ހެކި

އާދިއްތަ ދުވަހާ ގުޅޭ


"ބުނި ކޮންމެހެން ވެސް ފައިނާ ގެންނައްޗޭ!" ހަމީދު ބުންޏެވެ.

އެއީ ބުއްދިވެރިކަމެއް ހެއްޔެވެ؟ އަހަރެންގެ ހިތް އަހަންނާ ސުވާލުކުރިއެވެ. ޖަލީލު ދެއްކި ވާހަކަތައް ހަމީދަށް ކިޔައިދޭންވީ ހެއްޔެވެ؟ ނޫނީ ކޮންމެވެސް ބަހަނާއެއް ދައްކައިފައި ފައިނާ އެ ގެއަށް ނުގެންދަންވީ ހެއްޔެވެ؟ އަހަރެން ވިސްނަންއޮތުމުން ހަމީދު އަނެއްކާ ވެސް އެ ވާހަކަދެއްކިއެވެ. އަހަރެންގެ ލަފާ އެހިއެވެ.

"މި ދުވަސްވަރު ފާޑުފާޑުގެ ހުންތަކާ ރޯގާތައް އެބައުޅޭ،" ގެންދަން ބޭނުންނުވާ ކަހަލަ ރާގެއްގައި ހަމީދު ބުންޏެވެ. "އެކަމަކު ވާފިރު އެ ވަރަށް ބުނެފައޮއްވާ ނުގެންދިޔައިމަ ވެސް ފަހުން ވަރަށް ސުވާލުކުރާނެ. އަހަރެން ހިތަށްއަރަނީ ހަމަ އެ ގެއަށް ވަދެލާފަ ނުކުންނާނީއޭ. އަހައިފިއްޔާ ބުނާނީ އަދި އެހެން ޕާޓީއަކަށް ދާންއޮތީމައޭ."

އަހަންނަށް އެ ގޮތް ކަމުދިޔައެވެ. އެއްބަސްވީމެވެ. އެކަމަކު މުޅޯއިންނަކީ ކިހާ ހީލަތްތެރި ބައެއްކަން އަހަންނަށް ނުވިސްނުނީއެވެ. ދަންތުރައިގައި ސިކާރަ ހައްޔަރުކުރުމަށް ޓަކައި އެ މީހުން ކޮށްފައި ނުކުރާނެ ކަމެއް ނޯވެއެވެ. ހިތުން ނިކަން މޮޅަށް ރާވައިގެން ފައިނާ ގޮވައިގެން އަހަރުމެން އެ ގެއަށް ދިޔައީމެވެ. ވާފިރު އުޅެނީ ފަސްވަނަ ފަންގިފިލާގައެވެ. އެޕާޓުމަންޓުގައި ޖާގައޮތީ ގާތްގަނޑަކަށް ފަނަރަ ވަރަކަށް ކުދިންނަށެވެ. އޭރު ފަންސަވީހަކަށް ކުދިން ތިއްބެވެ. އުފަންދުވަސް ފާހަގަކުރާ ކުއްޖަކީ ވާފިރުގެ ބޭބެގެ ދަރިފުޅެވެ. ހަމީދަށް އެ ކަން އެނގޭކަމެއް އަހަންނަކަށް ނޭނގެއެވެ. ޔަގީނުން ވެސް އަހަންނަށް އެ ކަން އެނގުނީ އެ ގެއަށް ވަން ފަހުންނެވެ. އަހަރުމެން ވަނުމާއެކު ވާފިރު ހުރިހައި ކަމެއް ހުއްޓައިފައި އައިސް އަހަރުމެން ގާތުގައި އިށީނެވެ. ވާފިރަކީ ފޮޓޯނެގުމާ ހަވާލުވެގެންހުރި މީހާއެވެ. އޭނަ އަތުގައި ފަހުގެ ކެމެރާއެއް އޮތެވެ. އަހަރުމެން ގާތުގައި ތިބިއިރު ވެސް ހުއްޓައި ނުލައި ފައިނާގެ ފޮޓޯނެގިއެވެ. ސިއްރަކުން ނޫނެވެ. އަހަންނަށް ވަރަށް އުނދަގޫވިއެވެ. ހަމީދު އިނީ ނިކަން ހިނިއައިސްފައެވެ. އޭނައަކަށް ވާނުވާއެއް ނޭނގެއެވެ. އަނެއްކޮޅުން ފައިނާ ވެސް އެކި ގޮތްގޮތަށް ކެމެރާއަށް ބަލައިހެދިއެވެ. ފައިނާއަކީ އެ ކަހަލަ ކުއްޖެކެވެ. ފޮޓޯނަގާހިތްވާ ކުއްޖެކެވެ. ވާފިރަށް އެ ކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ ޕާޓީގެ ފޮޓޯނެގުމާ ވާފިރު ހަވާލުވެގެންއުޅުނީ ކީއްވެގެންކަން އަހަންނަށް ވިސްނުނެވެ. އަހަރެން ބޭނުންވީ ވާފިރު އަތުގައިއޮތް ކެމެރާ އަތުލައިފައި ފޮޓޯތައް ބަލައިލާށެވެ. އެ ކެމެރާ އަމާޒުކޮށްފައިހުރީ ކުދިންގެ ކޮން ދިމާއަކަށްތޯ ކަށަވަރުކުރުމަށް ޓަކައެވެ.

"ކޮބާ ހިނގާ ދަމާ!" އަހަރެންގެ ތަށްޓަށް އެޅި މަދު އެތިކޮޅު ހުސްކޮށްލައިފައި އަހަރެން ބުނީމެވެ.

"ހާދަ އަވަހަކަށް؟" ހިތްހަމަނުޖެހިފައި ވާފިރު ބުންޏެވެ. "މަ ބޭނުމޭ ފައިނާއަށް އެއްޗެއް ދައްކާލަން. ހިނގާބަލަ!"

ފައިނާ އަތުގައި ހިފައިގެން ވާފިރު ހިނގައިގަތެވެ. ހަމީދު އެ ކަމެއް ނުހުއްޓުވިއެވެ. ވާފިރު ގޮސް ކޮޓަރިއަކަށް ވަނެވެ. އަހަރެން ފުންމައިގެން ތެދުވިތަނާ ހަމީދުގެ އަތުގައި ޖެހިފައި އޭނަ ގެންގުޅުނު ކޮފީތަށި އޭނަގެ އުނގަށް ބަންޑުންވިއެވެ. އަތްދޮންނަ އިސްކުރު ހުރީ ފައިނާ ގޮވައިގެން ވާފިރު ދިޔަ ދިމާ ނޫން އަނެއް ދިމާގައެވެ. އަހަންނަކަށް ކެތެއްނުވިއެވެ. ހަމީދަކާ ހަމީދެކެވެ. އަހަންނަށް ހިނގައިގަނެވުނީ ފައިނާ ގެންދިޔަ ދިމާއަށެވެ. އެ ދޮރު ހުޅުވައިލިއިރު ފައިނާ އިނީ ކުޅޭށެވެ. ވާފިރު ހޭވައްޓައިލައިފައި ފައިނާގެ ފޮޓޯނަގަނީއެވެ. އެ ކޮޓަރިއަކީ އުފަންދުވަސް ފާހަގަކުރާ ކުއްޖާގެ ކޮޓަރިއެވެ. ވަރަށް ރީތިކޮށް ހަދައިފައިވާ ތަނެކެވެ. މުޅި ތަނުގައި އޮތީ ކުޅޭ ސާމާނެވެ. އަންހެންކުއްޖެއްގެ ކޮޓަރިކަމުން އެ ތަނުގައި މުޅީން ވެސް ހުރީ ފައިނާ ކުޅޭހިތްވާ ކަހަލަ އެއްޗެއްސެވެ.

"ދަރިފުޅާ ހިނގާދަމާ!" އަހަރެން ބުނީމެވެ. "ބައްޕަ އެބަ ހޯދާ!"

"އަދި އިރުކޮޅަކުން،" ދާން ބޭނުން ނުވެފައި އިން ފައިނާ ބުންޏެވެ. "މަންމާ ލުކް! އެލްސާ!"

އަހަންނަކީ ކުޑަ އަންހެންކުއްޖެއް ނަމަ އަހަރެން ވެސް އެ ތަނަކުން ދާހިތެއް ނުވީހެވެ. ފައިނާއާ އެއް އިސްކޮޅުގެ އެލްސާއަކާއި، ރެޕަންޒިލަކާއި، އޭރިއަލްއެއް ހުއްޓެވެ. ފާރުތަކުގައި ހުރީ ސިންޑްރެއްލާގެ ގަނޑުވަރުގެ ފޮޓޯތަކެވެ. ތަޅުންގަނޑުގައި ހުރި ތަށިމުށިތައް ހީވަނީ ވިނަގަނޑެއްހެންނެވެ. ފަންގިފިލާ ހަދައިފައި ހުރިގޮތުން ހީވަނީ އުޑުފެންނަހެންނެވެ. އެނދު ހީވަނީ ސުނޯވައިޓްގެ އެނދުހެންނެވެ. ފިނިކޮށްފައިހުރި އެ ކޮޓަރީގެ އެތައްމިތަނުގައި ކުދިކުދި ޕަރީތަކާއި، ކޮކާތަކާއި، ދޫނިތައް ބަހައްޓައިފައި ހުއްޓެވެ. ދިރޭ ދެ ކޮކާލާއި، ދޮންދޫންޏަކާއި، ކުޑަކުޑަ ގުރައެއް ވެސް އެ ތަނުގައި އުދުހިއުދުހިފައި އުޅުނެވެ. އެއީ ކޮންމެކޮންމެ ދުވަހަކު އުޅެލަން ލިބޭނެ ކަހަލަ ތަނެއް ނޫނެވެ.

"ފައިނާ އިރުކޮޅަކު ބަހައްޓާލަބަލަ! ދޯ ފައިނާ!" ދަނޑިވަޅުގެ ބޭނުންހިފަމުން ވާފިރު ބުންޏެވެ.

"އާޗާ!" ހަމީދުގެ އަޑު އަހަންނަށް އިވުނެވެ. "ހާދަހާ ސަޅި ތަނެކޭ ދޯ ދަރިފުޅާ!"

އަހަރެން ހިތަށްއެރިއެވެ. ހަމީދުގެ ބޮލުތެރޭގައި އޮތީ ކޯޗެއް ހެއްޔެވެ؟ ނުވެސް ދަންނަ މީހަކު ކުއްލިއަކަށް ދަރިފުޅާ މާ ގުޅައިލައިގެން އުޅޭއިރު ހަމީދުގެ ސިކުނޑީގައި ސުވާލު ނުއުފެދެނީ ކީއްވެގެން ހެއްޔެވެ؟

"ފައިނާ ކުޅެލަން ބައިންދަބަލަ!" ހަމީދު ބުންޏެވެ.

ހަމީދު އުޅުނީ އަހަރެން ގޮވައިގެން އެ ތަނުން ނުކުންނާށެވެ. ހުރި ފިޔަވަޅުމަތިން އަހަރެން ގުޑައި ވެސް ނުލަމެވެ. އަހަރެން އެ ތަނުން ނުކުތީ ފައިނާ ގޮވައިގެންނެވެ. ހުއްޓައިނުލައި ފައިނާ ކުސްތެޅިއެވެ. އިވޭކަމަށް ވެސް އަހަރެން ނަހަދަމެވެ. ހަމީދު ވަރަށް މައްސަލަޖެއްސިއެވެ. އެކަމަކު އަހަންނެއް ނުހުއްޓުވުނެވެ.

ގެއަށް ވަންގޮތަށް ފައިނާ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އަހަރެން ގޮވައިގެން ހަމީދު ވަނީ އަހަރުމެންގެ ކޮޓަރިއަށެވެ.

"ސަތޫ! ތީ ތަންކޮޅެއް ބޮޑުވަރު!" ޝަކުވާގެ ރާގަކަށް ހަމީދު ބުންޏެވެ. "އަޅެ އަހަރެން ބުނާ ގޮތެއް ވެސް ހަދައިލިއްޔާ ކީއްތަވާނީ؟ މީ ފައިނާގެ ބައްޕައޭ!"

"ހަމަ ރަނގަޅަށް؟" އަހަންނަށް ބުނެވުނެވެ. "ދެން ކޮންއިރަކުން ބައްޕައެއް އުޅޭހެން އުޅެން ފަށަނީ؟"

އަހަރެން ހިނގައިގަތީ ފާހާނާއާ ދިމާއަށެވެ. ފަހަތުން ހަމީދު އައިސް އަހަރެންގެ އަތުގައި ހިފޭއްޓިއެވެ.

"ކޮބާ ތީގެ މާނައަކީ؟" ހަމީދު ސުވާލުކުރިއެވެ.

"ކީކޭ ދެން ބުނާނީ؟" އަތް ފޮޅުވައިލަމުން އަހަރެން ބުނީމެވެ. "އެ ވާފިރު އުޅުނު ވައްތަރެއް ނުފެނޭތަ ހަމީދަކަށް؟"

ހަމީދަށް ލިބުނީ ޝޮކެކެވެ. އިރުކޮޅެއްވަންދެން އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"މަގޭ ހުރިހާ ރައްޓެހިންނަށް ސަތޫ ތި ވަރަށް ޝައްކުނުކޮށްބަލަ!" ހަމީދު ރުޅިއައިސްފައި ބުންޏެވެ. "ކާކުތަ ސަތޫގެ ބޮލަށް ޗިޕުޖަހަނީ؟ ފުރަތަމަ ޝައްކުކުރީ ޖަލީލަށް. މިހާރު ވާފިރަށް. ދެން ކާކުބާ؟"

އަހަރެންގެ ބިރަކީ އެއީއެވެ. އެކަމަކު ވަގުތުޖެހުމުން ހިމޭނުން ނުހުރެވުނީއެވެ.

"ކުޑަކުދިންނާ ބެހޭ މީހުން އެ ފާޑަކަށް ނޫޅޭނޭ،" ވަރަށް އެނގިފައި ހަމީދު ބުންޏެވެ. "އެ މީހުންނަކީ މަގުމަތިން ކުއްޖަކު ފެންނައިރަށް ޖަހައިގަނެގެން ގެންދާ މީހުން. އޭގެ މީހަކު ހަމަ ފެންނައިރަށް ޓަސްލާފަ އެނގޭނެ. ވަރަށް ދުރުދުރުން އެ މީހުން އުޅޭނީ. އަހަންނަށް އެ ހުރިހާ އެއްޗެއް އެނގެޔޭ. މަ ވެސް ނޫސްތަކާ އެއްޗެހި ކިޔަމޭ ސަތޫ!"

އަހަރެން ޒުވާބެއް ނުކުރަމެވެ. ނޭނގުމަށް ވުރެ ދެރަކަމަކީ ނުބައިކޮށް ތިމާއަށް ކަމެއް އެނގިފައި ވުމެވެ. ހަމީދަށް ވެފައި ވަނީ އެހެންނެވެ. ހަމީދަށް ކިހާ ނުވިސްނޭކަމެއް ހަމީދަކަށް ނުވިސްނެއެވެ.

ޖަލީލަށް ޝައްކުކުރެވުން އެއީ އަހަރެންގެ ކުށެކެވެ. ހަމީދު ގާތުގައި އެ ވާހަކަދެއްކުނުކަން އެއީ ދެވަނަ ކުށެވެ. އެ ކަން އެ ގޮތަށް ނުކުރެވުނު ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. އެހެނަސް ކަންވެ ނިމިއްޖެއެވެ. އަހަންނަށް ވިސްނުނު ގޮތުގައި ހަމީދަށް ހެއްކެއް ދެއްކެންދެން އަހަރެން ޖެހޭނީ ފައިނާ ހިމާޔަތްކުރާށެވެ. ފައިނާ އަޅާ ކޮންމެ ފިޔަވަޅަކަށް އަހަރެން ފާރަލާންޖެހޭނެއެވެ. އެއީ އުނދަގޫކަމެކެވެ. ވާފިރު ގެއަށް އަންނާނީ ކޮން ވަގުތަކުކަމެއް ނޭނގެއެވެ. ފައިނާ ގޮވައިގެން ހަމީދު ސައިކަލުދުއްވަން ދެއެވެ. އެ މީހުން ދާ ހުރިހާ ތަނެއް އަހަންނަކަށް ނޭނގެއެވެ. ދާ ހުރިހާ ތަނެއް އަހަން ފަށައިފިއްޔާ އެއީ އާ މައްސަލަތަކެއްގެ ފެށުމެވެ. ވާފިރު ގޭގައި ފައިނާ ގަޔާވާ ކަހަލަ ކޮޓަރިއެއް އެބަހުއްޓެވެ. ފައިނާއަށް އެ ތަން ފެނިއްޖެއެވެ. އަހަރެން ދަންނަ ފައިނާ އެ ތަނަށް ނުގޮހެއް ނުހުންނާނެއެވެ. ވާފިރުގެ ރޭވުމަކީ އެއީއެވެ. އަހަރެން ހިތަށްއެރިއެވެ. ދެމަފިރިންގެ ބުއްދި އެއްގަލަކަށް ނޭރުމަކީ ހަޔާތުގެ ރިޔާ ވަޔާތަޅާ ކަމެކެވެ. ދިރިއުޅުމުގެ ދަތުރު މަޑުޖެހި، މިސްރާބު ގެއްލި، ނުތަނަވަސްކަމުގެ ބިޔަ ބާނިތަކުގައި ހައްޔަރުވާ ކަމެކެވެ. ހަމީދަށް ނުވިސްނުނު ތާނގައި އަހަރެންގެ ބަސް އޭނަ ގަބޫލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް މަޖުބޫރުވީ ޖަލީލުގެ އެހީތެރިކަން ހޯދާށެވެ. ދުރާލާ ފިޔަވަޅުތަކެއް އަޅާށެވެ. އެކަނި ވިސްނޭ ވަރަށް ވުރެ އެ މައްސަލަ މާ ބޮޑެވެ.

އަހަންނާއި ޖަލީލު ބައްދަލުވަނީ ފޯނުންނެވެ. ހަމީދަށް ކުރެވިދާނެ ކުށްހީއަކުން ސަލާމަތްވުމަށް ޓަކައި އަހަރެން އިސްވެ ޖަލީލަކަށް ނުގުޅަމެވެ. ބައެއް ފަހަރު ހިތަށްއަރައެވެ. ހަމީދަށް ވިސްނައިދެވޭތޯ ޖަލީލު މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޖަލީލަކީ ހަމީދުގެ އެންމެ ގާތް އެކުވެރިޔާއެވެ. އުޅެނީ އެއް އޮފީހެއްގައެވެ.

ބެލެނިވެރިންގެ ބައްދަލުވުމަކަށް އަހަރެން ދިޔަ ރެޔެކެވެ. އާންމުކޮށް އެ ފަދަ ބައްދަލުވުންތަކަށް ދަނީ ހަމީދެވެ. އެ ރޭ އޮފީސް ކަމަކު އަވަދިނެތި އުޅެންޖެހުމުން ހަމީދަށް ނުދެވުނީއެވެ. އިސްކޫލުން ޖަލީލާ ދިމާވިއެވެ. ވަރަށް ގިނަ ވާހަކަދެކެވުނެވެ.

"މިހާރު އަހައިފި އަހަރެންގެ ބޮލަށް ކާކުހޯ ޗިޕުޖަހަނީ؟" އަހަރެން ބުނީމެވެ.

"ނަސީބެއް ތި ވާހަކަ ބުނިކަން،" އިރުކޮޅަކު ވިސްނައިލައިފައި ޖަލީލު ބުންޏެވެ. "އަހަރެން ވިސްނައިގެން މިހިރީ މިރޭ ހަމީދާ ވާހަކަދައްކަން. ވާފިރު އުޅެނީ ހަމީދާ ހާދަ ގުޅާލައިގެންނޭ. ދޭތެރެއަކުން ނައްޓާލާނެ ކޮފީއަކަށް. ހަމީދަކަށް ނޭނގޭ ހަމީދުގެ ބޮލަށްކަމެއް މީހަކު ޗިޕުޖަހަނީ. އެކަމަކު ދެން އަހަންނަކަށް ވެސް ނުކެރޭނެ އެ ވާހަކަދައްކާކަށް."

ރެޔެއްގެ އިރާކޮޅުގެ ވަގުތެވެ. ގަޑިން ހަތެއްޖެހިތާ ކުޑައިރުކޮޅެއް ފަހެވެ. ފައިނާއަށް ކާންދީފައި އަހަރެން ދިޔައީ ތަށި ދޮންނާށެވެ. ބޮޑުކޮޓަރީގެ ސޯފާގައި ފައިނާ އިނެވެ. ޓީވީބަލާށެވެ. އޭރު ޓީވީން އަންނަނީ ކާޓޫނެވެ. ގާތުގައި އިން ހަމީދު އިނީ ފޯނުން ކޮންމެވެސް އެއްޗެއް ކިޔާށެވެ. ޓީވީގެ އަޑު ފިޔަވައި އެހެން އަޑެއް ނެތެވެ. ކުއްލިއަކަށް ދޮރުގެ އަތްގަނޑުގައި ކޮންމެވެސް މީހަކު ހިފިއެވެ. ތަޅުލައިފައިހުރުމުން ދޮރެއް ނުހުޅުވެއެވެ. އަހަރެން ހިތަށްއެރިއެވެ. ރަނގަބީލު ނުޖަހައި ދޮރުހުޅުވަން އެ އުޅެނީ ކާކު ހެއްޔެވެ؟ ދޮރަށް ބަލައިލައިފައި ދޮރުހުޅުވަން ހަމީދު ހިނގައިގަތެވެ.

ނުނިމޭ