މުނިފޫހިފިލުވުން / ބޮލީވުޑް

ފިލްމެއް ފްލޮޕް ވިޔަސް ޝާހްރުކާއި އާމިރު ހާން ހާހެއް ނުވާނެ: ސަލްމާން ހާން

15 އެޕްރީލް 2019 - 07:38

އާމިރު ހާނާއި ޝާހްރުކް ހާންގެ އެންމެ ފަހުގެ ފިލްމުތައް ފްލޮޕްވެފައި ވާތީ ގިނަ ބަޔަކު ބުނަނީ މި ތަރިންގެ ޒަމާން މިހާރު ހިނގައްޖެ ކަމަށެވެ. އެއް ޖީލަކަށް ނިސްބަތްވާ ޝާހްރުކާއި އާމިރުގެ އިތުރުން ސަލްމާން ހާނަކީ ގިނަ ބަޔަކު ސިފަކުރާ ގޮތުގައި ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ހާނުންނެވެ.

އެހެންވެ މި ތަރިން ކިތަންމެ ފީކަޅާ ފިލްމެއް ކުޅުނަސް، އެ ފިލްމުތައް ބެލުންތެރިން މީގެ ކުރިން ބަލައިގަނެ އެެވެ. އެކަމަކު ޒަމާން ބަދަލުވެ، ބޮލީވުޑްގައި ތަރިންނަށް ބަރޯސާވާ ގޮތަށް ފިލްމު ހެދުމުގެ ބަދަލުގައި ވަރުގަދަ ކޮންޓެންޓް އެކުލެވޭ ފިލްމުތައް ހަދަން ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން މިހާރު މާ ބޮޑަށް އިސްކަންދެ އެވެ. އަދި ޒުވާން ތަރިން ދައްކަމުން އަންނަ ކުޅަދާނަކަމާ އެކު ހަގީގަތުގައި ވެސް މިހާރު ތިން ހާނުންގެ ޖާދޫ ވަނީ ގެއްލިފަ އެވެ.

އޭގެ އެއް މިސާލަކީ ތިން ހާނުންގެ ބޮޑު ތިން ފިލްމެއް މިދިޔަ އަހަރު ބެލުންތެރިން ބަލައި ނުގަތުމެވެ. އެއީ ސަލްމާންގެ "ރޭސް 3" އާއި އާމިރުގެ "ތަގްސް އޮފް ހިންދުންތާސް" އާއި ޝާހްރުކްގެ "ޒީރޯ" އެވެ. "ރޭސް 3" ބޮކްސް އޮފީހުގައި ފުދޭވަރެއްގެ ވިޔަފާރިއެއް ކުރި ނަމަވެސް، އެއީ ކްރިޓިކުންނާއި ބެލުންތެރިން އެއްޗެހި ގޮވި ފިލްމެކެވެ.

ސަކްމާން ޑީއެންއޭ އަށް ދިން އިންޓަވިއުއެއްގައި ބުނީ ހާނުންނަކީ ހަމަ ފިލްމެއް ޕްލޮޕްވެލާ އިރަށް ހާސްވާނެ ބަޔެއް ނޫން ކަމަށެވެ.

"އާމިރާއި ޝާހްރުކަކީ ލެޖެންޑުން. އެ މީހުންނަށް އެނގޭ އެ މީހުން ކުރަނީ ކީއްކަން. އެ މީހުން އެކްޓް ކުރަނީ އަދި ފިލްމުތައް ހޮވަނީ ކިހިނެއްކަން އެ މީހުން ނިންމާނީ ވަރަށް ވިސްނާފައި،" އަމިއްލަ އަށް ކުޅޭ ފިލްމުތަކީ މާ މޮޅު ފިލްމުތަކެއް ނޫންކަން ފާހަގަކޮށް ސަލްމާން ބުންޏެވެ. "އެކަން ބެލުންތެރިން ވެސް ގަބޫލުކުރާނެ."

ގިނަ ބަޔަކު ބުނާ ގޮތުގައި ސަލްމާނަކީ އަބަދު އެއްވައްތަރެއްގެ ފިލްމުތައް ކުޅޭ އާދައިގެ އެކްޓަރެކެވެ. އޭގެ ހެއްކަކީ މިހާތަނަށް އޭނާ އަށް ދުވަހަކު ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބިފައި ނެތުމެވެ.

ސަލްމާން ބުނި ގޮތުގައި ފިލްމީ އިންޑަސްޓްރީގައި އޭނާ އަށް ދެމިހުރެވެނީ މާސް އޯޑިއަންސް ބޭނުންވާ ކަހަލަ ކޮމާޝަލް ފިލްމުތަކަށް އިސްކަންދޭތީ އެވެ. އަދި އެ ނޫން ގޮތަކަށް ފިލްމީ ދާއިރާގައި އޭނާ އަށް "ސަވައިވް" ނޭނގޭ ކަމަށް އަމިއްލަ އަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"އެހެން ވިޔަސް މައްސަލައެއް ނެތް. އަހަރެމެންނަށް އޮތް އުފަލަކީ އަދި ނަސީބަކީ ފޭންބޭސް ބޮޑުވުން. އެހެންވީމާ ފިލްމެއް ޕްލޮޕްވުމަކުން ހާސްވާން ޖެހޭ މާ ބޮޑު ސަބަބެއް ނެތް،" ސަލްމާން ބުންޏެވެ. "އަހަރެން ގަބޫލު ކުރާ ގޮތުގައި އާމިރާއި ޝާހްރުކްކަކީ އަދިވެސް އެތައް އަހަރަކަށް މި އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާނެ ބައެއް. އަދި އަހަންނަކީ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް ކުރާ މަސައްކަތަަކަށް އަބަދު ވެސް ސަތޭކަ ޕަސަންޓް ދޭ މީހެއް."

ސަލްމާންގެ އަތުގައި މިވަގުތު ބޮޑު ހަތަރު ފިލްމެއް އެބަ އޮތެވެ. އެއީ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" އާއި "ދަބަންގް 3" އާއި "އިންޝާﷲ" އާއި ސޫރަޖް ބަރްޖަތިއާގެ އަދި ނަން އިއުލާން ނުކުރާ ފިލްމެކެވެ.

އަބަދުވެސް މަދު ފިލްމުތަކެއްގައި މަސައްކަތް ކުރާ އާމިރުގެ އަތުގައި މި ވަގުތު އޮތީ އެންމެ ފިލްމެކެވެ. އެއީ އޭނާ ޕްރޮޑިއުސް ވެސް ކުރާ ހޮލީވުޑްގެ ކާމިޔާބު ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ "ލާލު ސިންގް ޗައްޑާ" އެވެ.

މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ފްލޮޕްވި ޝާހްރުކްގެ އަތުގައި މި ވަގުތު އެއްވެސް ފިލްމެއް ނެތެވެ. އޭނާ ދެން ފެންނާނެ ފިލްމަކާ ބެހޭ ގޮތުން މީޑިއާތަކުގައި ކުރެވޭ ބަހުސްތައް ވެސް ބޮޑެވެ.

ދެން ސުވާލަކީ މި ތިން ހާނުންނަކީ އަދިވެސް ބޮލީވުޑްގައި ރަސްކަން ކުރާނެ ތަރިން ކަމަށް ބަލަންވީ ހެއްޔެވެ؟

0 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 5%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454