ރާޖްކުމާރު ރާއޯ އަށް ކަރަން ޖޯހަރުގެ ފިލްމެއް

ބުދަ ދުވަހު ރިލީޒްކުރާ "ކަލަންކް" އަށް ފަހު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އަނެއްކާ ވެސް ގިނަ ތަރިންތަކެއް ހިމަނައިގެން ބޮޑު ފިލްމެއް ގެނެސް ދިނުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމުގެ ރޯލަކަށް، ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު އަދި މިހާރު ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖްކުމާރު ރާއޯ ވަނީ ސޮއިކޮށްފަ އެވެ. ނަމަވެސް ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ކަރަން އަދި ހިއްސާއެއް ނުކުރެ އެވެ.

ރާޖްގެ މި ފިލްމުވެގެން ދާނީ ކަރަން ޕްރޮޑިއުސް ކުރާ ފިލްމެއް އޭނާ ކުޅޭ ފުރަތަމަ ފަހަރަށެވެ. ކުރިން އަޑުތައް އަރާފައިވާ ގޮތުން ދަރުމާގެ "ދޯސްތާނާ 2" ގެ ކާސްޓުންގެ ތެރޭގައި ވެސް ރާޖް ހިމެނެ އެވެ.

ހަންގާމާ އިން ބުނި ގޮތުގައި ރާޖް ސޮއި ކުރި ދަރުމާގެ ފިލްމު ރަސްމީކޮށް އިއުލާން ކުރަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، މާ ލަހެއް ނުވެ ފިލްމު ލޯންޗް ކުރާނެ އެވެ.

ރާޖް ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ މަހުގެ 24 ގައި ރިލީޒް ކުރާ "މެންޓަލް ހޭ ކިޔާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މޭޑް އިން ޗައިނާ"، "ތުއްރަމް ހާން" އަދި "ރޫހް-އަފްޒާ" ހިމެނެ އެވެ.

މިދިޔަ މަހު ރިލީޒް ކުރި "ކޭސަރީ" އަށް ފަހު، ކަރަންގެ ދަރުމާ އިން ގެނެސްދޭ ދެވަނަ ފިލްމަކީ "ކަލަންކް" އެވެ. އަދި އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސް ދޭނެ ތިން ވަނަ ފިލްމަކީ އަންނަ މަހުގެ 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.

ކަރަން: މި އަހަރަކީ އޭނާ އަށް ވަރަށް ބިޒީ އަހަރެއް.

މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ސްޓޫޑިއޯގެ ގޮތުގައި ފާހަގަކޮށްލެވޭ ދަރުމާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޖޫން 28 ގައި ރިލީޒް ކުރާ ތަރޫން މަންސުކާނީގެ "ޑްރައިވް"، ސެޕްޓެމްބަރު 6 ގައި ރިލީޒް ކުރާ ރާޖް މެހެތާގެ "ގުށް ނިއުސް"، ޑިސެމްބަރު 20 ގައި ރިލީޒް ކުރާ އަޔާން މުކަރުޖީގެ "ބުރައްމަސްތުރާ" އަދި ރިލީޒް ކުރާނެ އިއުލާންކޮށްފައި ނުވާ ޖާންވީ ކަޕޫރްގެ "ކަރްގިލް ގާލް"، ސިދާތު މަލްއުތުރާ ކުޅޭ ބައޮގްރަފިކަލް ޑްރާމާ އަދި ކަރަން ބޮޑު ކާސްޓަކާ އެކު ގެނެސްދޭ ތާރީހީ ލޯބީގެ ފިލްމު "ތަހުތު" ހިމެނެ އެވެ.