މިދިޔަ އަހަރު މަރުވި އެވީޗީގެ އާ އަލްބަމެއް މި އަހަރު ނެރެނީ

މިދިޔަ އަހަރު އުމާންގައި އަމިއްލަ އަށް މަރުވި ސްވިޑްންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެވީޗީގެ އާ އަލްބަމެއް އަންނަ ޖޫން މަހު ނެރެން ނިންމައިފި އެވެ.


އޭނާގެ އާއިލާ އާއި ގާތް ރައްޓެހިން ބުނެފައިވާ ގޮތުގައި އާ އަލްބަމްގެ ނަމަކީ "ޓިމް" އެވެ. އެއީ އެވީޗީގެ އަސްލު ނަމުގެ ފުރަތަމަ ބައެވެ. އޭނާގެ ފުރިހަމަ ނަމަކީ ޓިމް ބާގްލިންގް އެވެ.

އެވީޗީ، 28، މަރުވިތާ މި މަހުގެ 20 އަށް އެއް އަހަރުވާ އިރު، "ޓިމް" ގެ ލަވަތަކުގެ ތެރެއިން "އެސްއޯއެސް" މި މަހުގެ 10 ވަނަ ދުވަހު ފޭނުންނަށް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އެކަމަކު އަލްބަމްގައި ހިމެނޭނީ ކިތައް ލަވަ ކަމެއް ހާމައެެއް ނުކުރެ އެވެ. އެވީޗީ އޭނާ މަރުވި އިރު، އަލްބަމްގެ 80 ޕަސަންޓް އޮތީ ނިމިފައި ކަމަށް އެ ރިލީޒް ކުރުމުގައި އިސްކޮށް އުޅޭ އެވީޗީގެ ގާތް ޕްރޮޑިއުސަރު އެލްބިން ނެޑްލާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަލްބަމް ފުރިހަމަ ކުރަން މަޝްހޫރު ބައެއް ފަންނާނުންގެ އެހީތެރިކަން ވެސް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އިނގިރޭސި މަޝްހޫރު ބޭންޑް ކޯލްޑް ޕްލޭގެ ލަވަކިޔުންތެރިޔާ ކްރިސް މާޓިން ހިމެނެ އެވެ.

ސްވިޑްންގެ އެންމެ ކާމިޔާބު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނުނު އެވީޗީ ވަނީ ދެ އަލްބަމެއް ކުރިން ނެރެފަ އެވެ. އެއީ 2015 ގެ "ސްޓޯރީޒް" އާއި 2013 ގެ "ޓްރޫ" އެވެ.