އާލިއާ ބަޓާއި ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" އަންނަ އަހަރަށް ފަސްކޮށްފި

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަޔާން މުކަރްޖީ ޑައިރެކްޓްކޮށްފައިވާ ފެންޓަސީ ލޯބީގެ ފިލްމު "ބުރައްމަސްތުރާ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.


މި ފިލްމު ރިލީޒްކުރަން އެންމެ ފުރަތަމަ ތާވަލުކުރީ އަންނަ އޮގަސްޓް މަހުގެ 15 އަށެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު 20 އަށް ފަސްކުރި ފިލްމު މިހާރު ވަނީ އަންނަ އަހަރުގެ ހޫނު މޫސުމަށް ފަސްކޮށްފަ އެވެ.

ކަރަން ޓްވިޓާގައި އާންމުކުރި ބަޔާނުގައި ބުނީ "ބުރައްމަސްތުރާ" އަންނަ އަހަރަށް ފަސްކުރީ ފިލްމުގައި ގިނަ އަދަދަކަސް ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) ގެ މަސައްކަތްތައް ކުރަން ހުރުމާ އެކު އެކަމަށް އަދިވެސް ގިނަ ވަގުތުތަކެއް ނަގާނެތީ ކަމަށެވެ.

އެހެންވެ ވިީހާ ވެސް ފުރިހަމަކޮށް ފިލްމު ގެނެސް ދޭން ބޭނުން ވާތީ އަންނަ އަހަރަށް ފިލްމު ފަސްކުރީ ކަމަށާއި ފިލްމު ރިލީޒްކުރާނެ ރަސްމީ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ބުންޏެވެ.

"ބުރައްމަސްތުރާ" ގެ ޓީމުން މިގޮތަށް ބުނި ނަމަވެސް ފިލްމީ ހަބަރުތައް ގެނެސްދޫ ނޫސްތަކުން ބުނީ އެ ފިލްމު އަންނަ އަހަރަށް ފަސްކުރި މައިގަނޑު ސަބަބަކީ ފިލްމު ސިނަމާތަކަށް ގެންނަން ނިންމި ތާރީހު ކަމަށްވާ ޑިސެމްބަރު 20 އަށް ސަލްމާން ހާންގެ "ދަބަންގް 3" ތާވަލު ކުރުމެވެ.

ސަލްމާން ވަނީ އެ ތާރީހުގައި ފިލްމު ރިލީޒް ކުރާކަން ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ.

މީޑިއާތަކުން ބުނީ ސަލްމާންގެ ފިލްމާ އެއް ދުވަހެއްގައި ބޮޑު ބަޖެޓަކުން ހަދާފައިވާ "ބުރައްމަސްތުރާ" ރިލީޒްކޮށްގެން ބޮކްސް އޮފީހުގައި ރިސްކެއް ނަގަން ކަރަން ބޭނުން ނުވާތީ ފިލްމު ލަސްކުރީ ކަމަށެވެ. "ބުރައްމަސްތުރާ" އަންނަ އަހަރަށް ލަސްކުރީ އެ ވާހަކަ މީޑިއާތަކުގައި ވެސް ދެކެވެމުން ދަނިކޮށެވެ.

އަނެއްކޮޅުން އޭ ލިސްޓް ތަރިންތަކަކާ އެކު ބޮޑު ބަޖެޓަކުން މި މަހުގެ 17 ގައި ގެނެސް ދިން ކަރަންގެ "ކަލަންކް" ވެސް ވަނީ ބޮޑުތަމުން ބޮކްސް އޮފީހުގައި ފެއިލްވެފަ އެވެ.

"ޔެ ޖަވާނީ ހޭ ދީވާނީ" އާއި "ވޭކަޕް ސިދް" ފަދަ ފިލްމުތައް ގެނެސް ދިން އަޔާން 150 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ "ބުރައްމަސްތުރާ" އަކީ ކަރަންގެ ދަރުމާ އިން ގެނެސް ދޭން ނިންމާފައިވާ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ. މީގެ ލީޑް ރޯލުން ފެނިގެން ދާނީ އާލިއާ ބަޓާއި ރަންބީރު ކަޕޫރެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، ނާގުރްޖުނާ އަކިނޭނީ، މޯނީ ރޯއީ އަދި ދިވްޔެންޑޫ ޝަރުމާ ހިމެނެ އެވެ.

ކަރަންގެ "ބުރައްމަސްތުރާ" ސަލްމާންގެ ފިލްމަކާ ވެސް ހެދި ލަސްކުރަން ޖެހުނު އިރު އަންނަ އަހަރަށް ތާވަލު ކުރި ކަރަން އާއި ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ" އަށް ވެސް ހަމަ މިފަދަ މައްސަލައެއް ވަނީ ކުރިމަތިވެފަ އެވެ. އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅޭ ފިލްމު އަންނަ އަހަރު ފިތުރު އީދުގައި ރިލީޒް ކުރަން ތާވަލުކޮށްފައި ވަނީ ސަންޖޭ ލީލާ ބަންސާލީ، ސަލްމާނާއި އާލިއާއާ އެކު ގެނެސްދޭ "އިންޝާﷲ" ވެސް ވަނީ އަންނަ އަހަރުގެ ފިތުރު އީދަށް ތާވަލުކޮށްފަ އެވެ.

މިކަމާ ގުޅިގެން "ސޫރިޔާވަންޝީ" ވެސް ރިލީޒް ކުރާ ތާރިހު ކަރަން ބަދަލު ކުރާނެ ކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ.