ނަސީބުވެރިޔާ

ބުދަ ދުވަހާ ގުޅޭ


އަގަކީ އަށެއްކަ މިލިޔަން ރުފިޔާއެވެ. ހުވަފެން ހަގީގަތަކަށްވީ ކަމަށް ހީކުރެވުނު އެތައް ފަހަރަކު ހިތް ރޮއްވައިފައި އެންމެ ފަހުން ހުވަފެނުގައި ކާމިޔާބުގެ ކުލަޖެހުނީއެވެ. ހީ ވެސް ނުކުރާހާ ގިނަ ފައިސާ އެއްފަހަރާ އަހަންނަށް ލިބުނީއެވެ. ނުގަނެވިގެން އަހަރެން އުޅުނު ހުރިހާ އެއްޗެއް ގަނެފައި ވެސް ފަހަށް ރައްކާކުރެވޭނެއެވެ. ތިންބައިކުޅަ އެއްބައި ވަރު ސަދަގާތްކުރަން ނިޔަތްގަތްކަމެއް އޭރު ވެސް ހަނދާނެއް ނެތެވެ.

މާވަހަރު ގަތީ ސައުދީ ކުންފުންޏަކުންނެވެ. އަގުދިނީ އެމެރިކާ ޑޮލަރުންނެވެ. ލިބުނު ފައިސާތައް އަހަރެންގެ އެކައުންޓަށް ޖަމާކުރީމެވެ. އެ ކަން ކުރިތާ ވެސް ހައެއްކަ ދުވަސް ފަހެވެ. ހަވީރު ވަގުތު ގޭގެ ބޮޑުކޮޓަރީ ސޯފާގައި ނުގޮތަކަށް ނިދިފައި އިންދައި ވަރަށް އެހެން ކަހަލަ ހުވަފެނެއް ފެނުނެވެ. އެ ހުވަފެނުގައި ފެންނަނީ ހުދު ހެދުމެއްގައި ހުރި މީހެކެވެ. އޭނަ އައިސް އަހަންނަށް ތިން މޭވާ ދިނެވެ. ކޮން ކަހަލަ މޭވައެއްކަމެއް ނޭނގެއެވެ. ތިން މޭވާ އެއްކޮށް އަހަރެންގެ އެއް އަތަށް ލެވެއެވެ.

"މި މޭވާ ކައިގެން ނުވާނެ،" މޭވާތައް މަތީގައި އަތްއަޅައިފައި އޭނަ ބުންޏެވެ. "ޖެހޭނީ އިންދަން. ވަރަށް އަވަހަށް ގަސްފަޅާ މޭވާއަޅާނެ."

އަހަރެން އިތުރު ސުވާލެއް ނުކުރަމެވެ. ސުވާލު ނުކުރީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ. މޭވާތައް ހިފައިގެން ކަނޑުހުރަސްކޮށްފައި އަހަރެން ރަށަކަށް ދިޔައީމެވެ. އެއީ ރާއްޖޭގެ ރަށެއް ނޫނެވެ. އެ ތަނުގައި އޮތީ ވަރަށް ހަނަފަސް، ބޮޑު ބިމެކެވެ. އެ ރަށުގެ ހޫނު ވެލިގަނޑުގައި އަހަރެން ތިން މޭވާ ވަޅުލީމެވެ. ރަނގަޅަށް ފަސްގަނޑު އެއްވަރުނުކުރެވިގެން އުޅެނިކޮށް އެއް ގަސް ފެޅިއެވެ. ވަގުތުން ކުރިތައް ފަޅައި، ގަސް ބޮޑުވިއެވެ. މޭވާތައް އަޅާ ބަރާވިއެވެ.

"ތިންބައިކުޅަ އެއްބައި!" މީހަކު ބުނި އަޑުއިވުނެވެ. "ތިން މޭވާއިން އެއް މޭވާ."

އަހަންނަށް ހޭލެވުނެވެ. ހުވަފެނާ މެދު ވިސްނީމެވެ. ކުއްލިއަކަށް ހަނދާންވިއެވެ. އަވަހަށް ފޯނު ނަގައިފައި ހިސާބުހަދައިލީމެވެ. މާވަހަރުން ލިބުނު ފައިސާއިން ދެ މިލިޔަނެއްހާ ރުފިޔާ އަހަރެން ސަދަގާތްކުރަން ޖެހެއެވެ. އެ ފައިސާ ދޭންވީ ނަސީބުވެރި އެކަކަށް ހެއްޔެވެ؟ ނޫނީ އެތައް ބަޔަކަށް ހެއްޔެވެ؟ ދިވެއްސަކަށް ވުން ލާޒިމު ހެއްޔެވެ؟ އެ ކަމުގައި ވަރަށް ގިނަ މީހުންގެ ލަފާ އަހަރެން ހޯދީމެވެ. އެކި މީހުން އެކި ކަހަލަ ހިޔާލު ދިނެވެ. ދީނީ އިލްމުވެރިޔަކާ ވެސް މަޝްވަރާކުރީމެވެ.

"ފެނުނު ހުވަފެނުގަ މޭވާ އިންދީ އެހެން ތަނެއްގަ،" އޭނަ ދެތިން ކަމެއް ފާހަގަކުރިއެވެ. "އޭގެ މާނައަކީ ތީގެ ހައްގުވެރިޔަކީ އެހެން ރަށެއްގެ މީހެކޭ. ހަނަފަސް ސަހަރާތައް ހުންނަ ގައުމަކަށޭ ދާންޖެހޭނީ. ވަރިހަމަ ފަރަންޖީން ތިއްބަސް މުސްލިމުން ތިއްބަސް."

އަހަރެންގެ ހިތަށް އައީ އަރަބި ގައުމެކެވެ. އެ ތަންތަނުގައި ވަޒީފާއަދާކުރާ ބީރައްޓެހިން ވެސް އުޅޭނެއެވެ. ވީމާ، ޢުމްރާއަކާ ގުޅުވައިލައިގެން ދަތުރެއް ރޭވީއެވެ. އަހަރެންގެ ރައްޓެހިން އަހަންނަށް ވަރަށް ތައުރީފުކުރިއެވެ. އަހަރެންގެ ތެދުވެރިކަމަށް ޓަކައެވެ. ދީލަތިކަމަށް ޓަކައެވެ. ފައިސާ ލިބޭއިރަށް ޢުމްރާއަކަށް ދާތީއެވެ. ޚުދު އަހަރެން ވެސް ހިތަށްއެރިއެވެ. އަހަންނަކީ ވަރަށް ނަސީބުގަދަ މީހެކެވެ. ދީލަތި މީހެކެވެ. ބުނި ބަހުގައި ހިފޭއްޓިއްޖެއެވެ. ފައިސާއަކަށް އަހަރެން އަޅަކަށް ނުހެދުނެވެ.

ޖިއްދާ އެއާޕޯޓަށް މަތިންދާބޯޓު ޖެއްސިއިރު ވެސް އަހަރެންނަށް ވިސްނުނީ އެ ކަމާއެވެ. އެހާ ދިގު ދަތުރެއް ކޮށްފައި، އެ ކަހަލަ ކަމަކަށް އަންނާނީ ކާކު ހެއްޔެވެ؟ މަތިންދާބޯޓުން ފޭބިއްސުރެ އަހަރެން ކޮޅުކޮޅުމައްޗަށް ލޯހިންގީމެވެ. ނަސީބުވެރިޔާ ހޯދުމަށް ޓަކައެވެ. އެކި ކަހަލަ މަސައްކަތްކުރާ އެކި އުމުރުގެ މީހުން ދުށީމެވެ. އެ ތަނުން ނުކުމެވުނުއިރު ވެސް ވަކި ހާއްސަ މީހެއް ފާހަގައެއް ނުވިއެވެ. އަހަރެން އުންމީދުކޮށްގެންހުރީ ކޮންމެވެސް މީހަކު އަހަރެންގެ ލޮލުގައި އަޅައިގަންނާނެ ކަމަށެވެ. އެ މީހަކު ފެންނައިރަށް އަހަރެންނަށް ވަގުތުން އެނގޭނެކަމަށެވެ. ހިތް ބުނާނެކަމަށެވެ. ތި ހޯދާ މީހަކީ އެހެރީއެވެ.

އެއާޕޯޓުން ހޮޓަލަށް މަޑުކޮށްލައިފައި ދެން މިސްރާބުޖެހީ ޙަރަމްފުޅަށެވެ. ޢުމްރާގެ ކަންތައް ނިންމުމަށް ޓަކައެވެ. އެ ކަން ނިންމައިލައިފައި ތަނަށް ނަޒަރުހިންގައިލިއިރު އެކި ފެންވަރުގެ މީހުން އެ ތަނުގައި އުޅެއެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އެ ތަން ކުނިކަހަން އުޅުނު މީހާއެވެ. ހިތަށްއެރިއެވެ. މަސައްކަތްތެރީންގެ ގޮތުގައި އުޅޭ ބިދޭސީ މުސްލިމުން ވަރަށް ގިނަވާނެއެވެ. އެ ފަދަ މީހުންގެ އަތްމަތި ދަތިވާނެއެވެ. ޙަރަމްފުޅުގެ ހިދުމަތުގައި އުޅޭ މީހަކަށް ވުރެ އަހަރެންގެ ހަދިޔާ ހައްގު ދެވަނަ މީހަކު ނުހުންނާނެއެވެ. އެއަށް ވުރެ ހެޔޮ މަސައްކަތެއް ކޮބައި ހެއްޔެވެ؟ އުފާވެރި ޚަބަރު ދިނުމަށް ޓަކައި އެ މީހާއާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. އެކަމަކު އޭގެ ކުރިން އެ މީހާ ހިނގައިގަތެވެ. މީހުން ގިނަ ވަގުތެކެވެ. އެކި ދިމަދިމާއަށް ހިނގާ މީހުންނާއި، ފުރޮޅުލީގޮނޑީގައި އުޅޭ މީހުންނެވެ. އަހަރެންގެ މަގުސަދު ހާސިލެއް ނުވިއެވެ. މާ ކުރިން އަހަރެންގެ ލޯމަތިން އެ މީހާ ގެއްލުނެވެ. އެ ތަނުގައި ބައިވަރު މަސައްކަތްތެރިން އުޅުނެވެ. ކޮންމެ މީހަކަށް ވެސް އަހަރެންގެ ފައިސާތައް ދެވުނީހެވެ. އަހަރެން ބޭނުންވީ ކުރިން ފެނުނު މީހާއަށް ދޭށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެ މީހާ ފެނުމުން އަހަރެންގެ ބޭބެއެއްގެ ހަނދާންތައް އާކޮށްދޭ ކަހަލަ ގޮތެއް ހުރީމައެވެ. އެ މީހާގެ މޫނާއި، އިސްކޮޅާއި، ހަށިގަނޑު ވެސް މެއެވެ. ހިތަށްއެރިއެވެ. އޭނަ ފެނޭތޯ ބަލައިލައިފައި ނޫނީ ގޮތެއް ނުނިންމާނަމެވެ.

ދެތިން ދުވަހަކު އަހަރެން މައްކާގައި ހުރީމެވެ. ހުރިހާ ނަމާދަކަށް ޙަރަމްފުޅަށް ދަމެވެ. އެ މީހާއެއް ނުފެނުނެވެ. އެންމެ ފަހު ދުވަހުގެ މެންދުރު ނަމާދު ނިންމައިފައި މިސްކިތުން ނުކުންނަނިކޮށް މީހަކު ސަލާންގޮވައިލިއެވެ. ސަލާން ބަލައިގަންނަމުން އަހަރެން އެނބުރިލިއިރު އަހަރެންގެ ކުރިމަތީގައި އެ މީހާ ހުއްޓެވެ.

"ސަރގެ ވޮލެޓް!" އަހަރެންގެ ފައިސާ ދަބަސް ދިއްކޮށްލަމުން އިނގެރޭސިބަހުން އޭނަ ބުންޏެވެ.

އަހަންނަށް ޖީބުގައި އަތްޖައްސައިލެވުނެވެ. އަހަރެންގެ ފައިސާ ދަބަހެއް ނެތެވެ. އުފަލާއެކު ހިނިތުންވަމުން އަހަރެން އެ ދަބަހުގައި ހިފީމެވެ. އަދި އޭނަގެ ޔުނީފޯމުގައި ހަރުކޮށްފައިހުރި ކާޑަށް ބަލައިލީމެވެ. އޭނަގެ ނަމަކީ ރާމިޒެވެ. ހަދިޔާއެއް ގޮތުން ދިހަ ޑޮލަރު ދިއްކޮށްލީމެވެ. އޭނަ ފައިސާއަކު ނުހިފިއެވެ.

"މީގަ ހިފާ!" އަހަރެން އެދުނީމެވެ. "ވަރަށް މުހިންމު ވާހަކައެއް ވެސް އެބައޮތް ބުނަން."

ފައިސާގައި އޭނަ ހިފީ ނޫނެކޭ ބުނަން ނުކެރިގެން ހިފާ ކަހަލަ ގޮތަކަށެވެ. އެކަމަކު ފައިސާ ޖީބަކަށް ނުލައެވެ. އެ ދަނޑިވަޅަކީ ދިގު ވާހަކަތަކެއް ދައްކަން އެންމެ ރަނގަޅު ދަނޑިވަޅެއް ނޫނެވެ.

"ދެ ދުވަހެއް ވެއްޖެ ރާމިޒު ހޯދާތާ،" އަހަރެން ބުނީމެވެ. "ކޮންއިރަކުން މަސައްކަތް ނިމެނީ؟ އެބަ ޖެހޭ ބައްދަލުކޮށްލަން."

"އަހަންނާ؟" އޭނަ ސުވާލުކުރިއެވެ. "އެއީ ކޮންކަމަކާ؟"

"ދެން ދިމާވާ ފަހަރަކުން ކިޔައިދޭނަން،" އަހަރެން ޖަވާބު ކުރުކޮށްލީމެވެ. "ރާމިޒަށް އިހުސާސެއް ނުކުރެވޭނެ ރާމިޒަކީ ކިހާ ނަސީބުގަދަ މީހެއްކަމެއް."

އަހަރެން ހުރި ހޮޓަލުގެ ނަމާއި އަހަރެންގެ ފޯނު ނަންބަރު ބުނެފައި ވަކިވީމެވެ. ކޮޓަރީގެ ނަންބަރެއް ނުބުނަމެވެ. މަސައްކަތުން އަވަދިވެގެން ރާމިޒަށް އާދެވުނީ ހަވީރުއެވެ. ބައްދަލުކުރަން ތިރިޔަށް ފައިބަންވެގެން ކޮޓަރީގެ ދޮރު ހުޅުވައިލިއިރު ރާމިޒު ވަރަށް ހިނިއައިސްފައި ދޮރުމަތީގައި ހުއްޓެވެ. ހޫނު މަރުހަބާއެއް ކިޔައި ރާމިޒު އެތެރެއަށް ވެއްދީމެވެ. ކަން ހިނގި ގޮތް އަހަރެން ކިޔައިދިނީމެވެ. އަދި ޗެކު ދިއްކޮށްލީމެވެ. އެ ވަގުތު ދޮރުގައި ޓަކިޖަހައިލި އަޑުއިވުނެވެ. ދޮރު ހުޅުވައިލުމުން ސައި ތަބައްތައް އެތެރެއަށް ވައްދަން ފެށިއެވެ. ސައި ގެނައި މީހާޔާ އެކުގައި ހޮޓަލުގެ މެނޭޖަރު ވެސް ކޮޓަރިއަށް ވަނެވެ. އަހަރެން ސައި ގެންނާކަށް ނުބުނަމެވެ. އެ ވާހަކަ ނުބުނެވިގެން އުޅެނިކޮށް ރާމިޒާއި މެނޭޖަރު ވާހަކަދައްކަން ފެށިއެވެ. ވަރަށް އެކުވެރި މޫޑެއްގައި އަރަބި ބަހުންނެވެ. އޭރު ވެސް ޗެކު އޮތީ އަހަރެން އަތުގައެވެ. އެ މީހުން ނުކުތުމުން ރާމިޒު ދޮރު ލެއްޕިއެވެ.

"މީ އަހަރެންގެ ހޮޓަލެއް،" ރާމިޒު ހިނިތުންވެފައި ބުންޏެވެ. "ތި ބުނާ މާވަހަރު ގަތީ ވެސް އަހަރެންގެ ކުންފުންޏަކުން. ދުނިޔޭގެ އެތައްމިތަނުގަ އަހަރެން ވިޔަފާރިކުރަން."

ބުނާނެ އެއްޗެއް ނޭނގިފައި ރާމިޒަށް ބަލަހައްޓައިގެން އަހަރެން ހުރީމެވެ.

"ހިތަށްއަރާނެ ކަންނޭނގެ ދެން ކީއްވެހޭ މަސައްކަތު މީހެއްގެ ވަޒީފާގަ މި އުޅެނީ." ރާމިޒު ބުންޏެވެ.

ރާމިޒު ފައިސާ ދަބަސް ނަގައިފައި ހުޅުވައިލިއެވެ. އޭގައި ފައިސާ ކާޑުތައް ބަރިޖަހައިލައިފައި ހުއްޓެވެ. ރާމިޒު ދައްކައިލީ ފޮޓޯއެކެވެ. ގެފުޅު ކައިރީގައި ނަގައިފައިވާ އެ ފޮޓޯއިން ފެންނަނީ މުސްކުޅިއެކެވެ. އޭނަ ހުރީ ރާމިޒު ލާ ކަހަލަ މަސައްކަތު ޔުނީފޯމެއް ލައިގެންނެވެ.

"މީ އަހަރެންގެ ބައްޕަ. ބައްޕައަކީ ވެސް ގެފުޅުގެ ޚާދިމެއް. މިއަދު ދުނިޔެއަކު ނެތް،" ރާމިޒު ބުންޏެވެ. "ބައްޕަގެ އުފަލާ ޝަރަފަކީ މި ވަޒީފާ. ބައްޕައަކީ ވެސް އަހަރެން ކަހަލަ މިލިޔަނަރެއް. ވިޔަފާރިކުރަނީ އާމްދަނީ ހޯދަން. ހިތްހަމަޖެހުން ލިބެނީ ގެފުޅަށް ޚިދުމަތްކުރީމަ. އަހަރެން ވެސް އަތްފައި ހެލޭހާ ދުވަހަކު މި ވަޒީފާގަ ހުންނާނީ. ތިޔަ ޗެކު އަހަންނަށް ދޭން ނިންމީތީ ޝުކުރިއްޔާ! އެކަމަކު ތި ފައިސާގެ ބޭނުން އެހެން މީހަކަށް މާ ރަނގަޅަށް ހިފޭނެ."

ގެފުޅުގެ އެހެން ޚާދިމަކަށް އަހަރެން ޗެކު ދިނީމެވެ. އެ ފަހަރު ދިމާވީ ޕާކިސްތާނު މީހަކާއެވެ. އޭނަ އުފާވެގެން އަހަރެން އަތުގައި ބޮސްދޭން ފެށި ގޮތަށް ހުއްޓައިލަން ވެސް ނޭނގުނެވެ. އެ ކަމާ އަހަރެން ހައިރާނެއް ނުވެއެވެ. ފުރަން ފޮށި ތައްޔާރުކޮށްގެން ކޮޓަރީގެ ކުޑަދޮރުން ބޭރުބަލަން އަހަރެން ހުރިއިރު، ގެފުޅު ވަށައިގެން ޠަވާފުކުރާ މީހުންނާއި ގެފުޅަށް ޚިދުމަތްކުރާ މީހުން ވެސް ފެނެއެވެ. ހިތަށްއެރިއެވެ. އޭގެ ތެރޭގައި ރާމިޒު ވެސް ހުންނާނެއެވެ. އަހަރެން ކުރިން ހީކުރީ ނަސީބުވެރިޔަކީ، ކުއްލިއަކަށް ބޮޑު ތަނަވަސްކަމެއް ލިބޭ އަހަރެން ކަހަލަ މީހުންކަމަށެވެ. އަހަރެންގެ ދީލަތިކަމާއި، ތެދުވެރިކަމަކީ އަހަރެން ފަޚުރުވެރިވާ ސިފަތަކެވެ. އަހަންނަށް ލިބުނު މުއްސަނދިކަމަކީ އަހަރެންގެ ހިތަށް ލިބުނު އެންމެ ބޮޑު ހަމަޖެހުމެވެ. އެކަމަކު ހަގީގީ ފަޚުރުވެރިޔަކީ ރާމިޒެވެ. ހިތަށް ހަމަޖެހުން ލިބެންޖެހޭނީ ﷲ ހަނދުމަކުރުމުންނެވެ. އިސްލާމްދީނަށް ޚިދުމަތްކުރުމުންނެވެ. ރާމިޒަކީ ދިރިހުރި ނަމޫނާއެކެވެ. އެ ފަދަ އެހެން އިންސާނެއް އަހަރެން ނުދެކެމެވެ. ފެންނާނެހެނެއް ހިއެއް ވެސް ނުވެއެވެ.

ނިމުނީ