"ކަލަންކް" ފެއިލްވުމުން ކަރަން ޖޯހަރްގެ "ތަހުތު" އަށް ބަދަލުތަކެއް ގެންނަނީ

މިދިޔަ މަހު ރިލިޒްކުރި، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްގެ ފުރަތަމަ ތާރީހީ ފިލްމު "ކަލަންކް" ފެއިލްވެފައިވާތީ، ކަރަން ޑައިރެކްޓް ކުރާ ފުރަތަމަ ތާރީހީ ފިލްމު "ތަހުތު" ގެ ސްކްރީންޕްލޭ އަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ސިނެބްލިޒުން ބޮތުގައި ބޮޑު ބަޖެޓަކުން އޭ-ލިސްޓް ތަރިންތަކަކާ އެކު ގެނެސް ދިން ފިލްމު ބެލުންތެރިން ބަލައިނުގަތުމުން ކަރަން ވަނީ އެ ފިލްމުން ލިބުނު ފިލާވަޅުގެ އަލީގައި "ތަހުތު" އަށް އެކި ވަރުގެ ބަދަކުތަކެއް ގެންނަން ނިންމައިފަ އެވެ.

އޭގެ ތެރޭގައި ފިލްމުގެ ސްކްރީންޕްލޭ ރިވިއުކޮށް، ފިލްމުގެ ޑައިލޮގްތަކާއި އެކްޝަން މަންޒަރުތަކާއި ކެރެކްޓާތަކުގެ ވަރުގަދަކަމާއި ބަދަހިކަން ބޮޑުކުރުން ހިމެނެ އެވެ. "ތަހުތު" ގެ ސްކްރީންޕްލޭ ސުމިތު ރޯއި ލިޔެފައިވާ އިރު، އޭގެ ޑައިލޮގްތައް ލިޔެފައި ވަނީ ސުމިތާއި ހުސައިން ހައިދަރީ އެވެ.

އިންޑިއާގައި އޮތް މުގާލް ރަސްކަމުގެ މައްޗަށް ބިނާކޮށް ހަދާ "ތަހުތު" މިދިޔަ އަހަރުގެ އޮގަސްޓްގައި އިއުލާން ކުރަމުން ކަރަން ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ފިލްމުގެ ވިންދާއި ރޫހަކީ ފިލްމުގެ ލިޔުންތެރިން ކަމަށެވެ. އެހެންވެ ބެލެވޭ ގޮތުން "ތަހުތު" ގެ ސްކްރީންޕްލޭ ވަރަށް ފުރިހަމަ އެއްޗަކަށް ހަދަން އެންމެ ފުރަތަމަ މަރުހަލާގައި ވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ. އަދި މި ފިލްމުގެ ތަރިން ވެސް ސްކްރީންޕްލޭ އަށް ތައުރީފުކޮށް ވާހަކަ ދައްކާފައިވެ އެވެ.

ކަރަން ޑައިރެކްޓް ކުރާ 7 ވަނަ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވެސް މިހާރު އަންނަނީ ވަމުންނެވެ. މިއީ ވެސް ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި ކަރީނާ ކަޕޫރް، ރަންވީރު ސިންގް، އާލިއާ ބަޓް، ވިކީ ކޯޝަލް، ޖާންވީ ކަޕޫރް، އަނިލް ކަޕޫރް އަދި ބޫމީ ޕެޑްނޭކަރު ހިމެނެ އެވެ.

"ތަހުތު" އަންނަ އަހަރު ގެނެސް ދޭން ނިންމާފައިވާ އިރު، ފިލްމު ރިލީޒް ކުރާނެ ރަސްމީ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކަރަން އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2016 ގެ "އޭ ދިލް ހޭ މުޝްކިލް" އެވެ. އޭނާ މިހާރަނަށް ޑައިރެކްޓް ކުރި ހުރިހާ ފިލްމުތަކަކީ ވެސް ވަރަށް ކާމިޔާބު ފިލްމުތަކެއްކަން ފާހަގަ ކުރެވެ އެވެ.