ހެކި

ބުދަ ދުވަހާ ގުޅޭ


ދޮރަށް ބަލައިލައިފައި ދޮރުހުޅުވަން ހަމީދު ހިނގައިގަތެވެ. ތަށިދޮންނަން ހުއްޓެއްކަމަކު އަހަރެން ހުރީ ވާނުވާ ވަރަށް ރަނގަޅަށް ބަލާށެވެ. ހަމީދު ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ ވާފިރެވެ. އޭނަ ހުރިގޮތުން ހީވީ ބުނާނެ އެއްޗެއް ނޭނގިފައި ހުރިހެންނެވެ. އޭނަ އުންމީދުކުރި ގޮތް ނޫން އެހެން ގޮތެއް ވެއްޖެހެންނެވެ. އަހަރެން ހުރީ ވާފިރު ގެއަށް ނުވައްދާ ފޮނުވައިލާނެކަމަށް ހިތާހިތުން ދުއާކޮށްކޮށެވެ. ކިތަންމެ ހިތްހުދު މީހެއްގެ ހިތުގައި ވެސް ލައްޖެހޭނެ ކަހަލަ ޝައްކުވެރި ގޮތަކަށް ވާފިރު ކަންތައްކުރީމައެވެ. އެކަމަކު ހަމީދުގެ ހިތް ހުދަށް ވުރެ ހުދީއެވެ. ކަފައަށް ވުރެ ވެސް މަޑީއެވެ.

"ވަދޭވަދޭ!" ހަމީދު ބުންޏެވެ. "ބެލް ނުޖެހެނީތަ؟"

ހަމީދުގެ ސުވާލަކަށް ވާފިރު ޖަވާބެއް ނުދެއެވެ. ވާހަކަ ބަދަލުކޮށްލަން ވާފިރު ހެދީ މޮޅު އުކުޅެކެވެ.

"މި ފޯނުގެ ބެޓެރި ދާވަރުން މިއުޅެނީ،" ފޯނު ދެމުން ވާފިރު ބުންޏެވެ. "ހަމީދަކީ މި ކަހަލަ ކަންތަކަށް މާ ގަދަ މީހެކޭ އޮފީސްތެރޭގަ ކިޔާތީ މި އައީ. އަޅެ ބަލައިލަބަލަ!"

ހަމީދު ދޮރު ލައްޕައިލަމުން ފޯނުގައި ހިފަން އަތްދިއްކޮށްލިއެވެ. ހަމީދަށް ފޯނުގައި ހިފުމުގެ ކުރިން ވާފިރު ފޯނު ދޫކޮށްލިއެވެ. އެ ކަން އަހަންނަށް އެނގުނީ އަހަރެން ވަރަށް ފަރުވާތެރިކަމާ އެކުގައި ބަލަން ހުރީމައެވެ. ތަޅުންގަނޑުގައި ފޯނު ޖެހިފައި ކޮންމެވެސް އެއްޗެއް ވިއްސައިގެންދިޔަ އަޑުއިވުނެވެ.

"ސޮރީސޮރީ!" ހަމީދު ފޯނު ނަގަމުން ބުންޏެވެ.

ބޭރުފުށުން ފޯނަކަށް އެއްވެސް ކަމެއް ނުވެއެވެ. އަހަންނަށް އެ ކަން އެނގުނީ ހަމީދު އެހެން ބުނީމައެވެ. އެކަމަކު ދެން ފޯނު މަސައްކަތެއް ނުކުރިއެވެ. ދެ މީހުން ގޮސް ސޯފާގައި އިށީނެވެ. ހަމީދު ހީކުރީ ފޯނު ވެއްޓުނީ ހަމީދު އަތުން ކަމަށެވެ. އެހެންވެ ފޯނު ރަނގަޅުކުރެވޭތޯ ހަމީދު މަސައްކަތް ފެށިއެވެ. އެ މަޅީގައި ހަމީދު ޖައްސައިފައި ވާފިރު އިށީނީ ފައިނާއާ ވަރަށް ގާތުގައެވެ. އިރުކޮޅެއް ނުވެ ފައިނާގެ ބޮލުގައި ވާފިރު ފިރުމައިލިއެވެ. ކޮންމެވެސް އެއްޗެއް ބުނެލިއެވެ. ބުނިލެއް މަޑުކަމާއި ޓީވީގެ އަޑުގެ ސަބަބުން ވާފިރު ބުނި އެއްޗެއް އަހަންނަކަށް ސާފެއް ނުވިއެވެ. ފައިނާ ބޯޖަހައިލިއެވެ. ދެން ފެނުނީ ފައިނާގެ ކޮނޑަށް ވާފިރު އަތްއެއްލި ތަނެވެ. ހަމީދަށް ކަހާ ތަން ހިރުވައި ވެސް ނުލައެވެ. އަހަންނަކަށް ނުހުރެވުނެވެ. ތަށިދޮންނަން ހުރެފައި ފައިނާއަށް ގޮވައިލީމެވެ.

"ދަރިފުޅު ހިނގާ ނިދަން!" އަހަރެން ބުނީމެވެ. "ދޭ ދަތްއުނގުޅަން."

"މަންމާ މި ތަންކޮޅު ނިމުނީމަ!" ފައިނާ ދިނީ އާންމުކޮށް އޭނަ ދޭ ޖަވާބެވެ. "ވަން މިނިޓު!"

ވާފިރު މަޑުމަޑުން ފައިނާ ނަގައި އުނގުގައި ބޭންދިއެވެ. ވާފިރުގެ ޖީބުން ޗޮކުލެޓެއް ނަގައިފައި ފައިނާއަށް ދިނެވެ. އަހަންނަކަށް ކެތެއް ނުވިއެވެ. ކުރަން ހުރި މަސައްކަތް ހުއްޓައިލައިފައި، ނުވެސް އެނގޭކަމަށް ހެދިފައި ގޮސް ފައިނާ އަތުގައި ހިފައިގެން ހިނގައިގަތީމެވެ. ފައިނާ ނުދާންވެގެން ކުސްތެޅިއެވެ. އިރުކޮޅަކު ފައިނާ ބައިންދަން ހަމީދު އެދުނެވެ. ހަމީދުގެ ލޯ އަމާޒުވެފައިހުރީ ވާފިރުގެ ފޯނަށެވެ. އަހަރެން ހުރީ ރުޅިއައިސްގެން ފަޅައިގެންދާ ވަރު ވެފައެވެ. އެހެންނަމަވެސް ޒުވާބެއް ނުފަށަންވެގެން ކެތްކޮށްލައިގެން ދިޔައީއެވެ. ފައިނާ ދަތްއުނގުޅުވައި ނިދަން ތައްޔާރުކުރަމުންދިޔައިރު އަހަރެންގެ ހިތުގައި ވަރަށް ގިނަ ސުވާލު އުފެދުނެވެ. އަހަރެން ހުރި ތަނެއްގައި ވާފިރު އެހާ ޖެހިލުން ކުޑަކޮށް ފައިނާގެ ގައިގައި އަތްލާއިރު އަހަރެން ނެތް ތަނެއްގައި ކިހާ ވަރެއް ވާނެ ހެއްޔެވެ؟ ހަމީދަކަށް ނުވިސްނެއެވެ. ހަމީދަކީ އެ ދިމާއިން ނުވިސްނޭ މީހަކީ ކަމަށް ވެދާނެއެވެ. ދަރިފުޅަށް ދެރަ ގޮތެއް ވާކަށް ހަމީދު ވެސް ބޭނުމެއް ނުވާނެއެވެ. އަހަންނަށް އެ ކަން ކަށަވަރެވެ. އެކަމަކު ސައުވީސް ގަޑިއިރު ފައިނާ ހިމާޔަތްކުރުމަކީ އަހަންނަށް އެކަނި ކުރެވޭނެ ކަމެއް ހެއްޔެވެ؟ ވާފިރަކީ މުޅޯއެއްގައި ހުންނަ ހުރިހައި ސިފަތަކެއް ފުރިހަމަ މީހެކެވެ. ކުރިން އަހަންނަށް އެ ކަން ނޭނގުނު ނަމަވެސް ޖަލީލު ކިޔައިދިނުމުން އަހަންނަށް އެ މަންޒަރު ފެނިއްޖެއެވެ. ޖަލީލު ބުނި ގޮތުގައި، މުޅޯ ގަޔާވާ ކުޑަކުއްޖާ އާންމުކޮށް ގޮސްއުޅޭ ތަންތަނަށް މުޅޯ އަންނާނެއެވެ. އެކުވެރިކަމެއް އުފެއްދޭތޯ މަސައްކަތްކުރާނެއެވެ. މުޅޯ ބޭނުންވާ ކަންކަން ކުއްޖާގެ ރުހުމުގައި ކުރުމަށް ޓަކައެވެ. ކުއްޖާ ގަޔާވާ އެއްޗެއްސާއި ކަންކަން މުޅޯ ދަނެގަންނާނެއެވެ.

"ދަރިފުޅާ!" ފައިނާ ނިދަން ބާއްވައިގެން އަހަރެން ވާހަކަދެއްކީމެވެ. "ދަރިފުޅަށް އެނގޭތަ ކާކުގެ އުނގަށްކަން ދަރިފުޅު ދެންމެ އަރާއިނީ؟"

"އަންކަލްގެ!" ވަރަށް ހަމަޖެހިލައިފައި ފައިނާ ބުންޏެވެ.

"އޭނ؟" އަހަންނަށް ބުނެވުނެވެ. "ކާކު ތިހެން ބުނީ؟"

"އަންކަލް ބުނީ! ޑެޑީ ވެސް ބުނި!" ފައިނާ ޖަވާބުގައި ބުންޏެވެ.

އަހަންނަށް ލޯމަރައިލެވުނެވެ. ދައްކަންހުރި ހުރިހާ ވާހަކައެއް ފުން ނޭވައެއްގައި ސިފައިގައި ބޭރުކޮށްލެވުނެވެ. ވާފިރާއި ފައިނާ އޮޅުކުރަން ހަމީދު އެ ކަހަލަ ކަންތައްކުރަންޏާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކަމެއް ހުއްޓުވަން އެކަކު މަސައްކަތްކުރާއިރު އަނެކަކު ދިމާ އިދިކޮޅަށް މަސައްކަތްކުރީމައި ކުޑަކުއްޖާއަށް ކިހާ އޮޅުންއަރާނެ ހެއްޔެވެ؟ އަނެއްކާ އެ ކަމާ ހަމީދާ އަރާރުންވާންވީ ހެއްޔެވެ؟ ދެމަފިރިންގެ އަރާރުމަކީ ދަރިފުޅުގެ ކަންފަތަށް ނާނާއަކަށް ނުވާނެއެވެ. ހަމީދަށް ވިސްނައިދޭން އެ ރޭ ވެސް އަހަރެން މަސައްކަތްކުރީމެވެ. ކެތްތެރިކަމާ އެކުގައެވެ. ރަނގަޅު ނިޔަތެއްގައި އަހަރެން ދޮގު ވެސް ހެދީމެވެ.

"ހަމީދު ބުނީމެއްނު ކާކުހޭ އަހަރެންގެ ބޮލަށް ޗިޕުޖަހަނީ ދޯ؟" އަހަރެން ބުނީމެވެ. "އަސްލު ވެގެން އުޅޭ ގޮތަކީ އަހަރެންގެ ރައްޓެއްސެއްގެ ދަރިއަކާ މީހަކު ބެހުނީ."

"ޖަލީލުގެ ދަރިފުޅު؟" ހަމީދު އެހިއެވެ. "އެ ކުއްޖާޔާ މީހަކު ބެހުނު ވާހަކަ އޭނަ ވަރަށް ކުރިން ބުނި."

އަހަރެން ހިތަށްއެރިއެވެ. އެހެންވިއްޔާ އަހަންނަށް ވުރެ ސަތޭކަ ގުނަ ރަނގަޅަށް ހަމީދަށް އެ ކަން އޮންނަ ގޮތް އެނގެންޖެހޭނެއެވެ. ނުވިސްނިގެން ތި އުޅެނީ ކީއްވެގެން ހެއްޔެވެ؟

"އެކަމަކު ޖަލީލަށް ވުރެ އަހަރެން މާ ސްމާޓުވާނެ،" ވަރަށް ޔަގީންކަމާ އެކުގައި ހަމީދު ބުންޏެވެ. "އަހަރެން މީ ޖަލީލުހާ ގަމާރު މީހެއް ނޫނޭ. އަހަންނަށް މާ ކުރިން ވާނުވާ ގެޓުވާނެ."

އަހަރެން ހިތަށްއެރި އެއްޗެހި ގިނަކަމުން ކަރާ ހަމައަށް ފުރުނެވެ. އަރުބެދުނެވެ. އަޑެއް ނުނިކުތެވެ. ކަރުކެހިލަން މަޖުބޫރުވިއެވެ.

"ހަމީދުގެ ވާހަކައެއް ނުދައްކަމެއްނު!" އަހަރެން ބުނީމެވެ. "މި ދައްކަނީ އަހަރެންގެ ރައްޓެއްސެއްގެ ވާހަކަ. އޭނަ ބުނީ މުޅޯ ގަޔާވާ ކުއްޖާގެ ފޭވަރިޓް ކާއެއްޗެއްސާ، ފޭވަރިޓް މިޔުޒިކަށް ދަންދެން މުޅޯ ހޯދާނޭ. އަދި އެއީ އޭނަ ވެސް އެންމެ ގަޔާވާ އެއްޗެއްސޭ ބުނެގެން ކުއްޖާގެ ބޮލަށްއެރޭނޭ. ކުއްޖާއަށް އޭނަ ކިހާ ސަމާލުކަންދޭކަން އަންގާ، ތައުރީފުގެ ބަސްބަސް ވެސް ބުނާނޭ. މުޅޯ ހަމައެކަނި ގުޅުންބާއްވަނީ ކުޑަކުއްޖާޔާ އެކަންޏެއް ނޫނޭ. ހަމީދަށް އެ ކަން އެނގޭތަ؟ ކުއްޖާގެ މައިންބަފައިންނާ، ގާތްތިމާގެ މީހުންނާ ވެސް ގުޅާލާނެ. އެ މީހުންގެ އިތުބާރާ ރުހުން ލިބޭ ކަންކަން ވެސް ކުރާނެ. އެއީ ކީއްވެ؟ އެ ނޫން ގޮތަކަށް ކުއްޖާ އަތުއަޅުވައިނުލެވޭނެތީ."

ހަމީދު ހައިރާންކަމާ އެކުގައި އަހަރެންގެ މޫނަށް ބަލައިލިއެވެ. ބުނާހެން ހީވާ ކަހަލައެވެ. މީނައަށް މިހާ ގިނަ މައުލޫމާތު އެނގެނީ ކިހިނެއް ހެއްޔެވެ؟

"ކޮބާ މުޅޯއަކީ؟" ހަމީދު ސުވާލުކުރިއެވެ.

ހަމީދު އެހީ އަހަރެން ހީ ވެސް ނުކުރާ ކަހަލަ ސުވާލެކެވެ.

"ބޮޑުނުވާ އަންހެންކުދިންނަށް ޖިންސީ ގޮތުން ގެއްލުންދޭ ފިރިހެނުން." އަހަރެން ބުނީމެވެ.

"މުޅޯ.." ހަމީދު މަޑުމަޑުން ކިޔައިލިއެވެ.

އަހަރެން ބޭނުންވީ އަހަރުމެންގެ ދަރިފުޅަށް ކުރިމަތިވެފައިވާ ނުރައްކަލާ މެދުގައި ހަމީދު ވިސްނާށެވެ. އެ ކަމުން ދަރިފުޅު ސަލާމަތްކުރާށެވެ. އެކަމަކު ހަމީދަށް ވިސްނުނީ އެ ނަމާ މެދުގައެވެ.

"އެއީ ދަރުފަޅާ އެއްޗެއްނު!" ހަމީދު ވިސްނައިލައިފައި ބުންޏެވެ.

އަހަރެން އޮތީ ކެތްތެރިކަމުގެ ރަޖާ މަތިމަތިން އަޅައިގެންނެވެ. އެހެންކަމުން ޒުވާބަކަށް މަގުފަހި ނުކޮށް އެ ހިސާބުން ނިންމައިލީއެވެ.

ޖެހިގެންއައި ދުވަހަކީ ނޫސްތަކުގައި ފަލަ ސުރުހީއެއް ފިބާކުރެވުނު ދުވަހެކެވެ. ކުޑަކުދިންނަށް ފުޓުބޯޅަ ދަސްކޮށްދޭން އުޅުނު ކޯޗެއް ކުޑަކުދިންތަކަކާ ބެހުނުކަން ފަޅާއެރީއެވެ. އެ ކަމެއް ހިނގީ އެމެރިކާގައެވެ. ދިހަ އަހަރު ދުވަހުގެ ދިގު މުއްދަތެއް ތެރޭގައި އެތަކެއް ސަތޭކަ ކުދިންނެއް ކޯޗުގެ މަޅީގައި ޖެހިފައިވެއެވެ. ހިތާމައަކީ އެ ޚަބަރު ވެސް ހަމީދުގެ ލޮލުގައި އަޅައިނުގަތްކަމެވެ. އަހަންނަށް ފާހަގަކުރެވުނު ގޮތުގައި ޖަލީލު ދެއްކި ވާހަކަތަކާއި އެ ހާދިސާ ހިނގައިފައިވާ ގޮތާ ދިމާވެއެވެ. އެއްގޮތް ކަންތައްތަކެއް ހުއްޓެވެ. ކުއްޖާ ކުރާހިތްވެފައިވާ ކަމެއް މުޅޯއަށް ކޮށްދެވިދާނެކަމަށް ބުނެ ވާވެއްދުމަކީ މުޅޯ ކުރާ ކަމެކެވެ. އޭގެތެރޭގައި ހަދިޔާދިނުމާއި، ތަންތަނަށް ގެންދިޔުން ހިމެނެއެވެ. ޓިއުޝަންނަގައިދިނުމާއި، ކުޅިވަރެއް ދަސްކޮށްދިނުމާއި، ފައިސާގެ އެހީތެރިކަން ދިނުން ހިމެނެއެވެ. ނުވަތަ އެވެނި ގައުމެއްގައި ހުންނަ މިވެނި ތަނަކަށް ގެންގޮސްދޭނެކަމަށް ބުނެގެން ވެސް ކުއްޖާގެ ސަމާލުކަން އަތުލައެވެ. ބޭނުމަކީ މުޅޯއަކީ ކިހާ މުހިންމު، ކިހާ ހާއްސަ މީހެއްކަން ކުއްޖާއަށް އިހުސާސްކުރުވުމެވެ. މައިންބަފައިން ނުވަތަ އާއިލާގެ މީހުންނަށް ނުކޮށްދެވޭ ކަންކަން މުޅޯ ކޮށްދޭނެކަމުގެ ޔަގީންކަން ކުއްޖާއަށް ދިނުމެވެ.

ފައިނާ ސަލާމަތްކުރަން އަހަރެން މަސައްކަތްކޮށްކޮށް ހުއްޓައި ހަތަރުވަނަ މަރުހަލާ ކުރިމަތިވިއެވެ. އެއީ ކުއްޖާއާއި އެހެން މީހުންނާ ދެމެދުގައި އޮންނަ ގުޅުން ހީނަރުކޮށްލުމަށް މުޅޯ މަސައްކަތް ފަށާ މަރުހަލާއެވެ. އެ ދެމެދުގައި ހިނގާ ކަންކަން ކިޔައިދޭނެ އެއްވެސް މީހަކު ނުބެހެއްޓުމަށް ޓަކައެވެ. ވާފިރު ކުރާނެ މުޑުދާރުކަންތައް ވީހާ ވެސް ގިނަ ދުވަހު ސިއްރުކޮށްފައި ބޭއްވުމަށް ޓަކައެވެ. ފައިނާއަކީ ދޮގުހަދާ ކުއްޖެއް ނޫނެވެ. ސިއްރުން ކަންކަންކުރާ ކުއްޖެއް ނޫނެވެ. އަހަންނާއި ފައިނާއާ ދެމެދުގައި އޮންނަ ގުޅުން ރަނގަޅެވެ. ފައިނާގެ އުމުރާ ގުޅޭ މިންވަރަށް ފައިނާއަށް މިނިވަންކަން ވެސް އަހަރެން ދެމެވެ. އެކަމަކު ކޮންޓުރޯލުކޮށްފައި ހުންނަ ކަންކަން ވެސް ހުންނާނެއެވެ. ގިނައިން ހަކުރު ހުންނަ އެއްޗެއްސާއި މޭކަޕު ސާމާނަކީ ވަކި މިންވަރަކަށް ފައިނާއަށް ލިބޭ އެއްޗެކެވެ. އުމުރަށް ވުރެ ދޮށީ ވާހަކަފޮތާއި، ފިލްމުތައް ބެލުން ފައިނާއަށް މަނާވާނެއެވެ.

އާދައިގެމަތިން ދުވަހެކެވެ. ކައްކަންއުދައިފައި ފައިނާ ކޮޓަރިއަށް އަހަރެން ވަނީ އެނދު ތަންމަތިއަޅާށެވެ. ގޮދަޑީގެ ކޮޅު ބަދަލުކޮށްލުމަކީ ދޭތެރެއަކުން އަހަރެން ކުރާ ކަމެކެވެ. އެ ދުވަހު ވެސް އަހަރެން ގޮދަޑި ހިއްލައިލީ އެ ނިޔަތުގައެވެ. އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ.

ނުނިމޭ