"މެންޓަލް ހޭ ކިޔާ" ގެ ނަމުގެ މައްސަލަ ހޫނުވެއްޖެ

ކަންގަނާ ރަނާވަތާއި ރާޖްކުމާރު ރާއޯގެ އާ ފިލްމު "މެންޓަލް ހޭ ކިޔާ" ރިލީޒްކުރަން ނިންމި އާ ތާރީހާ އެކު، ފިލްމުގެ އާ ޕޯސްޓަރެއް ދައްކައިލުމުން މި ފިލްމުގެ ނަމުގެ މައްސަލަ ހޫނުވެއްޖެ އެވެ.


އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ނަމުގެ މައްސަލަ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް ޑޮކްޓަރުންނާއި އިންޑިއަން ސައިކޭޓްރިކް ސޮސައިޓީ (އައިޕީއެސް) އަށް މައްސަލައަކަށްވީ ފިލްމުގެ ނަމުން، ނަފުސާނީ މައްސަލަތަކަށް ދޭ ސަމާލުކަމާއި ނަފުސާނީ މައްސަލަ އަކީ އެހާ ސީރިއަސްކޮށް ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ދޭހަވާ ކަމަށް ބުނެފަ އެވެ.

އެހެންވެ މިކަން އައިޕީއެސް އިން ވަނީ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްއެސީ) އަށް ވެސް ހުށަހަޅައިފަ އެވެ.

އެތަނުގެ ޗެއާމަން ޕްރަސޫން ޖޯޝީ އަށް އައިޕީއެސް އިން ފޮނުވި ސިޓީއެއްގައި ބުނީ ފިލްމަށް "މެންޓަލް ހޭ ކިޔާ" ކިޔުމާ ދޭތެރޭ އެ ޖަމާއަތުގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ ނަފުސާނީ މައްސަލަތަކަށް ދޭ ސަމާލުކަން ކުޑަވާ ކަހަލަ ގޮތަކަށް ފިލްމުގެ ނަން ގެނެސްފައި އޮތުމެވެ.

އަދި މިއީ 2017 ގައި އަމަލު ކުރަން ފަށާފައިވާ މެންޓަލް ހެލްތު ކެއާ ގާނޫނާ ވެސް ހިލާފު ކަމެއް ކަމަށް އައިޕީއެސް އިން ބުންޏެވެ. އެތަނުން ބުނީ މިހާތަނަށް ރިލީޒްކުރި މި ފިލްމުގެ ޕޯސްޓަރުތައް ވެސް ހުރީ ގަބޫލު ކުރެވޭ ކަހަލަ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން އެންމެ ފަހުން އާންމު ކުރި ޕޯސްޓަރުގައި ފެންނަނީ ކަންގަނާ އާއި ރާޖް އެ މީހުންގެ ދޫ ނެރެގެން އޭގެ މަތީގައި ރޭޒަރު ތިލައެއް ބަހައްޓައިގެން ތިބޭ ތަނެވެ.

އައިޕީއެސް އިން ބުނި ގޮތުގައި ނަފުސާނީ މައްސަލަތަކާ ދެކޮޅަށް އިންޑިއާގައި ގައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ވެސް މިހާރު ކުރެވެމުން އަންނަ އިރު، ފިލްމު ކަހަލަ ނުފޫޒު ގަދަ ވަސީލަތްތަކުގެ ޒަރީއާ އިން މިފަދަ މައްސަލަތައް ޖޯކަކަށްވާ ކަހަލަ ގޮތަކަށް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"އެހެންވީމާ އަހަރެމެން އުންމީދުކުރަން ސީބީއެފްސީން ވެސް ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރާ ތަނަކަށް ވާނެ ކަމަށް،" އައިޕީއެސް އިން ބުންޏެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް ޑޮކްޓަރުން ވަނީ "މެންޓަލް ހޭ ކިޔާ" ގެ ނަން ބަދަލުކުރާނެ ކަމުގެ އުންމީދުގައި ތިބި ކަމަށް ބުނެފަ އެވެ. އަދި މިކަމަކީ ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ މީހުންގެ ހައްގުގަ އާއި އެފަދަ މީހުންނަށް ކުރެވޭ އިހުތިރާމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ނަމަވެސް "މެންޓަލް ހޭ ކިޔާ" އުފެއްދި އެކްތާ ކުންފުނި ބަލާޖީން އަދި މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 21 ގަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ނަމުގައި "މެންޓަލް" ހިމަނައިގެން އެކްތާ ފިލްމެއް ގެނެސް ދޭން ނިންމީ އެ ނަމުގައި ސަލްމާން ހާނާއި އޭނާގެ ކޮއްކޮ ސޮހައިލް ހާން ވެސް ފިލްމެއް ހަދަން ނިންމާފައި ވަނިކޮށެވެ. އަދި އެ ނަން އެކްތާގެ ފިލްމެއްގައި ހިމެނުމިން އެ މީހުންގެ ގުޅުން ވެސް ގޯސްވެފައިވާ ކަމަށްވެ އެވެ.

ފިލްމުތަކަށް ކިޔާ ނަމުގެ މައްސަލަ ހޫނުވެގެން ނަން ބަދަލު ކުރަން ޖެހުމަކީ ބޮލީވުޑްގައި ވަރަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. މި އަހަރު މި މައްސަލަ ދިމާވި ފުރަތަމަ ފިލްމަކީ އިމްރާން ހާޝިމީގެ "ޗީޓް އިންޑިއާ" އެވެ. އެ ނަމުގެ މައްސަލަ ބަޔަކު ޖެއްސުމުން ފިލްމު ރިލީޒް ކުރަން ޖެހުނީ "ވާއި ޗީޓް އިންޑިއާ" ގެ ނަމުގަ އެވެ.

މިދިޔަ އަހަރު ދެ ފިލްމަކަށް މި މައްސަލަ ދިމާވި އެވެ. އެގޮތުން ސަންޖޭ ލީލާ ބަންސާލީގެ "ޕަދުވާމަތީ" ގެ ނަން "ޕަދުމާވަތު" އަށް ބަދަލުކޮށްގެން ރިލީޒް ކުރަން ޖެހުނު އިރު، ސަލްމާން ޕްރޮޑިއުސް ކުރި "ލަވްރާތުރީ" ރިލީޒް ކުރަން ޖެހުނީ "ލަވް ޔާތުރީ" ގެ ނަމުގަ އެވެ.

ބެލެވޭ ގޮތުން "މެންޓަލް ހޭ ކިޔާ" ވެސް ރިލީޒް ކުރަން ޖެހޭނީ ނަމަށް ކޮންމެވެސް ބަދަލެއް ގެނެސްގެންނެވެ.