"ޒޫޓޯޕިއާ" ގެ ޑައިރެކްޓަރު ރިޗް މޯ ޑިޒްނީ ދޫކޮށް ސޮނީ ޕިކްޗާޒްއާ ގުޅިއްޖެ

އޮސްކާ އެވޯޑް ހޯދި ޑިޒްނީގެ "ޒޫޓޯޕިއާ" ގެ ކުޅަދާނަ ޑައިރެކްޓަރު އެ ސްޓޫޑިއޯ ދޫކޮށް، ސޮނީ ޕިކްޗާޒް އެނިމޭޝަނާ ގުޅިއްޖެ އެވެ.


އެކަމަކު ރިޗް ޑިޒްނީ ދޫކޮށްލި ސަބަބެއް ހާމައެއް ނުކުރެ އެވެ.

އޭނާ ބުނި ގޮތުގައި މި އަހަރު ބޭއްވި 99 ވަނަ އޮސްކާ އެވޯޑްސްގައި "ސްޕައިޑަ-މޭން: އިންޓް ދަ ސްޕައިޑަ-ވާސް" އިން އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އެވޯޑް ހޯދި ސޮނީއަކީ މިހާރު އެނިމޭޝަންގެ ދުނިޔޭގައޮި ގަދަފަދަކަން ދައްކަމުން އަންނަ މުސްތަގުބަލު އުޖާލާ ސްޓޫޑިއޯއެކެވެ. އެހެންވެ އެތަނުގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް "ރެކިޓް ރާފް" އާއި "ރާފް ބްރޭކްސް ދި އިންޓަނެޓް" ފަދަ ކާމިޔާބު އެނިމޭޓެޑް ފިލްމުތައް ގެނެސް ދީފައިވާ 55 އަހަރުގެ ޑައިރެކްޓަރު ބުންޏެވެ.

"އަހަރެން މިހާރު މިހުރީ ސޮނީއާ އެކު މަސައްކަތް ފަށައި ގަންނަން ކެތްމަދުވެފައި. އަހަރެން ގަބޫލު ކުރާ ގޮތުގައި ފިލްމު ހަދާ މީހަކަށް އޭނާގެ އަމިއްލަ ތަސައްވުރާ އެއްގޮތަށް މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އެންމެ ބޮޑު އެއް އުފާ،" ރިޗް ބުންޏެވެ. "ސޮނީއަކީ އެ ފުރުސަތު ހުޅުވާލެވިފައި އޮތް ސްޓޫޑިއޯއެއް."

ރިޗް، ސޮނީއާ ގުޅުމުން ބޮޑު އުފަލެއް ލިބިފައި ހުރި އެ ސްޓޫޑިއޯގެ ރައީސާ ކްރިސްޓީން ބެލްސަން ރިޗަށް ތައުރީފު ކުރަމުން ބުނީ "ވޯލްޑް-ކްލާސް ސްޓޯރީޓެލާއަކު ސޮނީއާ ގުޅުމަކީ ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ.

"އޭނާއާ އެކު އަހަރެމެން އެނިމޭޝަންގެ ދުނިޔެ އަށް ފެންވަރު ރަނގަޅު އާދަޔާހިލާފު ރީތި އުފެއްދުންތަކެއް ގެނެސް ދޭނަން،" ކްރިސްޓީން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރިޗްގެ ހިއްސާ ސޮނީން ހަދާ ފީޗާ ފިލްމުތަކާއި ސީރީޒް ފަދަ އުފެއްދުންތަކަށް ވެސް ލިބިގެން ދާނެ އެވެ.