ދުވަހަކު ވެސް ކޮލެޖަކަށް ނުދަން: ޓައިގާ ޝްރޮފް

ދުވަހަކު ވެސް ކޮލެޖެއްގައި ނުކިޔާވާ ކަމަށް، މި މަހު ރިލީޒްކުރާ ކޮލެޖް ލޯބީގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ބަތަލު ޓައިގާ ޝްރޮފް ބުނެފި އެވެ.


އެ ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން ފިލްމުގެ ތަރިންނާ އެކު ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އާދީއްތަ ދުވަހުގެ ރޭގެ އެޕިސޯޑްގައި ޓައިގާ ބުނީ ކޮލެޖްގައި ކިޔަވަން މަގުފަހި ނުވީ ސްކޫލް ނިންމައިލި ގޮތަށް އެކްޓްކުރަން ނުކުތުމުން ކަމަށެވެ.

އޭނާގެ ފުރަތަމަ ފިލްމު ހީރޯޕަންތީ (2013) އަކީ ކިޔެވުން ނިންމައިލި ގޮތަށް ކުޅުނު ފިލްމެކެވެ.

"އެހެންވީމަ އަހަރެންގެ ކޮލެޖަކީ ހަގީގަތުގައި ސްޓޫޑަންޓް އޮފް ދި އިޔާ ޓޫ،" އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު ބުންޏެވެ. "އަހަންނަށް ކޮލެޖް ތަކުރިބާ ކުރެވުނީ މި ފިލްމުން. އަދި މިއީ އަހަންނަށް ކޮލެޖް ތަސައްވަރުކޮށް ދިން ފިލްމު ވެސް މެ."

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ބަތަލާއިންނަކީ އަލަށް ތައާރަފުވާ ތާރާ ސުތާރިއާ އާއި އަނަންޔާ ޕާންޑޭ އެވެ. "ސްޓޫޑަންޓް އޮފް ދި އިޔާ 2" އަކީ ކޮލެޖް ޒުވާނުންތަކެއްގެ ތިނެސްކަން ލޯބީގެ ވާހަކައެއް ކިޔައި ދޭނެ ފިލްމެކެވެ.

އަދި މި ފިލްމަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރު 2012 ގައި ގެނެސް ދިން "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ ދެވަނަ ބައެވެ.

"ސޮޓީ 2" ގެ ޓްރެއިލާ

މި ފަހަރު ފިލްމު ޑައިރެކްޓްކޮށްފައި ވަނީ "ގޯރީ ތެރޭ ޕިޔާރު މޭ" އާއި "އައި ހޭޓް ލަވް ސްޓޯރީ" ގެނެސް ދިން ޕުނިތު މަލްއުތުރާ އެވެ.

ކޮލެޖްގައި ކިޔަވަން ޓައިގާ އަށް ފުރުސަތު ނުލިބުނަސް އޭނާ ވަނީ އެކްޓަރެއްގެ ގޮތުގައި ނުކުމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ ލޯތްބާއި މަގުބޫލުކަން ވަރަށް ބޮޑަށް ހޯދައިފަ އެވެ. އެގޮތުން 29 އަހަރުގެ އެކްޓަރު މިހާރު ހިމެނެނީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެކްޝަން ހީރޯއިންގެ ތެރޭގަ އެވެ.