ޓުއާ ކެންސަލްކޮށް، "ރޯލިން ސްޓޯންސް" ގެ މިކް ޖެގާ ހިތުގެ އޮޕަރޭޝަނަކަށް

މި ހަފުތާގެ ތެރޭގައި އެމެރިކާގެ ފްލޮރިޑާގައި ކުރިއަށް ގެންދަން ރޭވި އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ދަ ރޯލިން ސްޓޯން" ގެ ޓުއާ ކެންސަލްކޮށްލައި، އެ ބޭންޑްގެ މައި ލަވަކިޔުންތެރިޔާ މިކް ޖެގާ ހިތުގެ އޮޕަރޭޝަނަކަށް ތައްޔާރުވެއްޖެ އެވެ.


ސީއެންއެން އިން ބުނި ގޮތުގައި މީގެ ކުރިން ވެސް ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ 75 އަހަރުގެ ލަވަކިޔުންތެރިޔާގެ އާ އޮޕަރޭޝަން ކުރަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހު އެވެ. ނަމަވެސް މިކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ފްލޮރިޑާ އާއި ކެނެޑާގައި ބާއްވަން ނިންމި ޝޯތައް ކެންސަލް ކުރަން ޖެހުނު ވާހަކަ، ޝޯތަކަށް ޓިކެޓް ނެގި މީހުންގެ ކިބައިން މައާފަށް އެދެމުން މިކް ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ މި ދަނޑިވަޅުގައި ޓުއާ ކެންސަލް ކުރަން ޖެހުނު ނަމަވެސް، ވީހާ ވެސް އަވަހަކަށް ސްޓޭޖަށް ނުކުންނަން މަސައްކަތް ކުރާނެ ކަމަށެވެ.

ސީއެންއެން އިން ބުނި ގޮތުގައި "ރޯލިން ސްޓޯންސް" ގެ އެމެރިކާ ޓުއާ ވަރަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ކެންސަލް ކުރަން މަޖުބޫރުވީ ޑޮކްޓަރު، މިކް އަށް ޕަފޯމް ނުކުރަން އިރުޝާދު ދީފައިވާތީ އެ ނޫން ގޮތެއް ނެތިގެންނެވެ.

ހަތަރު މެމްބަރުންނާ އެކު 1962 ގައި އުފަންވި "ރޯލިން ސްޓޯންސް" އަކީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ރޮކް ބޭންޑެވެ. ބޭންޑްގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ މިކް، ކެއިތު ރިޗަޑްސް، ޗާލީ ވޮޓްސް އަދި ރޯނީ ވުޑެވެ. މަގުބޫލް ލަވަތަކެއް އެހުންތެރިންނަށް ދޫކޮށްލައިފައިވާ "ރޯލިން ސްޓޯންސް" އިން ވަނީ މިހާތަނަށް 30 އަލްބަމް ނެރެފަ އެވެ. އެންމެ ފަހުން ނެރުނު އަލްބަމަކީ 2016 ގެ "ބްލޫ އެންޑް ލޯންސަމް" އެވެ.

"ނޯ ފިލްޓާ" ގެ ނަމުގައި 2017 ގައި ފެށި ޓުއާގެ ދެވަނަ ލެގް މިދިޔަ އަހަރުގެ މެއި މަހުގެ 17 ގައި އަޔަލެންޑްގެ ޑުބްލިންއިންނެވެ. ކުރިން ރާވާފައި އޮތް ގޮތުން ނަމަ ޓުއާ ނިންމައިލަން ހަމަޖެހިފައި ވަނީ ޕޮލަންޑްގެ ވާސޯ އިން ޖުލައި 8 ގަ އެވެ.

ނަމަވެސް މިކްގެ އޮޕަރޭޝަނާ ގުޅިގެން ޓުއާގެ ތެރެއިން ބާއްވަން ނިންމި 17 ޝޯއެއް ކެންސަަލް ކުރަން ޖެހިފައިވާ ކަމަށްވެ އެވެ. އެހެންވެ އަލުން ޓުއާ ފެށޭނެ އިރަކާއި ނިންމައިލާނެ ތާރީހެއް އަދި މުޅިމް ސާފެއް ނުވެ އެވެ.