އިރާނުގެ ޑައިރެކްޓަރު މާޖިދު މާޖިދީގެ ފިލްމެއް ޝާހްރުކް ހާނަށް

އިރާނުގެ މަޝްހޫރު ޑައިރެކްޓަރު މާޖިދު މާޖިދީގެ ފިލްމެއް ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ހާނަށް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.


މި ވާހަކަ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހަފުތާގައި ޗައިނާގައި ނިންމައިލި 19 ވަނަ ބެއިޖިން އިންޓަނޭޝަލް ފިލްމު ފެސްޓިވަލްގެ ތެރެއިން މާޖިދާއި ޝާހްރުކް ބައްދަލުވެފައި ވަނިކޮށެވެ.

ޝާހްރުކް އެ ފެސްޓިވަލަށް ދިޔައީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޒީރޯ" އާ އެކީގަ އެވެ. އަދި މާޖިދު އިންޑިއާގެ ކާސްޓެއް ހިމަނައިގެން މިދިޔަ އަހަރު ގެނެސް ދިން "ބިޔޯންޑް ދަ ކްލައުޑްސް" ވެސް ވަނީ ފެސްޓިވަލްގައި ޕްރިމިއާކޮށްފަ އެވެ. އެ ފިލްމަކީ ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ކައްޓަރުގެ އަލަތު ފިލްމެވެ.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ޗައިނާ ފެސްޓިވަލުން ޝާހްރުކާއި މާޖިދު ބައްދަލުވެ، މާޖިދުގެ ފިލްމަކަށް ޝާހްރުކް ގެންނަން ވާހަކަތަކެއް ދެކެވުނު ކަމަށެވެ.

ނަމަވެސް އެކަމާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މާޖިދަކީ އިރާނުގެ އެންމެ ނުފޫޒު ގަދަ އެއް ޑައިރެކްޓަރެވެ. އޭނާއަކީ 1998 ގައި ފިލްމު "ޗިލްޑްރެން އޮފް ހެވެން" އިން އޮސްކާގެ އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ވެސް ނޮމިނޭޓްވި ޑައިރެކްޓަރެކެވެ.

މިދިޔަ ޑިސެމްބަރު ރިލީޒްކޮށް، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު "ޒީރޯ" އަށް ފަހު، ޝާހްރުކްގެ އަތުގައި މި ވަގުތު ކުޅޭނެ އެއްވެސް ފިލްމެއް ނެތެވެ.