ޖޯނަސް ބްރަދާޒް މި ފަހަރު "ކޫލް" ވެފައި

މިދިޔަ މަހު "ސަކާ" ގެ ނަމުގައި އާ ލަވައެއް ގެނެސް ދިނުމަށް ފަހު، އެމެރިކާގެ ބޭންޑް ޖޯނަސް ބްރަދާޒް އިން އަނެއްކާ ވެސް ފޭނުންނަށް އާ ލަވައެއް ހަދިޔާކޮށްފި އެވެ. އެއްބަނޑު އެއްބަފާ ތިންބެއިންގެ މިފަހަރުގެ ލަވަ އަކީ "ކޫލް" އެވެ.


މި ލަވައަކީ 80 އަހަރުތަކުގެ ބީޗް ޕާޓީގެ ހަނދާންތަކުގެ ތެރެއަށް ގެންގޮސް ދޭނެ ލަވައެކެވެ. ލަވައިގެ ވީޑިއޯ ވެސް ތައްޔާރުކޮށްފައި ވަނީ ރެޓްރޯގެ ހަނދާންތަކާ އެކު ބެލުންތެރިން ހިތަށް އުފާވެރިކަން ގެނެސްދޭ ކަހަލަ ގޮތަކަށެވެ. "ކޫލް" ލަވައިގެ އަޑުގެ ވެރިންނަކީ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސް އާއި އޭނާގެ ދެ ބޭބެ އިން ކަމަށްވާ ޖޯއީ ޖޯނަސް އާއި ކެވިން ޖޯނަސް އެވެ.

ފަސް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު ޖޯނަސް ބްރަދާޒް އެނބުރި އައި ލަވަ "ސަކާ" އިން ގެނެސް ދިން އިރު، އެ ލަވައިގެ ވީޑިއޯ ހަދާފައި ވަނީ ތިން މެމްބަރުންގެ ހަޔާތުގެ ބައިވެރިން ވެސް ހިމަނައިގެންނެވެ. އެ ލަވަ އަށް ލިބުނު ބޮޑު ތަރުހީބާ އެކު ޗާޓްތަކުގެ ކުރީ ސަފުގައި އަންނަނީ ވާދަ ކުރަމުންނެވެ.

"ސަކާ" އަށް މާ ގިނަ ދުވަހެއް ނުވެ ޖޯނަސް ބްރަދާޒް އިން އާ ލަވައެއް ގެނެސް ދިނީތީ ފޭނުން ވެސް ތިބީ ވަރަށް އުފަލުންނެވެ.