މަލައިކާ އަރޯރާގެ ފަހަތުން އަރުޖުން ކަޕޫރް ވެސް ރާއްޖެ އަށް

ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާ މި ހަފުތާގެ ކުރީކޮޅު ރައްޓެހިންތަކަކާ އެކު ރާއްޖެ އައިސްފައި ވަނިކޮށް އޭނާ ރައްޓެހިވެގެން އުޅޭ އެކްޓަރު އަރުޖުން ކަޕޫރް ވެސް ޗުއްޓީ އަށް ރާއްޖެ އައިކަން ހާމަވެއްޖެ އެވެ.


އޭނާ ޗުއްޓީ ހޭދަކުރީ ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް އަރުޖުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. މަަލައިކާ އާއި އޭނާގެ އަންހެން ރައްޓެހިން ޗުއްޓީ އަށް ދިޔައީ ނިޔަމަ ރިސޯޓަށެވެ.

އެނގިފައިވާ ގޮތުގައި އަރުޖުން މިހާރު ވަނީ ރާއްޖޭން ފުރައިފަ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަރުޖުން އާއި ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާންގެ ކުރީގެ އަންހެނުން މަލައިކާ ވަނީ މި މަހުގެ 19 ގައި ކައިވެނި ކުރަން ނިންމައިފަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އަރުޖުން މި ފަހަރު ރާއްޖެ އައީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަޓް" ގެ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅުމަށް ފަހު އެވެ. އެ ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ ޑިސެމްބަރު 6 ގަ އެވެ.

މިދިޔަ އަހަރު "ނަމަސްތޭ ލަންޑަން" އިން ފެނިގެން ދިޔަ އަރުޖުން މި އަހަރު ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި "ސަންދީޕް އޯރް ޕިންކީ ފަރާރް" އާއި "އިންޑިއާސް މޯސްޓް ވޯންޓެޑް" ހިމެނެ އެވެ.