ހެކި

އާދިއްތަ ދުވަހާ ގުޅޭ


އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ގޮދަޑި ދަށުގައި އޮތީ ފޮޓޯ ރޮމޭންސް ފޮތެކެވެ. އެއީ ތަންކޮޅެއް ކުރިން ރާއްޖޭގައި ވެސް ވަރަށް މަޝްހޫރުވި އެއްޗެކެވެ. އޭގައި ހުންނާނީ ލޯބީގެ ވާހަކަތަކެވެ. ކޮމިކުގައި ހުންނަ ގޮތަށެވެ. ތަފާތަކީ އަސްލު ފޮޓޯ ބޭނުންކޮށްފައި ހުންނަކަމެވެ. އޮރިޔާން މަންޒަރެއް އެއަކު ނުހުރެއެވެ. އެކަމަކު ފައިނާ އުމުރުގެ ކުއްޖަކު ބަލަން އެކަށީގެންނުވާ ކަހަލަ ގައިގޯޅި މަންޒަރު ހުރެއެވެ. އަހަރެން އެ ފޮތް ބަލައިލީމެވެ. ފައިނާ އެނދުގެ ގޮދަޑިދަށުގައި އެ ފޮތް އޮންނަންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. ގޭގައި ނުގެންގުޅޭ އެއްޗެއް ފައިނާ އަތަކުން ނުފެންނާނެއެވެ. ހާއްސަކޮށް ގޮދަޑި ދަށަކީ ފައިނާ އެއްޗެހި ފޮރުވާ ތަނެއް ނޫނެވެ. އަހަރެންގެ ފޯނު ނުވަތަ ތަޅުދަނޑިފަތި ބައެއް ފަހަރު ބާލީސްދަށަށް ލައެވެ. ގެންގުޅޭ ކުޅޭ ސާމާނުގެ ތެރެއަށް ރިމޯޓު ވެސް ލައި ފޮރުވައެވެ. އެއީ ސަމާސާއަކަށް ފައިނާ ކުރާ ކަންކަމެވެ. ފައިނާއަކީ އަހަރެން ސިއްސައިގެންދާ ކަހަލަ ސިއްރު ކަންތައް ކުރާ ކުއްޖެއް ނޫނެވެ. އެކަމަކު ކުޑަކުދިންނަށް ސިއްރުކަންތައް ކުރަން ދަސްކޮށްދިނުމަކީ މުޅޯ ކުރާ ކަމެކެވެ. އެހެން މީހުންނާ ކުއްޖާ އެކަހެރިކުރުމާއި، ކުރުވާ މުޑުދާރު ކަންތައް ބޭޒާރުވިޔަ ނުދިނުމަށް ޓަކައެވެ.

މުޅި ދުވަހު އަހަންނަށް ވިސްނުނީ އެ ކަމާއެވެ. ފައިނާއަށް އެ ފޮތް ދީފާނެ ހަމައެކަނި މީހަކީ ވާފިރެވެ. އަހަންނަށް އެ ކަން ޔަގީނެވެ. އެކަމަކު ހެއްކެއް ނެތެވެ. ސާބިތެއް ނުކުރެވޭނެއެވެ. އެ ފިކުރުގައި ހުއްޓައި މުހުސިނާ ގުޅިއެވެ. އަހަރެން އެ ކޯލަށް ޖަވާބުދިނީ ތިންވަނަ ފަހަރު މުހުސިނާ ގުޅީމައެވެ.

"މަ ގުޅާގުޅާ!" ވަރަށް ޖޯޝުގައި މުހުސިނާ ބުންޏެވެ. "ހިނގާ ވޯޓުލާން. އެންމެން އެބަ ނައްޓާލާ! މި ދަނީ ބަލާ އިނގޭ."

"އަހަރެން ވޯޓެއް ނުލާނަން ކަންނޭނގެ." ނޫން ގޮތަކަށް އަހަންނަށް ބުނެވުނެވެ.

"އައްދެ! ހާދަ ވަނދުކޮށް؟" މުހުސިނާ ބުންޏެވެ. "ބަލިވީތަ؟"

މުހުސިނާއަކީ ނާސަރީ ޓީޗަރެކެވެ. އަހަރެންގެ އަވަށްޓެރިއެކެވެ. އެކަމަކު ފައިނާއަށް ދިމާވެގެންއުޅޭ ކަންތަކުގެ އެއްވެސް ވާހަކައެއް މުހުސިނާ ގާތަކު އަހަރެން ނުދައްކަމެވެ. އެ ފަހަރު ހިތަށްއެރިއެވެ. މަޝްވަރާކޮށްލަން ވެއްޖެއެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެއެވެ. ފަހަރެއްގައި ހަމީދަށް ވުރެ ފަސޭހައިން މުހުސިނާއަށް ވިސްނިދާނެއެވެ.

"ކުޑަ ކަމެއް ދިމާވެގެންނޭ މި އުޅެނީ." ކުޑަ ގޮތަކަށް އަހަރެން ފެށީމެވެ.

މުހުސިނާ ވަރަށް ފަރުވާތެރިކަމާ އެކުގައި އަހަރެންގެ ވާހަކަ އަޑުއެހިއެވެ. އަހަރެން ހީކުރި ވަރަށް ވުރެ ބޮޑަށް މުހުސިނާ ކަންބޮޑުވިއެވެ. ފޯނުން ވާހަކަދެއްކުމުގެ ބަދަލުގައި ވާހަކަދައްކަން އަހަރެންގެ ގެއަށް އައެވެ.

"ބޭނުމެއް ނޫން މިހެން ބުނާކަށް އެކަމަކު ހަމީދަކީ ހާދަ ހެއްވާ މީހެކޭ،" މުހުސިނާ ބުންޏެވެ. "އަހަންނަކީ އެކި މިޒާޖުގެ ކުދިން ތެރޭގަ ދުވާލު ހަތަރުދަމު އުޅޭ މީހެއް. ތި ކަހަލަ ކިތައް ކޭސް އަހަންނަށް ފެނިއްޖެ! ސަތޫ ތި ވާހަކަ ކިޔައިދޭއިރަށް އަހަންނަށް އެނގިއްޖެ ތި ބުނާ ވާފިރު މިހާރު ފައިނާ ގްރޫމްކުރަނީކަން. ދެން ފެންނާނީ ފައިނާއާ ސަތޫއާ ދުރުކޮށްލާ ތަން."

"ބަލަ ތި ކަން ކޮށް ނިމިއްޖޭ!" ފައިނާ އެނދުގެ ގޮދަޑިދަށުން ފެނުނު ފޮތް ދައްކާލަމުން އަހަރެން ބުނީމެވެ. "މީ މަގޭ ދަރީގެ އެނދުގެ ގޮދަޑިދަށުގަ އޮންނަންޖެހޭ ކަހަލަ އެއްޗެއްތަ އަޅެ؟ އަހަންނަކަށް ނޭނގެ މި އެ ތަނަށް އައި ގޮތެއް ވެސް. މިއާ ބެހޭ އެއްވެސް ވާހަކައެއް ފައިނާއެއް ނުދައްކާ!"

މުހުސިނާ ފޮތުގެ ގަނޑުތައް އުކައި ބަލައިލައިފައި އަހަންނަށް ފޮތް ދިއްކޮށްލިއެވެ. އަހަރެން ފޮތް ވީދައިލައިފައި ވަށިގަނޑަށް އަޅައިލީމެވެ.

"ޗައިލްޑް އެބިއުސްކުރާ މީހުން ބޭނުންވާނެ ޕޭރަންޓުންނާ ކުއްޖާ ދުރުކޮށްލަން،" މުހުސިނާ ވެސް ދެއްކީ ޖަލީލު ދެއްކި ކަހަލަ ވާހަކަތަކެކެވެ. "އެކުވެރިންނާ ކުއްޖާއާ އޮންނަ ގުޅުން ވެސް ހީނަރުކޮށްލާނެ. އޭރުން ފަހަރެއްގަ ކުއްޖާގެ ޚިޔާލު ބަދަލުވިޔަސް ކުއްޖާ އެ ވާހަކަތައް ކިޔައިދޭނެ ގާތް މީހަކު ނުހުންނާނެ. އެހެންވެ ކުއްޖާއާ ވާހަކަދައްކަން އޭނަ ޓައިމް ހޭދަކުރާނެ. ފެމެލީގެ ރުހުން ހޯދައިގެން ކުއްޖާއަށް އައިސްކިރިމު ދޭން ނޫނީ ކުޅިވަރެއް ދަސްކޮށްދޭން ނޫނީ ބައިސްކަލު ދުއްވަން ދަސްކޮށްދޭން ނޫނީ ސައިކަލުދުއްވައިލަން ގެންދަން ފަށާނެ. ކޮޓަރިއަށް ގެންގޮސް ކާއެއްޗެހި ދީ ނޫނީ ކުލަޖައްސަން ބައިންދާނެ. މަންމަ ނޫނީ ބައްޕަ ބޭރަށްދާ ވަގުތު ދަރިފުޅު ބަލަހައްޓައިދޭން ވޮލަންޓްރީކޮށް ވެސް އަންނާނެ. ކުޑަކުދިންނާ ގިނައިން ބައްދަލުވާނެ ކަހަލަ ތަންތަނަށް ދިޔުމާ، އެ ކަހަލަ މަގާމެއްގަ ހުންނަން އޭނަ ބޭނުންވާނެ. ހަގީގީ ބޭނުމަކީ ކުއްޖަކު އަތުއަޅުވައިލައިގެން ކުއްޖާއާ އެކީގަ އެކަނި ވަގުތު ހޭދަކުރުން. މީހަކަށް ނުފެންނާނެ ކަހަލަ ތަނަކަށް ކުއްޖާ ގެނައުން. މީހަކު ފާރަނުލާނެ ކަހަލަ ތަނެއްގަ ހުރިހާ ކަމެއް ހިނގާނީ. އެއީ ކޮންމެހެން ގެއިން ބޭރު ތަނަކަށް ވާކަށް ނުޖެހޭ. ކޮންމެވެސް ބަހަނާއެއް ދައްކައިފަ ކުއްޖާ ގޮވައިގެން ކޮޓަރިތެރެއަށް ވަދެވެސް އެ ފަދަ ދަނޑިވަޅު ހޯދަން އޭނަ މަސައްކަތްކުރާނެ. އޭނަ ބޭނުންވާ ވާހަކަތައް ދައްކާނީ އެ ދަނޑިވަޅުގަ. މައިންބަފައިން ތިބެންވާނީ މި ކަމަށް ފިސާރި ހޭއަރާ. ދަރިފުޅާ އޮންނަ ގުޅުން ވަރަށް ރަނގަޅުވާން ޖެހޭނެ."

އާ ވާހަކައެއް މުހުސިނާ ނުދައްކައެވެ. ދޭނެ އާ ޖަވާބެއް ވެސް އަހަންނަކަށް ނޭނގުނެވެ. ކުރެވުނުހާ ވެސް ކަމަކީ އަޑުއަހަން އިނުމެވެ.

"މީހަކާ އެކީގަ ދަރިފުޅު ފޮނުވިޔަސް ދަރިފުޅު ގެއަށް އައިމަ ނިކަން ހުސިޔާރުކަމާ އެކީގަ ދަރިފުޅު ކުރި ކަންކަން އޮޅުންފިލުވާތި!" އަހަންނަށް ނޭނގޭ ބައެއް ކަންކަން ވެސް މުހުސިނާ ކިޔައިދިނެވެ. "ދަރިފުޅަށް ޝައްކު ނުކުރެވޭނެހާ ދުރުދުރުން އަހަމުން ގޮސް ވާހަކަތައް ހޯދެންޖެހޭނީ. ތަރުބިއްޔަތު ރަނގަޅުވާ ވަރަކަށް ދަރިފުޅުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ. ކުޑަކުދިންނާ ބެހޭ މީހުން އަބަދުވެސް ބޭނުންވާނީ ދަރިންނާ މައިންބަފައިންނާ ދެމެދުގަ އޮންނަ ގުޅުން ވަރުގަދަވިޔަ ނުދޭން. ފަހަރެއްގަ ވެސް އޭނަ ކުރާ ކަންތައްތައް ފަޅާއެރިޔަ ނުދޭން. ސިއްރު ހިފަހައްޓަން ކުއްޖާއަށް ދަސްކޮށްދިނުމަކީ ވެސް އެ ކަހަލަ މީހުން ކުރާ ކަމެއް. އެންމެ ފުރަތަމަ ކުއްޖާ ގާތުގަ ބުނާނީ އާދައިގެ ކުދިކުދި ސިއްރުތައް. މިސާލަކަށް ޗޮކުލެޓެއް، ކުޅޭ އެއްޗެއް ދީފާނެ. އަދި ބުނާނެ އެއްވެސް މީހެއް ގާތުގަ މި ވާހަކަ ނުބުނައްޗޭ. ކޮންމެވެސް ތާކަށްލާފަ ފޮރުވާފަ ބާއްވައްޗޭ! ބޭނުމަކީ އެ ކުއްޖާ ކިހާ ވަރަކަށް ސިއްރު ހިފަހައްޓާތޯ ބަލައިލުން. ކުއްޖާ ދޮގުހަދަނީ ކާކަށްތޯ ބެލުމަށްޓަކާ. މައިންބަފައިންނަށް ދޮގުހެދުމުގެ ހުނަރު ކުއްޖާއަށް ދަސްކޮށްދިނުމަށްޓަކާ. އާންމު ގޮތެއްގަ ކުއްޖާއަށް ޖިންސީ ގޯނާކުރާނީ ދުރުހިލޭ މީހެއް ނޫން. އާއިލާ މީހެއް. ނޫނީ އެކުވެރިއެއް. ގެއަށް ވަދެއުޅޭ މީހެއް. އާއިލާއަށް އިތުބާރުކުރެވޭ، ކުއްޖާއަށް ދެރައެއް ނުދޭނެހެން ހީވާ ކަހަލަ މީހެއް."

"ފައިނާއަށް ވަރަށް ރަނގަޅަށް ވިސްނައިދީފަ ހުންނާނީ. އޭނައަށް އެނގެންވާނެ އޭނަގެ ގައިގަ އަތްލެވޭނީ ކޮންކޮން ބަޔަކަށްކަން،" އުންމީދާ އެކުގައި އަހަރެން ބުނީމެވެ. "އަތްލާ މީހަކަށް އަތްލެވޭނީ ކޮންކޮން ތަނެއްގަކަން ވެސް ބުނެދީފަ ހުންނާނީ."

މުހުސިނާ ދެއަތަކަށް ބޯހޫރައިލިއެވެ.

"ތީ ހަމަ ހީވާ ގޮތް،" މުހުސިނާ ބުންޏެވެ. "އޭނަ އެ ކަން ކުރާނީ ކުއްޖާއަށް ޝައްކު ނުކުރެވޭހާ ދުރުދުރުން. ފުރަތަމަ އަތްލާނީ ކޮނޑުގަ. ނޫނީ އިސްތަށިގަނޑުގަ. ނޫނީ ގިލިގިލިކޮށްޓައިލަފާނެ. ބައެއް ފަހަރު ކުއްޖާގެ އުމުރާ ނުގުޅޭ ކަހަލަ މަންޒަރުތަކެއް ދައްކަފާނެ. ނޫނީ ދެ މީހުން އެކުގަ އެ ފަދަ މަންޒަރުތަކެއް ބަލައިވެސް ފާނެ. ކުއްޖާގެ ގައިގަ އަތްލަން ނުވާ ތަނެއްގަ އަތްލައިފަ ހަދާނީ އޮޅިގެން އަތް ޖެހުނީކަމަށް. ބޭނުމަކީ ކުއްޖާ ބިރުކެނޑުވުން. އެ ކަމަކީ އާދައިގެ ކަމަކަށް ހަދައި ހޭނުވުން. ކުއްޖާގެ ގައިގަ އެހެން މީހުން އަތްލިޔަނުދޭންވީ ތަންތަން ބުނެދީފަތޯ ހުރީ ބަލައިލުން. ކުއްޖާއަށް ބުނެދީފަ ނެތްކަން އެނގިއްޖެއްޔާ އެ މީހާ ބޭނުން ކަންތައް ވަރަށް އަވަހަށް ކުރަން ފަށާނެ. ކުއްޖާ ހޭލުންތެރިވެފަހުރިއްޔާ ބިރުކަނޑުވައި، އިތުބާރުހޯދަން ދެން ފަށާނީ. އެ ކަމަށް ވަގުތުނަގާނެ. މި ވަނީ ކީއްކަން ކުއްޖާއަށް ނުވެސް އެނގޭހާ ލަސްލަހުން އެ ކަން ކުރާނީ. ކުއްޖާ އިންނާނީ މި ވަނީ ކީއްކަން ނޭނގިފަ. އޭރު އެ މީހާއަށް އިތުބާރުދެވިފައޮތް ވަރުން ކުއްޖާއަށް ހީވާނީ އެ މީހާ ކުރާ އެއްވެސް ކަމަކީ ގޯސްކަމެއް ނޫނޭ. އެހާ ރަނގަޅު މީހަކު ގޯސްކަމެއް ނުކުރާނޭ."

ފައިނާ ސަލާމަތްކޮށްގެން ނެރެންހުރި ކުޑަދޮރު މަޑުމަޑުން ލެއްޕޭތަން އަހަންނަށް ފެންނަން ފެށިއެވެ. ފައިނާ އެނދުގެ ގޮދަޑިދަށުން ފެނުނު ފޮތުގެ ވާހަކަ ހަމީދު ގާތުގައި ވެސް އަހަރެން ބުނީމެވެ. ނަސީބަކުން ހަމީދަށް ވެސް އެ ކަން ގޯސްވިއެވެ.

"އެކަމަކު ހެއްކެއް ނެތީސް މީހެއްގެ ބޮލަކު ތި ވަރުގެ ތުހުމަތެއް ނޭޅުވޭނެއްނު ސަތޫ،" އަހަންނަށް ވިސްނައިދޭ ރާގުގައި ހަމީދު ބުންޏެވެ. "މިސާލަކަށް، އެ ކޮޓަރިއަށް ވަދޭ ޖަލީލު ވެސް. އެނދު ކައިރީގަ ވާހަކަކިޔައިދޭން ވެސް އޭނަ އިނދޭ. ދެން މަ ވީ އޭނައަށް ޝައްކުކުރަން؟"

ހަމީދު ފާހަގަކުރި ނުކުތާ ރަނގަޅެވެ. އެ ޝައްކު އަހަރެންގެ ހިތުގައި ވެސް ނުއުފައްދަންވީ ސަބަބެއް ނެތެވެ. ޖަލީލާއި ވާފިރަކީ ވެސް އެ މީހުންގެ ގޮތް އަހަންނަށް ރަނގަޅަށް އެނގޭ މީހުނެއް ނޫނެވެ. އެއްވެސް މީހެއްގެ ނިތްކުރިއަކު އެ މީހެއްގެ ހަގީގަތް ލިޔެވިފައެއް ނުހުރެއެވެ. ބޮޑަށް މަކަރުވެރީ ކާކުކަމެއް އަހަންނަކަށް ނޭނގެއެވެ.

އަހަންނަށް ލެވުނު ވަރަކުން ފައިނާއަށް ފާރަލީމެވެ. އަދި ޖަލީލަކީ ކޮން ކަހަލަ މީހެއްތޯ ދަސްކުރަން ވެސް މަސައްކަތް ފެށީމެވެ. ހިނގަން އޮތް މަގު ދިގުވެފައި އަޑިގުޑަން ގިނައެވެ. ޖަލީލުގެ އަންހެނުންނަކީ އަހަރެންގެ ރައްޓެއްސެއްގެ ތިމާގެ ކުއްޖެކެވެ. އަހަރެން އޮޅުންފިލުވަން ބޭނުންވަނީ ޖަލީލު ބުނި ކަހަލަ ހާދިސާއެއް ހަގީގަތުގައި ވެސް ޖަލީލުގެ ދަރިފުޅަށް ދިމާވެފައިވޭތޯއެވެ. ނުވަތަ އެއީ އަހަރެންގެ ހަމްދަރުދީއާއި އިތުބާރު ހޯދަން ޖަލީލު ހަދައިލި ވާހަކައެއްތޯއެވެ. ޖަލީލު ހެދީ ދޮގެއް ނަމަ އަހަންނަށް އޮޅުކުރެވުނީ ވިހަ ގަދަ ހަރުފައެއްކަން ކަށަވަރެވެ. އެ ތަހުގީގުގެ ފުން ކަނޑެއްގައި އޮޔާ ދެކޮޅަށް އަހަރެން ފަތަނިކޮށް ގަޑީގެ ކަށި ބާރަޔާ އަރާ ހަމަވިއެވެ.

ނުނިމޭ