މަހޭޝް ބަޓްގެ "ސަޅަކް 2" ގެ ޝޫޓިން އަންނަ މަހު ފަށަން ނިންމައިފި

ބޮލީވުޑްގެ ކާމިޔާބު ޒުވާން ބަތަލާ އާލިއާ ބަޓް ކުޅޭ، އާއިލީ ފިލްމު ކުންފުނި ވިޝޭޝްގެ ފުރަތަމަ ފިލްމު "ސަޅަކް 2" ގެ ޝޫޓިން އަންނަ މަހު ފަށަން ނިންމައިފި އެވެ.


އެކަން ކަށަވަރުކޮށް ދެމުން އާލިއާ ބުނީ ފިލްމުގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި އެކަމާ ވަރަށް އުފަލުން ހުރި ކަމަށެވެ.

"ސަޅަކް 2" އަކީ އާލިއާގެ ބައްޕަ މަހޭޝް ބަޓް 20 އަހަރު ފަހުން ޑައިރެކްޝަނަށް އެނބުރި އަންނަ ފިލްމު ވެސް މެ އެވެ. ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ މަހޭޝް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 1999 ގެ "ކާޓޫސް" އެވެ.

އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސަޅަކް" ގެ ދެވަނަ ބައިގެ ގޮތުގައި ގެނެސްދޭ "ސަޅަކް 2" ގެ ތަރިންނަކީ ފުރަތަމަ ބައިގައި ވެސް ލީޑް ރޯލް ކުޅުނު މަހޭޝްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓާއި ސަންޖޭ ދަތާއި ހަގު އަންހެން ދަރިފުޅު އާލިއާގެ އިތުރުން އަދިތިޔާ ރޯއި ކަޕޫރެވެ.

އަދި މި ފިލްމުވެގެން ދާނީ މި މަހުގެ 17 ގައި ރިލީޒް ކުރާ "ކަލަންކް" އަށް ފަހު އަދިތިޔާ އާއި ސަންޖޭއާ އެކު އާލިއާ މަސައްކަތް ކުރާ ދެވަނަ ފިލްމަށެވެ. އަދި މިއީ ދައްތަ ޕޫޖާއާ އެކު އާލިއާ މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސަޅަކް 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މާޗް، 25، 2020 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގައި 1991 ގައި ރިލީޒް ކުރި "ސަޅަކް" ގައި ހިމެނޭ ހިޓް ލަވަ "ތުމޭ އަޕްނާ ބަނާނޭ" ގެ އާ ވާޝަނެއް ވެސް ހިމެނޭނެ އެވެ.

"ސަޅަކް 2" ގެ ޝޫޓިން އަންނަ މަހު އާލިއާ ފަށާ އިރު، އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި މި އަހަރު ޑިސެމްބަރުގައި ރިލީޒް ކުރާ "ބުރައްމަސްތުރާ"، އަންނަ އަހަރު ގެނެސްދޭ ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ"، އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އަދި ކަރަން ޖޯހަރުގެ "ތަހުތު" ހިމެނެ އެވެ.؛