އަނުޝްކާ ފޭނުން ހެއްވާލައިފި

ބަތަލާ އަނުޝްކާ ޝަރުމާގެ އެއްވެސް ޚަބަރެއް ނުވެގެން ފޭނުން އެ ވާހަކަ ދައްކަނިކޮށް އޭނާ ޓްވިޓާގައި އާންމުކުރި ވީޑިއޯކޮޅަކުން ފޭނުން ހެއްވާލައިފި އެވެ.


މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި ފްލޮޕް ފިލްމު "ޒީރޯ" އަށް ފަހު އާ އެއްވެސް ފިލްމަކަށް ސޮއިކޮށްފައި ނުވާ ބަތަލާ ޝޫޓިންއެއްގެ ތެރެއިން ނަގާފައިވާ ކުޑަކުޑަ ވީޑިއޯކޮޅު ހިއްސާ ކުރަމުން ބުނީ "...އެންޑް އެކްޝަން" ކަމަށެވެ. އެކަމަކު މިއީ ކޮން މަސައްކަތެއް ކަމެއް ނޭނގެ އެވެ. ފިލްމެއްތޯ ނުވަތަ އިޝްތިހާރެއްތޯ ވެސް ބައެއް ފޭނުން ސުވާލުކޮށްފައިވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަނުޝްކާ، 30، ގެ އާ ފިލްމެއްގެ ވާހަކަ މި ދުވަސްކޮޅު ނުދެކެވެނީ ދަރިއަކު ހޯދަން ވިސްނާތީ އެވެ. އޭނާ އާއި ކްރިކެޓް ތަރި ވިރާޓް ކޯލީގެ ކައިވެންޏަށް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ބައެއް މީހުން އަންނަނީ ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ ވެސް ސުވާލުކުރަމުންނެވެ.

ޓްވިޓާގައި ހިއްސާކުރި ވީޑިއޯކޮޅަކީ އެކްޓިންއާ ދުރަށް އަނުޝްކާ ނުދާކަމުގެ ހެއްކެއްގެ ގޮތުގައި ބައެއް މީޑިއާތަކުން ސިފަކޮށްފައިވެ އެވެ.

މި ވަގުތު އެއްވެސް ފިލްމެއްގައި މަސައްކަތް ކުރާކަން އޭނާ ރަސްމީކޮށް ހިއްސާކޮށްފައި ނުވާ އިރު، ނެޓްފްލިކްސްއާ ގުޅިގެން ޕްރޮޑިއުސް ކުރާ ވެބް ސީރީޒެއް މި އަހަރުގެ ފަހުކޮޅު ގެނެސް ދޭން ހަމަޖެހިފައިވެ އެވެ. "ބުލްބުލް" ކިޔާ އެ ސީރީޒަކީ ދާދި ފަހުން ނެޓްފްލިކްސް އިން އިއުލާން ކުރި އިންޑިއާގެ އާ 10 އޮރިޖިނަލް އުފެއްދުންތަކުގެ ތެރެއިން އެކައްޗެވެ.

އަނުޝްކާގެ ހަތަރު ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ "ޒީރޯ" ގެ އިތުރުން "ސުއީ ދާގާ: މޭޑް އިން އިންޑިއާ"، "ސަންޖޫ" އަދި "ޕަރީ" އެވެ.