ހެކި

ބުދަ ދުވަހާ ގުޅޭ


"އަހަރެން އަތުގަ ހުންނާނެ ބައިވަރު ސެޓްފިކެޓުތައް ވެސް،" ނުތަނަވަސްކަމުގެ ރާގަކަށް ޖަލީލު ބުންޏެވެ. "ސަތޫ ބޭނުމިއްޔާ ދައްކާލަން ގެނެސް ވެސް ފާނަން."

އަހަރެންގެ ހިތް ހީވީ މޭ ފަޅައިލައިފައި ނުކުމެދާނެހެންނެވެ. އެހާ ލަދުވެތި ދަނޑިވަޅެއް އަހަރެންގެ މުޅި ހަޔާތުގައި ވެސް ކުރިމައްޗެއް ނުވެއެވެ. ހިތަށްއެރިއެވެ. ހަމީދު ގާތުގައި އަހަރެން އެ ވާހަކަދެއްކީ ކީއްކުރަން ހެއްޔެވެ؟ މާފަށްއެދުން ނޫން އެހެން ގޮތެއް ދެނެއް ނެތެވެ. ވީމާ، މާފަށްއެދެން އަހަރެން އަނގަ ހުޅުވައިލީމެވެ.

"އަހަރެންގެ ކުދިންނަކީ ފައިނާ އޭޖުގެ ކުދިން. އޭގެ ތެރެއިން އެއް ކުއްޖަކަށް ވަރަށް ދެރަކަމެއް ދިމާ ވެސް ވި. އެ ވާހަކަ އިހަށް ބާއްވާ! މި ގެއަށް މި އަންނަނީނު ވާފިރެއް،" ޖަލީލު ތެދުވަމުން ބުންޏެވެ. "ވަރަށް ފަހުން އޮފީހަށް ވަން މީހެއް އެއީ. އަހަރުމެން އެކަކަށް ވެސް އަސްލު ނޭނގޭ އެއީ ކޮން ކަހަލަ މީހެއްކަމެއް. ވަރަށް މަޑުން ހުންނާނީ. އޭނަ މި ގޭތެރެއަށް އައިސް އެ އުޅޭ ގޮތަކުން އަހަންނަށް އެބަ ޝައްކުވޭ. އަހަރެން އުޅުނީ ހަމީދު ގާތުގަ މި ވާހަކަ ބުނަން. އެކަމަކު އޭނައަކީ ގިނަ ވަގުތު ގޭގަ އުޅޭ މީހެއް ނޫން. އެހެންވެ ސަތޫއަށް ކަންނޭނގެ މި ކަން ބެލޭނީ. ފައިނާއާ ދިމާއަށް އޭނަ ބަލާ ގޮތް އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ކަމަކުނުދޭ! ވާފިރަކީ އެ ގޮތަށް މި ގެއަށް އަންނަހާ ހަމީދާ ކްލޯސް މީހެއް ވެސް ނޫން. ސަތޫއަށް އެ ކަން ފާހަގައެއް ނުވޭތަ؟"

ޖަލީލު ދެއްކީ އަހަރެން އުންމީދުކޮށްގެންހުރި ކަހަލަ ވާހަކައެއް ނޫނެވެ. ވާފިރަކީ ޖަލީލު އެ ބުނާ ކަހަލަ ކަމަކަށް އަހަރެން ޝައްކުކުރި މީހެއް ނޫނެވެ. ޖަލީލަށް ފާރަލާންހަދައިގެން ވާފިރާ މެދު ވިސްނައިލާނެ ދަނޑިވަޅެއް އަހަންނަށް ނުވެސް ލިބެއެވެ. އެކަމަކު ޖަލީލު އެހެން ބުނުމުން އަހަރެންނަށް ވިސްނައިލެވުނެވެ. ގަބޫލުކުރެވުނެވެ. ވާފިރު ގެއަށް އަންނަނީ މުޅީން ވެސް ފައިނާ އުޅޭ ގަޑިތަކުގައެވެ. ކޮންމެ ފަހަރަކު ވެސް ފައިނާއަށް ކޮންމެވެސް ހަދިޔާއެއް ގެނެއެވެ.

"ފައިނާ ގައިގަ އަތްލަން ވާފިރު މަސައްކަތްކުރާކަން ސަތޫއަށް ފާހަގަކުރެވޭތަ؟" މުޅި މޫނުމަތިން ސުވާލުއުފައްދަމުން ޖަލީލު އެހިއެވެ. "އިރުއިރުކޮޅާ ފައިނާގެ އަތުގަ ހިފާނެ. އިސްތަށިގަނޑު ރީތިކޮށްދޭނެ. ބޮލުގަ ފިރުމާލާނެ. ކޮނޑުގަ ފިރުމާލާނެ. އެއީ އެ ކަހަލަ މީހުންގެ ވައްތަރު. އިނގެރޭސިން އެއަށް މި ކިޔަނީ ގްރޫމިން. ތަންކޮޅެއް ވަގުތު ލިބިގެން މި ވާހަކަ ކިޔައިދެވޭނީ. މިހާރަކު ނެތް ޓައިމެއް. އަހަންނަށް ހަމަ އުނދަގޫވެގެން ކޮންމެ ފަހަރަކު ވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެ ވާފިރާ ދުރަށް ފައިނާ ގެންދަނީ. ހިތަށްއެރި އަނެއްކާ އަހަންނާ ދޭތެރޭގަ ސަތޫ ދެކޭނީ ކިހިނެއްބާއޭ؟"

ޖަލީލަށް ފޯނެއް އައިސްގެން އޭނަ ދިޔައެވެ. އަހަރެން ހުރީ ހިނގައިގަންނާނެ ކޮޅެއް ނޭނގިފައެވެ. ހިތަށްއެރިއެވެ. ޖަލީލު އެ ބުނަނީ ތެދެއް ހެއްޔެވެ؟ ނުވަތަ ޖަލީލުގެ ބޭނުމަކީ އަހަރެން ވާވެއްދުން ހެއްޔެވެ؟ ރަނގަޅު މަގުން އަހަރެން ދަނިކޮށް ނުބައި މަގަކަށް ކޮއްޕައިލުން ހެއްޔެވެ؟ ޖަލީލުގެ މަގުސަދު ހާސިލުކުރުމަށް ޓަކައެވެ.

ހަވާއެރުވި ރެއެކެވެ. ފައިނާ ގޮވައިގެން އަހަންނާއި ހަމީދު ތިބީ މާލޭގެ އިރުމަތިފަރާތު މޫދު ކައިރީގައެވެ. ހަވާއަރުވަން ފެށިއެވެ. ދެވަނަ ސިކުންތުގައި އަހަންނަށް ފެނުނީ ވާފިރު އައިސް ފައިނާ ފުރަގަހުގައި ހުއްޓިގެން ހުއްޓައެވެ. ވާފިރު އައިތަނެއް އަހަރެން ނުދެކެމެވެ. އެއީ އިއްތިފާގެއްކަމެއް ނުވަތަ ފައިނާއަށް ވާފިރު ފާރަލަނީކަމެއް ނޭނގެއެވެ.

"ހުރިހާ އެންމެން ހަވާބަލާ ރެޔެއް ދޯ؟" ވާފިރު ބުނެލިއެވެ.

އަހަރެން ފައިނާ ގެނެސް ގަޔާ ކައިރި ކޮށްލީމެވެ.

"އާނ! ފައިނާ މާ ކުރިއްސުރެ މި ކަމަށް ތައްޔާރުވެގެން ހުރީ،" ހަމީދު ބުންޏެވެ. "އެކަނިތަ ތި އުޅެނީ؟"

ފައިނާ ގޮވައިގެން އަހަރެންނަށް ޖެހިލެވުނީ ވާފިރާ ދުރަށެވެ.

"ނޫނޭ! އަންހެނުންނާ އެއްކޮށް މިއުޅެނީ،" ވާފިރު ޖަވާބުގައި ބުންޏެވެ. "އޭނަ އެބަހުރި ކޮޓްންކޭންޑީ ވިއްކާ ތަނުގަ."

"ކޮޓްންކޭންޑީ؟" ފައިނާ އުފާވެފައި ބުންޏެވެ. "އައި ލަވް ކޮޓްންކޭންޑީ. ޑެޑީ!"

އަހަރެންގެ އަތުތެރެއިން ފައިނާ ދެމިގަނެގެން ގޮސް ހަމީދުގެ އަތުގައި ހިފިއެވެ.

"ކަންތަކާ ޖެހުނީތާ!" ހަމީދު ސަމާސާ ރާގެއްގައި ބުންޏެވެ. "މި ތަނުން ހިނގައްޖެއްޔާ ދެން ނުލިބޭނެ ރަނގަޅު ތަންކޮޅެއް ވެސް. ސަތޫ ދާންވީނު.."

"ބޭބެޔާ އެއްކޮށް ހިނގާ ކަފަލޮލީ ގަންނަން،" ފައިނާ އަތުގައި ހިފައިފައި ވާފިރު ބުންޏެވެ. "ޕޮޕްކޯން ވެސް އެބަހުރި. ޑެޑީ ބަހައްޓާފަ ހިނގާ."

އަހަންނަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ކުއްލިއަކަށް ފައިނާގެ އަތުގައި އަހަންނަށް ހިފުނެވެ.

"ދެން ހިނގާ ގެއަށް ދަމާ!" އަހަރެން ބުނީމެވެ. "އަޑުގަދަކަމުން އެބަ ބޮލުގަރިއްސާ!"

އެހެން ބުނެފައި އަހަރެން ނިންމާލީކީ ނޫނެވެ. ފައިނާ އަތުގައި ހިފައިގެން އަހަރެން ހިނގައިގަތީމެވެ. ހަވާއަރުވައި ނުނިމެނީސް ހަމީދާއި ފައިނާ ވެސް ގެއަށް ދާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެ މީހުން ދެއްކި ވާހަކައެއް އަހަރެން އަޑެއްނާހަމެވެ. އަހަރެން ނޭވައެއްލީ މީހުންތަކުގެ ތެރެއިން ނުކުމެފައެވެ. ކޮންމެހެން ގެއަކަށް ނުދަމެވެ. އަހަރެން ބޭނުންވީ ވާފިރު ކިބައިން ސަލާމަތްވާށެވެ. އެހެން ދިމާއެއްގައި މަޑުކޮށްގެން ތިބުމަށްފަހު، ހަވާއަރުވައި ނިމުމުން ގެއަށް ދާން އަހަރުމެން ހިނގައިގަތީމެވެ. މަގުގައި މީހުން ވަރަށް ގިނައެވެ. ހަމީދާއި ފައިނާ ކޮންމެވެސް އޮލަ ވާހަކައެއް ދެއްކިއެވެ. އެ ކަމަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. އަހަރެން ހުރީ މަގަށް ސަމާލުކަންދީގެންނެވެ. އެހެންކަމުން، ނުފެންނަންވީ މަންޒަރު ފެނުނީ އަހަންނަށެވެ. ވާފިރު އެކަނިމާއެކަނި ދަނިކޮށް އަހަރެން ދުށީމެވެ. އޭނަ އުޅުނީ އަނބިމީހާއާ އެކުގައެއް ނޫނެވެ. ވީއިރު އޭނަ ދޮގުހެދީ ކީއްވެގެން ހެއްޔެވެ؟ އަހަރުމެންގެ އިތުބާރުހޯދަން ހެއްޔެވެ؟ އަނބިމީހާއާ އެކުގައި އައިސްއުޅޭކަމަށް ބުނުމުން އަހަރުމެން ޝައްކު ނުކުރާނެހެން ވާފިރަށް ހީވީ ހެއްޔެވެ؟ ވާފިރާ އެކުގައި ދާން ފައިނާ ދޫކޮށްލާނެކަމަށް ވާފިރު ހީކުރީ ހެއްޔެވެ؟ އެ ޝައްކު ހައްތަހާ ވީ ބޮޑެވެ.

އެއްދުވަހު ޖަލީލަށް ޝައްކުކޮށްފައި އަނެއް ދުވަހު ވާފިރަށް ޝައްކުކުރާ ވާހަކަ ބުނެފި ނަމަ ސިއްކަޖެހޭނީ އަހަރެންގެ ނިތްކުރީގައެވެ. ޝައްކުބަލީގެ ސިއްކައެވެ. އެހެންވެ އަހަރެން އެ ވާހަކައެއް ނުދައްކަމެވެ. ދަނޑިވަޅެއްލިބުމުން އަހަރެން ގުޅީ ޖަލީލަށެވެ. ދިމާވި ކަންތައް ވެސް ކިޔައިދިނީމެވެ. ނަސީބަކުން އެ ވަގުތަކީ ޖަލީލަށް ވާހަކަދެއްކޭ ކަހަލަ ވަގުތެވެ.

"ސަތޫއަކީ ހަމީދުގެ ވައިފް ވީމަ މި ބުނަނީ، އަހަރެންގެ ދަރިފުޅު ނާދިޔާއަކީ ވަރަށް ބިރުވެރި ދުވަސްތަކެއް ތަޖުރިބާކުރަން ޖެހުނު ކުއްޖެއް،" ޖަލީލުގެ އަޑުގައި ހުރީ ނުތަނަވަސްކަމެވެ. "އޭގެ ފަހުން އަހަރެންގެ ލޯ ހުޅުވުނީ. އޭގެ ފަހުން އަހަރެން ވާނުވާ އޮޅުންފިލުވާ މި ކަންތައްގަނޑު ތެރެއަށް ވަންނަން ފެށީ. އަހަންނަށް މިހާރު އެނގޭ ޗައިލްޑް އެބިއުސްކުރާ މީހުން އެ ކަން ކުރަނީ ކިހިނެއްކަން. ކުދިން ގާތުގަ އެ މީހުން ކިޔަނީ ކީކޭކަން. އެ މީހުން ވިސްނަނީ ކިހިނެއްކަން. ސަތޫއަށް ވެސް އެބަޖެހޭ އެނގެން. އެންމެ ފުރަތަމަ އެ މީހުން ކުރާ ކަމަކީ ގްރޫމިން."

ޖަލީލު ބުނި ގޮތުގައި ދަރިފުޅު މުޅޮއެއްގެ އަތްދަށުވާކަށް އެކަކު ވެސް ބޭނުމެއް ނުވާނެއެވެ. އެއީ ވަރަށް ހިތްދަތި ތަޖުރިބާއެކެވެ.

"މީހުންނަށް ހީވެދާނެ ކުޑަކުދިންނާ ބެހޭ މީހުން އެ ކަން ކުރަނީ މަގުމަތިން އެ ކުއްޖާ ދަނިކޮށް ޖަހައިގަނެގެން ގެންގޮސް ގަދަކަމަކުންނޭ،" ޖަލީލު ކިޔައިދިނެވެ. "ނޫން! އެއަށް ކިޔާނީ އެހެން ނަމެއް. ޖިންސީގޯނާ ކުރަނީ ކުއްޖާގެ ރުހުމާ އިތުބާރުހޯދައިގެން ދުރާލައި ރޭވިގެން، ވަރަށް ކެތްތެރިކަމާ އެކީގަ. ކުދިން ހައްލާލަން މުޅޮއިން ގެންގުޅޭ އުސޫލުތަކެއް ހުރޭ. އެއަށް އިނގެރޭސިބަހުން މި ކިޔަނީ ގްރޫމިން. ނޫނީ ތައްޔާރުކުރުން."

ޖަލީލު ވަރަށް ތަފުސީލުކޮށް ނާދިޔާގެ ވާހަކަ ކިޔައިދިނެވެ. އިބުރަތުން ފުރިގެންވާ ފިލާވަޅުތަކެއް އޭގަ ހުރީމައެވެ. ނާދިޔާއަށް ޖިންސީގޯނާ ކުރީ ރަޝީދު ކިޔާ މީހެކެވެ. ވާނުވާ އެނގުނުއިރު އޮތީ މާ ލަސްވެފައެވެ.

"ތައްޔާރުކުރުމޭ މި ކިޔަނީ ކުއްޖާގެ ފަރާތުން މުޅޯ ބޭނުންވާ މަގުސަދު ހާސިލުކުރެވޭ ވަރަށް ކުއްޖާ ތައްޔާރުކުރުމަށް،" އުނދަގުލުން ވިޔަސް ޖަލީލު ކިޔައިދިނެވެ. "ތައްޔާރުކުރުމުގެ ތެރޭގަ ކުއްޖާއާ އެ މީހާއާ ދޭތެރޭ ގާތް އެކުވެރިކަމަކާ އިތުބާރެއް އުފެދޭ. އެހެންވީމަ ދިފާއުގަ ކުއްޖާ ކުރަންޖެހޭ ހުރިހާ ކަމެއް ނުކޮށް ދޫކޮށްލާނެ. ގަދައެއްނަހަދާނެ. ފިލަން މަސައްކަތެއް ނުކުރާނެ. ބިރުކެނޑޭނެ. ސިއްރު ހިފަހައްޓައިދޭނެ. ނާދިޔާއާ ރަޝީދާ ދޭތެރޭގައި ވެސް ވަރަށް ވަރުގަދަ ގުޅުމެއް އުފެދުނު. ޖިންސީ ގޮތުން ރަޝީދު ގޯނާކުރަން ފެށީ އެ ގުޅުން އުފެދުނީމަ."

އަހަރެންގެ ލޯހުޅުވި، ރޯފިލަން ފެށިއެވެ. ނިދަން އޮތްއިރު ވެސް އަހަރެން ސިކުނޑީގައި އެނބުރެނީ ޖަލީލު ދެއްކި ވާހަކަތަކެވެ. ޖަލީލު ބުނިގޮތުގައި ރަޝީދު އެންމެ ފުރަތަމަ ކުރި ކަމަކީ ރަޝީދު ގަޔާވާ ސިފަތައް ހުންނަ ކުޑަކުއްޖަކު ހޯދުމެވެ. ރަޝީދުގެ ލޮލުގައި އަޅައިގަތީ ނާދިޔާއެވެ. ނާދިޔާ ދާ ތަންތަނަށް ރަޝީދު ދާން ފެށިއެވެ. ނާދިޔާއާ ހަތަރުކަޅި ހަމަކޮށް ބައްދަލުކުރަން ފެށިއެވެ. މިހާރު ކުޑަކުދިން އަތުގައި ފޯނާއި ޓެބު ހުރެއެވެ. އެފްބީއާއި، ވައިބާއާއި، ވަޓްސްއަ÷ޕް ކަހަލަ ވަސީލަތްތައް ހުރެއެވެ. މިހާރު ކުއްޖާ އުޅޭ ތާކަށް ކޮންމެ ފަހަރަކު ދާކަށް ނުޖެހެއެވެ. މީސްމީޑިޔާގެ އެކައުންޓުތައް ބަލައިލުމުން ކުއްޖާގެ ވަނަވަރު ދާދި ފަސޭހައިން އެނގެއެވެ. ކުއްޖާއަށް ދިމާވެގެންއުޅޭ މައްސަލަތަކާއި، ހިތްހަމަނުޖެހޭ ކަންތައްތައް ލިޔެފައި ހުރެއެވެ. ކުރާހިތްވާ ކަންކަމާއި، ކާހިތްވާ އެއްޗެހި ވެސް މެއެވެ. ނާދިޔާގެ ހިތް އަތުލުމަށް ޓަކައި އެ ފަދަ ކަންކަން ރަޝީދަށް އެނގެންޖެހެއެވެ. އެކަމަކު އުމުރު ހަގުކަމުން ނާދިޔާ އަތަކު ފޯނެއް ނެތެވެ. މީސްމީޑިޔާ އެކައުންޓުތަކެއް ވެސް ނެތެވެ. ރަޝީދަށް މަޖުބޫރުވީ ނާދިޔާއަށް ފާރަލާށެވެ. ނާދިޔާއާ ބައްދަލުކޮށް ނާދިޔާގެ ސަމާލުކަން އަތުލާށެވެ. މައިންބަފައިންގެ ލޮލުގައި އަނދުންއަޅުވައި އާއިލާގެ އިތުބާރާއި ލޯބި ރަޝީދު ހޯދިއެވެ. ކެތްތެރިކަމާ އެކުގައި ގިނަ ދުވަހުންނެވެ.

"ސަތޫ!" ހަމީދު ގޮވައިލިއެވެ.

ހަމީދު ގޮވާކަން އަހަންނަށް އެނގުނީ އިރުކޮޅެއް ފަހުންނެވެ.

"ކޮން ފިކުރެއްގަ؟" ހަމީދު ސުވާލުކުރިއެވެ. "މަ ބުނީ ވާފިރުމެން ގެއަށް މާދަމާ އެބައޮތޭ ޕާޓީއަކަށް ކިޔާފަ. ބުނި ކޮންމެހެން ވެސް ފައިނާ ގެންނައްޗޭ!"

ނުނިމޭ