމަށް ޝާއްކޮ ބުންޏެވެ.

"މާލޭގައި ނަގަން ޖެހޭ ދެތިން މަންޒަރެއް އެބައިން. އެެބައި ޝޫޓްކޮށްފައި ހުރާ އަށް ފުރާނީ،" އޭނާ ބުންޏެވެ. "އެ ރަށުން އެނބުރި އަންނަ އިރު، މުޅި އެތީގެ ޝޫޓިން އޮންނާނީ އެއްކޮށް ނިމިފައި."

ޝާއްކޮ ބުނި ގޮތުގައި އަމާޒަކީ ރޯދައިގެ ފަހުން ބައިސްކޯފު އެޕުން "އަނދިރި ފަރާތް" ސްޓްރީމް ކުރުމެވެ.

"މީގެ ޕޯސްޓް ޕްރޮޑަކްޝަނަށް ފުދޭ ވަރަކަށް ވަގުތު ނަގާނެ. އެހެންވެ ރޯދައިގެ ފަހަށް މި ޓާގެޓް ކުރަނީ،" މީގެ ކުރިން ވިލު ސްޓޫޑީއޯގެ ތައްގަނޑުގައި ވީޑިއޯ ލަވަތަކެއް ވެސް ގެނެސް ދިން އެކްޓަރު ބުންޏެވެ.

ޝާއްކޮ މި އަހަރު ފެންނާނެ އެންމެ ވަރުގަދަ އެއް ފިލްމަކަށް ވާނީ ޑާކް ރެއިނުން ޖުލައި 1 ގައި ގެނެސްދޭ "މާމުއި" އެވެ.