ތާރާ ސުތާރިއާގެ ރޯލް މޮޑެލަކީ ކަންގަނާ ރަނާވަތު

ބޮލީވުޑުން ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލާ މީހަކީ ކަންގަނާ ރަނާވަތު ކަމަށާއި އޭނާއަކީ އަމިއްލަ މަސައްކަތުން ކުރިއެރުން ހޯދި ބަތަލާއެއްގެ ގޮތުގައި ނަލާމަސީލު މިސާލެއް ކަމަށް، އަންނަ މަހު ރިލީޒްކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވާ ބަތަލާ ތާރާ ސުތާރިއާ ބުނެފި އެވެ.


ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ތާރާ ބުނީ އޭނާ އަކީ ވެސް ކަންގަނާ ގޮތަށް ފިލްމީ އެއްވެސް ކަމަކާ ގުޅުން ނެތް އާއިލާއަކުން ބޮލީވުޑަށް ނުކުންނަ ބަތަލާއެއް ކަމަށެވެ.

"އެހެންވެ ކަންގަނާ އަކީ އަހަރެންގެ ވަރަށް ބޮޑު އިންސްޕިރޭޝަނެއް. އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާ މިއަދު އެ ހުރި ހިސާބަށް އައިސްފައި ވަނީ އަމިއްލަ ހުނަރާއި މަސައްކަތުން،" ތާރާ، 28، ބުންޏެވެ. "އެހެންވީމާ އެއީ އަހަރެން ދެކޭ ގޮތުގައި އަހަރެން ކަހަލަ ޒުވާން އެތައް އަންހެނުންނެއްގެ ރޯލް މޮޑެލްއަކަށް ވާނެ. އަދި ފިލްމު ކުޅެން ބޭނުންވާ އެތައް ޒުވާނުންނަކަށް އޮތް ހިތްވަރަކަށް ވާނެ."

ކަންގަނާއަކީ ވަރަށް ޒުވާން އުމުރުގައި ފިލްމު ކުޅެން ފަށައި މިހާތަނަށް ތިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާއެކެވެ. އަދި އޭނާއަކީ މި ވަގުތު އިންޑިއާގައި އެންމެ ބޮޑު އާމްދަނީއެއް ވެސް ލިބޭ ބަތަލާ އެވެ. ބަތަލާއެއްގެ ގޮތުގައި ހުނަރު ދައްކައިލުމުގެ އިތުރަށް ކަންގަނާ ވަނީ މި އަހަރު ރިލީޒް ކުރި "މަނިކަރްނިކާ" އިން ފިލްމު ޑައިރެކްޝަނަށް ވެސް ނުކުމެފަ އެވެ.

ގިނަ ބަޔަކު ކަންގަނާގެ މަސައްކަތަށް ތައުރީފު ކުރި ނަމަވެސް އޭނާ ބޮލީވުޑްގެ ބައެއް މީހުންނާ ޖައްސާލައި، ހިތަށް އެރިހާ ވާހަކަތަކެއް މީސްމީހުންނާ ބެހޭ ގޮތުން ދައްކާތީ ކަންގަނާއަކީ ބޮލީވުޑްގެ ބައެއް މީހުން ވަރަށް ރުޅި އަންނަ ބަތަލާއެކެވެ.

އަންނަ މަހުގެ 10 ގައި ރިލީޒް ކުރާ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތާރާ ބޮލީވުޑަށް ތައާރަފުވާ އިރު އޭނާ މިހާރު ވަނީ ދެވަނަ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ތަޅަޕް" އެވެ.