އަބަދު ދަރިފުޅުގެ ފޮޓޯ ނަގާތީ ސައިފް ރުޅިގަދަވެއްޖެ

އިންޑިއާގެ ޕަޕަރާޒީން ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރްގެ ދަރިފުޅު ތައިމުރު ފެންނަހާ ތާކުން ފޮޓޯ ނަގާތީ ސައިފް އެކަމާ ރުޅިގަދަވެއްޖެ އެވެ.


މީގެ ކުރިން ވެސް އޭނާ ވަނީ އެންމެ ދެ އަހަރުގެ ތުއްތު ކުއްޖެއްގެ ފަހަތުން މީޑިއާތަކުން ދުވާތީ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް ބުނެފަ އެވެ. މި ފަހަރު އޭނާ ރުޅިގަދަވެ، ޕަޕަރާޒީންނަށް ރައްދު ދިނީ ކުރު ޗުއްޓީއަކަށް މި މަހުގެ 9 ވަނަ ދުވަހު ހަރިޔާނާ އަށް ފުރަން މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް އުޅެނިކޮށް ޕަޕަރާޒީން އެއްވެ، ތައިމޫރުގެ ފޮޓޯ ނަގަން ފެށުމުންނެވެ.

އޭރު ތައިމޫރު އިނީ ސައިފްގެ ކޮނޑުގަ އެވެ. މަންމަ ކަރީނާ ވެސް ކައިރީގައި ހުއްޓެވެ. ދަރިފުޅު ލޮލަށް ކެމެރާތަކުގެ ގަދަ އަލީގެ ފްލޭޝް އެޅޭ ގޮތަށް ޕަޕަރާޒީން ފޮޓޯ ނަގަން ފެށުމުން ސައިފް ވަނީ "ތިއީ ބޮޑުވަރު ކަމަށާއި ކަލޭމެންނާ ހެދި މި ކުއްޖާގެ ލޯ އަނދިރިވެދާނެ" ކަމަށް ބުނެފަ އެވެ.

ބައެއް މީޑިއާތަކުން ބުނީ ސައިފް އޭރު ހުރީ ވަރަށް ބޮޑަށް މޫޑް އޮފްވެފައި ކަމަށާއި ޕަޕަރީޒީން އުޅޭ ވައްތަރުން މީހަކު ހަމަ ރުޅި އަންނަވާ ވަރު ކަމަށެވެ.

މި މައްސަލާގައި ޕަޕަރާޒީންނަށް އިންޑިއާގެ ބައެއް މީޑިއާތަކުން ފާޑުކިޔާތީ އޭގެ ތެރެއިން ބައެއް މީހުން ވަނީ ދިފާއުގައި ވާހަކަ ވެސް ދައްކައިފަ އެވެ.

"ކަރީނާ އެއް ފަހަރަކު އަހަރެމެން ކައިރީ ބުނި ދަރިފުޅާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓްތައް ވެސް ލިބެނީ އަހަރެމެން މެދުވެރިވެގެން ކަމަށް. އެހެންވީމާ މިކަމާ ސައިފް ރުޅިގަދަ ވިޔަސް ކުރާނެ ކަމެއް ނެތް،" ސިނެބްލިޒަށް ސީނިއާ ފޮޓޯގްރާފަރަކު ބުންޏެވެ.

ތައިމޫރު ވިހޭއްސުރެ އޭނާ އަށް ވަނީ މީޑިއާގެ ސަމާލުކަން ހުއްޓިފަ އެވެ. އެގޮތުން އޭނާ ފެންނަހާ ތަނަކުން ޕަޕަރާޒީން ފޮޓޯ ނަގަން ދިމާކޮށް، އުނދަގޫވާ ވަރަށް އުޅޭތަން ފެނެ އެވެ.

މިކަމާ އެކި ފެންވަރުގައި އާއިލާގެ އެކި މީހުން ވާހަކަ ދައްކާފައިވެ އެވެ. އޭގެ ތެރޭގައި ތައިމޫރުގެ މާމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް ވެސް ހިމެނެ އެވެ. އޭނާ ވެސް ބުނި ގޮތުގައި ތައިމޫރަށް މާ ބޮޑަށް މީޑިއާތަކުން ސަމާލުކަން ދިނުމަކީ އެހާ ގަޔާވާ ކަމެއް ނޫނެވެ. އަދި ތައިމޫރަށް ލިބިފައިވާ މަޝްހޫރުކަން މިހާރު އާއިލާގެ އެހެން މީހުންނަށް ވުރެ ބޮޑު ކަމަށް ބުންޏެވެ.

ސައިފް ކުރިން ބުނެފައިވާ ގޮތުގައި ދަރިފުޅު ބޮޑު ކުރަން ބޭނުން ވަނީ އާދައިގެ އެހެން ކުދިންނާ އެއްގޮތަށެވެ ނަމަވެސް މީޑިއާތަކުން ކުރާ އުނދަގުލާ ހެދި، ދަރިފުޅުގެ ސަލާމަތަށް ވެސް ހާއްސަ ސަމާލު ކަމެއް ދޭން މަޖުބޫރުވެފައިވާ ކަމަށް ބުންޏެވެ.

ތައިމޫރަކީ ސައިފްގެ ތިން ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. އަދި އެއީ ކަރީނާއާ އިނދެގެން ލިބުނު ފުރަތަމަ ދަރިފުޅު ވެސް މެ އެވެ.