ހޮލީވުޑް ފިލްމެއްގައި ވެސް މަސައްކަތްކޮށްލަން ބޭނުން: އާލިއާ ބަޓް

މާ ލަހެއް ނުކޮށް ހޮލީވުޑްގެ ފިލްމަކުން ވެސް ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އެ އިންޑަސްޓްރީ ވެސް ތަޖުރިބާކޮށްލަން ބޭނުންވާ ކަމަށް ބޮލީވުޑްގެ ހުނަރުވެރި ޒުވާން ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.


ބުދަ ދުވަހު ރިލީޒްކުރާ "ކަލަންކް" ގެ ބަތަލާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ބުނީ ހޮލީވުޑަކީ އުންމީދެއް ކަމަށެވެ.

"އެކަމަކު އެއީ އެހާ ފަސޭހަ އިން ފުރުސަތު ލިބޭނެ ތަނެއް ވެސް ނޫން. އަނެއްކާ މުޅިން އެހެން އިންޑަސްޓްރީއެއްގައި މަސައްކަތްކުރުން ފަސޭހައެއް ވެސް ނުވާނެ،" ބޮލީވުޑްގައި މި ވަގުތު ހުރި އެންމެ ކާމިޔާބު ބަތަލާ ބުންޏެވެ. "އެކަމަކު އުންމީދުކުރަން ފުރުސަތަކަށް. އަދި ވަރަށް އަވަހަށް ހޮލީވުޑް ފިލްމެއްގައި ފުރުސަތު ލިބޭނެ ކަމަށް ވެސް އުންމީދު ކުރަން."

އުމުރުން މިހާރު 26 އަހަރުގެ ބަތަލާ ބުނި ގޮތުގައި ހޮލީވުޑަށް ދިއުމުގެ ކުރިން އޭނާގެ ހުރި ކުޅަދާނަކަން އިންޑިއާގައި ދައްކައިލަން އަދިވެސް ވަގުތު އެބައޮތެވެ. އެހެންވެ އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފާނެ ކަމަށް ބުންޏެވެ. އެގޮތުން އަބަދު ވެސް ޗެލެންޖިން އަދި އުނދަގޫ ރޯލްތައް ކުޅެން ޝައުގުވެރިވާ ކަމަށް ބުންޏެވެ.

އާލިއާ ބުނި ގޮތުގައި އޭނާ މިހާރު ސޮއިކޮށްފައި ހުރި ފިލްމުތަކަށް ބެލި ނަމަވެސް އެއިން ކޮންމެ ފިލްމަކީ ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ އުނދަގޫ ކެރެކްޓާތަކެއް ކުޅެން ޖެހޭ ފިލްމުތަކެވެ. އެއީ ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" އާއި އެސްއެސް ރާޖަމޯލީގެ "އާރްއާއާރް" އާއި ކަރަން ޖޯހަރުގެ "ތަހުތު" ގެ އިތުރުން ބައްޕަ މަހޭޝް ބަޓް ޑައިރެކްޓް ކުރާ "ސަޅަކް 2" އެވެ.

"ކަލަންކް" ގެ ޓްރެއިލާ.

މީގެ އިތުރުން "ކަލަންކް" ގައި ވެސް ކުޅުނު ކެރެކްޓާއަކީ ވަރަށް މަސައްކަތް ކުރަން ޖެހުނު ރޯލެއް ކަމަށް އާލިއާ ބުންޏެވެ. މި ފިލްމަށް ފަހު އޭނާ ދެން މި އަހަރު ފެނިގެންދާ "ބުރައްމަސްތުރާ" އަކީ ވެސް އާލިއާގެ ވަރަށް ތަފާތު ރޯލެއް ފެނިގެން ދާނެ ފިލްމެކެވެ.

"އަހަރެން ފިލްމަކަށް ސޮއިކުރާ އިރު އެއްވެސް އިރަކު ނުބަލަން އެއިން ލިބޭ އަގަކަށް. އަބަދު ވެސް އިސްކަން ދެނީ ތަފާތު އެކި ކަހަލަ ކެރެކްޓާތައް ކުޅެން ލިބޭ ފިލްމުތަކަށް،" މި އަހަރު ރިލީޒް ކުރި "ގަލީ ބޯއި" ގެ ބަތަލާ ބުންޏެވެ. "އަދި އަހަންނަށް އޮފާ ކުރާ ފިލްމެއްގެ ސްކްރިޕްޓް ކަމުނުދާ ކަމަށް ވަންޏާ އަހަރެން އެ އެއްޗަކަށް އެއްބަހެއް ވެސް ނުވަން. އެއީ ގަޓް ހުންނާނެ އަހަރެންގެ."