ޕްރިޔަންކާ އަށް ހުށަހެޅި ފިލްމެއް އަނެއްކާވެސް ކެޓްރީނާ އަށް

ޕްރިޔަންކާ ޗޯޕްޅާ އަށް ހުށަހެޅި ފިލްމަކަށް ކެޓްރީނާ ކެއިފް އަނެއްކާ ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އަންނަ ފިތުރު އީދުގައި ރިލީޒްކުރާ، ސަލްމާން ހާންގެ "ބާރަތު" ގެ ބަތަލާގެ ރޯލް ކެޓްރީނާ އަށް ދިނީ، އެ ފިލްމަށް ޕްރިޔަންކާ ސޮއިކުރުމަށް ފަހު ކުއްލި ގޮތަކަށް ފިލްމު ދޫކޮށްލުމުންނެވެ.

މިޑް-ޑޭ އިން ބުނި ގޮތުގައި އިންޑިއާގެ ކުރީގެ މަޝްހޫރު އެތުލީޓް ޕީޓީ އޫޝާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ ޕްރިޔަންކާ އަށް ހުށަހެޅިތާ ގިނަ ދުވަސްތަކެއްވި ނަމަވެސް އޭނާ އެ ފިލްމު ކުޅޭނެ ކަމުގެ އެއްވެސް ސިގްނަލެއް މިހާތަނަށް ދީފައި ނުވާތީ، އެ ފިލްމު އުފައްދާ ޓީމުން މިހާރު ވަނީ ކެޓްރީނާ އަށް ފިލްމު ހުށަހަޅައިފަ އެވެ.

އޫޝާގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޑައިރެކްޓަރަކީ ކުރިން ވެސް، ކާމިޔާބު ތަމަޅަ އަދި މަލަޔާޅަމް ފިލްމުތަކެއް ގެނެސް ދީފައިވާ ރިވަތީ އެސް ވަރުމާ އެވެ. މިޑް-ޑޭ އިން ބުނި ގޮތުގައި ރިވަތީ ވަނީ ފިލްމާ ގުޅޭ ގޮތުން ކެޓްރީނާ އަށް ބައްދަލުކޮށް މަޝްވަރާތަކެއްކޮށްފަ އެވެ. އަދި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.

އޫޝާގެ ފިލްމު ކެޓްރީނާ ކުޅޭކަން ކަށަވަރުވެއްޖެ ނަމަ މި ފިލްމުވެގެން ދާނީ އޭނާ ކުޅޭ ފުރަތަމަ ބައޯޕިކަށެވެ. ކެޓްރީނާ މި ހަފުތާގައި ވަނީ އަކްޝޭ ކުމާރު ފުލުހެއްގެ ރޯލް ކުޅޭ، ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ" އަށް ވެސް ސޮއިކޮށްފަ އެވެ.

އޫޝާ: އޭނާގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ވަނީ ނިންމާފައި.

އަންނަ އޮކްޓޯބަރު މަހުގެ 11 ގައި ރިލީޒް ކުރާ "ދަ ސްކައި އިޒް ޕިންކް" އިން ފެނިގެންދާ ޕްރިޔަންކާ ވަނީ ކުޅިވަރު ޝަހުސިއްތެއްގެ ރޯލް ކުރިން ފިލްމެއްގައި ކުޅެފަ އެވެ. އެއީ އިންޑިއާގެ މަޝްހޫރު އަންހެން ބޮކްސިން ތެޅުންތެރިޔާ މޭރީ ކޮމްގެ ވާހަކަ ކިޔައި ދިން 2015 ގެ "މޭރީ ކޮމް" އެވެ.

އުމުރުން މިހާރު 54 އަހަރުގެ އޫޝާއަކީ އޮލިމްޕިކާއި އޭޝިއަން ގޭމްސް ފަދަ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް އިންޑިއާ އަށް ދުވުމުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ މީހެކެވެ. އޭނާގެ ހަލުވި ދުވެލީގެ ސަބަބުން މަޝްހޫރުވެފައި ވަނީ "ކްއީން އޮފް އިންޑިއަން ޓްރެކް އެންޑް ފީލްޑް" ގެ ނަމުގަ އެވެ.