ނަސީބުވެރިޔާ

އަހަރެން އަބަދުވެސް ހިތަށްއަރައެވެ. ބިންމައްޗަށް ވެއްޓިފައިއޮތް ލާރިބޮނޑިއެއް ފެންނާނެ ނަމައެވެ. ދެތިން ލައްކަ ރުފިޔާ ލިބޭ ނަސީބު ނަންބަރެއް ދިމާވާނެ ނަމައެވެ. މިސްކިތުގައި އަހަރެން އެކަނި އިންދައި މީހަކު އައިސް އެއް މިލިޔަން ރުފިޔާގެ ޗެކެއް ސަދަގާތްކުރާނެ ނަމައެވެ. އެއީ ނުވާނެ ވަރުގެ ކަމެއް ނޫނެވެ. އަހަރެންގެ ރައްޓެހިންނަށް އެ ފަދަ ކަންކަން ދިމާވެފައި އެބަހުއްޓެވެ. ލައްކައާއި މިލިޔަނުން ނުލިބުނެއްކަމަކު އެކި ވަރުވަރުން ލިބިފައި އެބަހުއްޓެވެ. އެކަމަކު އެއިން އެއްވެސް ކަމެއް އަހަންނަކަށް ނުވިއެވެ. ހަޔާތުން ދުވަހެއް ދުނިޔެއިން ދުވަހެއް ފާއިތުވަމުން ގޮސް އަހަންނަށް ސާޅީސް އަށް އަހަރު ފުރުނެވެ. އަހަރެންގެ ނަސީބު އަތަކު ނުހިފިއެވެ. އެކައުންޓުގައި ދިހަ ހާސް ރައްކާކުރަން އުޅެ އެ ކަމެއް ވެސް ނުވިއެވެ.


އަހަންނަކީ މާލޭގެ ރައްވެއްސެއް ނޫނެވެ. އެހެންނަމަވެސް އަހަރެން އުޅެނީ މާލޭގައެވެ. އާއިލާގެ ބޭސްފަރުވާއާއި ކުދިންގެ ތައުލީމަށް ޓަކައެވެ. ދެ ކުދިންނަށް ކިޔަވައިދީ އަނބިމީހާއަށް ޚަރަދުކުރަމުން، ދިރިއުޅޭ ތަނުގެ ކުލިދައްކައިފައި ދެކޮޅުޖައްސަންޖެހެނީ ގަދަކަމުންނެވެ. އަހަރެން ހިތަށްއަރައެވެ. ހާލަތު ރަނގަޅުވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ އޮފީހެއްގައި ވަޒީފާއަދާކުރަމެވެ. އޮފީސް ނިންމައިފައި އެހެން ތަނެއްގައި ވަޒީފާއަދާކުރަމެވެ. ދެން ވެސް ހުސް ވަގުތެއް ލިބިއްޖެއްޔާ އާމްދަނީ ލިބޭނެ ކޮންމެވެސް ކަމެއް ކުރަމެވެ. އަހަންނަކީ ހަލާލު އެއްވެސް މަސައްކަތެއްކުރަން ޖެހިލުންވެ، ލަދުގަންނަ މީހެއް ނޫނެވެ. އަބަދުވެސް ރަނގަޅު ގޮތަށް ވިސްނައި ވަރުގަދަ އަޒުމެއްގައި ހުންނަ މީހެކެވެ. އެކަމަކު އިންސާނަކީމެވެ. ވަސްވާހާއި މާޔޫސްކަމަކީ އަހަރެންގެ ސިކުނޑީގައި ވެސް ޓަކިދޭ އިހުސާސްތަކެވެ.

"ކީއްވެގެންތަ ދުއާ އިޖާބަނުވަނީ؟" އެންމެ ފަހުން އަހަންނަށް އެ ސުވާލު ވެސް ކުރެވުނެވެ. "ނަމާދުކޮށް، ރޯދަހިފާ، ޒަކާތްދީ، ސަދަގާތްކޮށް، ނަދުރު ވެސް ބުނެފިން. ހާދަހާ ދުއާއެއް ކޮށްފީމޭ. ދެން މިހެން އުޅެނިކޮށް މަރުވެގެން ވެއްޓޭތަން ކަންނޭނގެ ފެންނާނީ."

އަފްރާހް ގާތުގައި އެހެން ބުނިއިރު ވެސް، އޭނަގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބޭނެކަން އަހަންނަށް އެނގެއެވެ. އެކަމަކު، އެ ކަހަލަ ހުރިހާ މަޝްވަރާއެއް ވެސް އަހަރެން ކުރާ އެކުވެރިޔަކީ އޭނައެވެ.

"އެންމެ ރަނގަޅު،" އިރުކޮޅަކު ވިސްނަން އިނދެލައިފައި އަފްރާހް ބުންޏެވެ. "މިސާލަކަށް މިލިޔަނެއް ލިބުނީޔޯ! އޭގެ ދެބައިކުޅަ އެއްބައި މީހަކަށް ދޭން ކެރޭނެ؟"

އަހަންނަށް އާނއެކޭ ބުނެވިދާނެއެވެ. އެއްބަސްވުމަކީ ފަސޭހަކަމެކެވެ. އަތުގައި އެ ފައިސާ ނެތީމައެވެ.

"މިސާލަކަށް ބުނެބަލަ ލިބޭ އެއްޗެއްގެ ތިންބައިކުޅަ އެއްބައި ވަރު ސަދަގާތްކުރާނަމޭ،" އަފްރާހް ބުންޏެވެ. "އޭރުން ފަހަރެއްގައި ހަމަ ލާރިބޮނޑިއެއް މަތިން ވެއްޓިދާނެއްނު!"

އަފްރާހު އެހެން ބުނީ ސަމާސާއަކަށެވެ. އަހަރެން ހުރީ ސަމާސާ މޫޑެއްގައެއް ނޫނެވެ. ހަމަ އެ ވަގުތު ހިތަށްއެރިއެވެ. މިލިޔަނަކަށް ވުރެ ގިނަ ފައިސާ އަހަންނަށް ލިބިއްޖެއްޔާ، އޭގެ ތިންބައިކުޅަ އެއްބައި ވަރު މީހަކަށް ސަދަގާތްކުރާނަމެވެ. އެހެން ހިތަށްއެރިއިރު އަހަރެން އަތަކު ނަސީބު ނަންބަރެއް ނެތެވެ. އެ ވަރު އަދަދެއް އަހަންނަށް ދެވޭނެ ރައްޓެއްސަކު ވެސް ނެތެވެ. ފުރުސަތު ތަނަވަސްކުރުމުގެ ގޮތުން އަހަރެން ލޮނުޒިޔާރަތްކޮޅަށް ދަމެވެ. ހުޅުމާލެއާއި ވިލިނގިއްޔަށް ވެސް ދަމެވެ. އެކަނިމާއެކަނި އަތިރިމަތީގައި ހިނގަމެވެ. އެތައް އިރެއް ވަންދެން އިށީނދެގެން ވެސް އިންނަމެވެ. ދަމު ނަމާދަށް މިސްކިތަށް ދާން ވެސް ފެށީމެވެ.

ރެޔެއްގެ އިރާކޮޅުގެ ވަގުތެވެ. ގާތްގަނޑަކަށް ހަތެއްޖަހާކަންހާއިރެވެ. އަހަރެން އިނީ މިސްކިތުގެ ފުރަތަމަ ފަންގިފިލާގައެވެ. އެކަނިމާ އެކަންޏެވެ. ފޯނުން ޤުރުއާންކިޔަވަން އިންދައި މީހަކު ސިޑިންއެރިއެވެ. އޭނަގެ ސިފަޔާއި ހެދުންއެޅުން ހުރިގޮތުން އަރަތްބަކާ ވަރަށް ވައްތަރެވެ. އޭނަ ފެނުމާއެކު އަހަރެންގެ ހިތް ބުންޏެވެ. ވަގުތު ޖެހުނީއެވެ. އަހަރެންގެ ދުއާ އިޖާބަކުރައްވައިފިއެވެ. އަހަރެން ފެނުމުން އަހަންނާ ދިމާއަށް އޭނަ އައެވެ. އައިގޮތަށް އައިސް އަހަރެން ގާތުގައި އިށީނދެލިއެވެ. ޖީބުން ސިޓީއުރައެއް ނެގިއެވެ. އަހަންނަށް ދިއްކޮށްލިއެވެ.

"މިއީ ސަދަގާތެއް!" އިނގެރޭސިބަހުން އޭނަ ބުންޏެވެ. "އަހަރެން ބުނެފައޮންނާނެ ނަދުރެއް. އެއީ، ދިވެހިރާއްޖެއަށް އައިސް މި ގަޑީގަ އަހަރެން ވަންނަ މިސްކިތުގަ ތި ކުލައިގެ ގަމީހެއް ލައިގެން އިންނަ މީހަކަށް އެއް މިލިޔަން ޑޮލަރުގެ މި ޗެކު ދޭން. އެ ނަސީބުވެރިޔަކީ ތީ."

ސިޓީއުރައިގައި އަހަންނަށް ހިފުނު ވަގުތު ހޭލެވުނެވެ. އަހަރެން އިނީ މިސްކިތުގައެވެ. އެކަނިމާ އެކަންޏެވެ. އިރާކޮޅުގެ ވަގުތެވެ. ފޯނު ވެސް އަތުގަ އޮތެވެ. އަހަންނަށް އިނީ ނިދިފައެވެ. ހިތަށްއެރިއެވެ. ހަގީގަތާ ހާދަހާ ވައްތަރު ހުވަފެނެކެވެ. އެހެންނަމަވެސް އެ ތާކަށް އަރަތްބެއް ނާދެއެވެ. އަހަންނަކަށް ޗެކެއް ވެސް ނުލިބެއެވެ.

ނަސީބު ދުރުދުރުން ހަނާއަޅައިލި ފަހަރަކުތަކެއް ވެސް ދިޔައެވެ. ދެ ލައްކަ ރުފިޔާ ލިބޭ ނަސީބު ނަންބަރެއްގައި އަހަންނަށް ދިމާނުވީ އެންމެ އަކުރެކެވެ. ރަށުގައި ހުންނަ އަހަރެންގެ ގެއާ ދިމާ މޫދުން ތިރީސް ކިލޯގެ މާވަހަރެއް ރަށު މީހަކު ހޮވިއެވެ. އެ ދެ ފަހަރު އަހަރެން ވަރަށް މާޔޫސްވިއެވެ. ހީވި ކަހަލައެވެ. އެއީ އަހަންނާ ދިމާއަށް އައިސް، ނަސީބުގެ މިސްރާބު ބަދަލުވި ދެ ފަހަރެވެ. ހިތަށް ވަސްވާސް ވަނެވެ. ހިތާހިތުން ބުނެވުނެވެ. ރަނގަޅަށް އުޅުނެކޭ ކިޔާފައި ވާ ކަމެއް އޮވޭ ހެއްޔެވެ؟ އެހެނަސް އަހަރެން ސާބިތުވެހުރީމެވެ. އަހަރެންގެ ރަނގަޅު ސިފަތަކުގައި ދެ އަތުން ހިފެހެއްޓީމެވެ. އަހަރެން ބޭނުންވީ އެންމެ ކެތްތެރި މީހާއަށް ވާށެވެ. އެންމެ ދީލަތި މީހާއަށް ވާށެވެ.

ދޮށީ ދަރިފުޅުގެ ކިޔެވުމުގެ ފަހު އަހަރެވެ. ކިޔަވައި ނިމުމުން ބޮޑު ޗުއްޓީއެއް ލިބުނެވެ. ރަށަށް ދާން ރާވައި، ދަތުރަށް ތައްޔާރުވީމެވެ. ވަކި ހިސާބަކުން ރަށަށްދިޔުން ކެންސަލުކޮށް ރާއްޖެއިން ބޭރަށްދާން ނިންމީމެވެ. އަތުގައި މާ ގިނަ ފައިސާއެއް ނެތެވެ. ހުރި ފައިސާކޮޅު ޑޮލަރަށް ހަދާނަމޭ ހީކޮށް ރައްޓެއްސަކާ ގުޅީމެވެ. އޭނަގެ އެދުމަށް ފައިސާ ހިފައިގެން އަހަރުމެން ބައްދަލުކުރީ ކާނިވާ ސަރަހައްދުގައި ހުރި ކެފޭއަކުންނެވެ. އަހަރުމެން ތިބީ މޫދާ ވަރަށް ކައިރީގައެވެ. ބައެއް ފަހަރު ގަޔަށް ރާޅުބުރުއްސައެވެ. ސަމާސާ ވާހަކައެއްގައި ތިއްބައި ކުއްލިއަކަށް އަހަރެންގެ ލޮލުގައި އެއްޗެއް އަޅައިގަތެވެ. އެއީ، މޫދުގެ ދެފެން ދޭތެރެއިން އޮޔާދިޔަ އެއްޗެކެވެ. އަހަރެން ހިތަށްއެރިއެވެ. އެއީ މާވަހަރެކެވެ. ދެން ހިތަށްއެރިއެވެ. މޫދަށް ބަލަހައްޓައިގެން އެތައް ބަޔަކު އެބަ ތިއްބެވެ. މޫދުގެ އެ ދިމާއަކީ ލާންޗާއި ދޯނިފަހަރު ކެނޑިނޭޅި ދަތުރުކުރާ ސަރަހައްދެކެވެ. މާވަހަރެއް ނަމަ އެހެން މީހުންގެ ލޮލުގައި އަޅައިގަތީހެވެ. ދެން ހިތަށްއެރިއެވެ. ނޫނެކެވެ. އެއީ އަހަރެންގެ ނަސީބުކަމަށް ވެދާނެއެވެ. އެހެންވެއްޖެއްޔާ އެ މާވަހަރު ފެންނާނީ އަހަންނަށެވެ. އަހަރެން ނުނަގައިފިއްޔާ ނޫނީ އެހެން މީހަކަށް ނުލިބޭނެއެވެ. ދެން އޮންނާނީ، އަހަރެން އެ މާވަހަރު ނަގާއިރު އެއީ ސަރުބީގަނޑަކަށްވުމުން މީހުން ކުރާނެ މަލާމާތެވެ. ވަރަށް ލަދުގަންނާނެއެވެ. އެކަމަކު ހަނި ފުރުސަތަކުން ވިޔަސް އަސްލު މާވަހަރަކަށް ވެއްޖިއްޔާ އަހަރެންގެ ނަސީބުގެ ތަރި މެދު އުޑުގައި ފިޔަޖަހާނެއެވެ. ޔަގީން ކަށަވަރެވެ.

ބައްދަލުވުން ކުރުކޮށްލައިފައި އަހަރެން ކެފޭއިން ނުކުތީމެވެ. "މާވަހަރަށް" ފާރަލާން ފެށީމެވެ. އަހަރެން ވިސްނީ، މީހަކަށް ނުފެނި، ވީހާ ވެސް ކުޑަކޮށް ތެމިލައިގެން އޭތި ނެގޭނެ ގޮތެކެވެ. އޭރުން އަހަރެން ލަދެއްގައި ބެދޭކަށް ނުޖެހޭނެއެވެ. އަހަންނަށް އޮތީ ދެގޮތެވެ. މޫދަށްއެރިގެން ފަތައިގަތުމެވެ. ނުވަތަ އަޅާނުލައި ހުރުމެވެ. އަހަރެންގެ ހިތް ބުނީ ފަތައިގަތުމަށެވެ. ވީމާ، ޖީބުގައި ހުރި އެއްޗެހި ނަގައި ރަނގަޅަށް ފޮރުވުމަށް ފަހު، މަޑުމަޑުން މޫދަށްއެރުނީމެވެ. ހިތް ބުންޏެވެ. ތި ކުރަނީ ކިހާ ސޭކު ކަމެއް ހެއްޔެވެ؟ މާލެއާ ތިހާ ކައިރިން ދުވަހަކު ވެސް މީހަކު މާވަހަރެއް ހޮވި ހެއްޔެވެ؟ އަހަރެން މިހިރީ މޮޔަވެފައި ހެއްޔެވެ؟

"ހެވޭ!" އަހަރެންގެ ހިތަށް އަހަރެން ޖަވާބުދިނީމެވެ. "ލަކުޑިބުރިއަކަށް ވިޔަސް މި ފަހަރު ނަގާފަ ހުއްޓާލާނީ!"

އޮޔާދިޔަ އެއްޗާ ހަމައަށް ގޮސް އޭގައި އަތްލީމެވެ. ގައިމުވެސް ލަކުޑިގަނޑެއް ނޫނެވެ. ހީކުރި ވަރަށް ވުރެ ބޮޑެވެ. ކުރެވުނު އިހުސާސް ވަރަށް ފޮންޏެވެ. ބަނޑުލައި ލޫދިގެން އޭތި ގެނެސް މޫދުން ނަގަން ހިފައިލިއިރު މާ ބަރެވެ. ދިހަ ވަރަކަށް ކިލޯ ހުންނާނޭ ހިތަށްއެރިއެވެ. އޭތި ގެންގޮސް މޮޅު ގޮތަކަށް ފޮރުވުމަށް ފަހު ގެއަށް އައިސް ބޮޑު ފޮތިގަނޑެއް ހިފައިގެން ޕިކަޕެއްގައި ގޮސް "މާވަހަރު" ގެއަށް އެތެރެކޮށްލީމެވެ. ބުނަން ނޭނގޭ ކަހަލަ އިހުސާސެއް އަހަރެންގެ ނާރުތަކުގައި ދައުރުވަމުންދިޔައެވެ. ފުރަތަމައިނުން ވެސް ދެއްކީ އަނބިމީހާއަށެވެ. އޭނައަށް ބުރަވެވުނީ އެއީ ހުދަންބަރެއް ކަމަށެވެ. އެކަމަކު މާވަހަރަކަށް ނުވުމުގެ ފުރުސަތު ވަރަށް ބޮޑުކަން އަހަރުމެން ދެ މީހުންނަށް ވެސް ވިސްނެއެވެ. އެހެންވެ އުފާފާޅުކޮށް، އިސްތިހާރުކޮށެއް ނަހަދަމެވެ. ސުންކު ބޭރަށް ފޮނުވޭތޯ މަސައްކަތް ފެށީމެވެ. "މާވަހަރުގެ" ބަރުދަނުގައި އެގާރަ ކިލޯ ހުއްޓެވެ. އޭރުގެ އަގަށް ބެލިއިރު އެއީ އަށް މިލިޔަނެއްހާ ރުފިޔާއެވެ. އެއް ފަހަރުން އަހަރެން މުއްސަނދިވީއެވެ. ހުވަފެން ހަގީގަތަކަށްވީއެވެ.

ނަތީޖާލިބެން ހޭދަވި ދުވަސްކޮޅު ހަމަނިންޖެއް ނުނިދެއެވެ. ބަނޑު ހުންނަނީ ޒާތަކަށް ފުރިފައެވެ. އަށް މިލިޔަން ރުފިޔާއަށް ހަދާނީ ކިހިނެއްބާއޭ ވެސް ހިތަށްއެރިއެވެ. ވިޔަފާރިއެއް ފަށާނީ ހެއްޔެވެ؟ އަތުގައި ފޮރުވައިފައި ބަހައްޓާނީ ހެއްޔެވެ؟ ދުނިޔެ ބަލައިލަން ދާނީ ހެއްޔެވެ؟ އިތުރު ކައިވެންޏެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ހިތަށްއެރިއެވެ. ބޭނުމިއްޔާ އިތުރު ކައިވެންޏެއް ވެސް ކުރެވިދާނެއެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅުމެއް ފެށިދާނެއެވެ. އެ ހުރިހާ ފިކުރެއް ސިކުނޑީގައި އެނބުރުނުއިރު ވެސް އަހަރެން ނަދުރެއް ބުނެފައިވާކަމެއް އޭރަކު ހަނދާނެއް ނެތެވެ.

ނޫހެއްގެ ފަލަ ސުރުހީއަށް އެ ޚަބަރު އެރިއެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. "މާވަހަރެއްހެން ހީވާ އެތި" ހޮވީ ކާކުކަމެއް ނޫހަކު ނުޖަހައެވެ. ނޭނގެނީ ހެއްޔެވެ؟ ނުވަތަ ސިއްރުކުރީ ހެއްޔެވެ؟ ސުންކު ނަގައިގެން ޓެސްޓުކުރަން ބޭރަށް ފޮނުވި ވާހަކަ ވެސް އޮތެވެ. އެ ވަރުން ނުވެގެން އަހަރެންގެ ނަންބަރަށް ކޮންމެވެސް މީހަކު ގުޅިއެވެ. އޭނަ ބޭނުންވީ ޚަބަރުގެ އަދާހަމައެކެވެ. އެ ޚަބަރު އެނގުނީ ކިހިނެއްތޯ އެހުމުން އޭގެ ޖަވާބެއް އޭނަ ނުދިނެވެ. އަހަރެން ވެސް އަދާހަމައެއް ނުދެމެވެ.

މާވަހަރެއްތޯ ކަށަވަރުކުރަން ހެދި ޓެސްޓުގެ ނަތީޖާ ލިބުނެވެ. އަހަރެން ހޮވި އެގާރަ ކިލޯގެ އެތިގަނޑަކީ ހަގީގަތުގައި ވެސް ހުދަންބަރެކެވެ. އަގަކީ އަށެއްކަ މިލިޔަން ރުފިޔާއެވެ.

ނުނިމޭ