ޕްރޮޑިއުސަރު އަންޖުމް ރިޒްވީގެ މައްޗަށް 4 މަހުގެ ޖަލު ހުކުމެއް

"އަ ވެނިޒްޑޭ" އާއި "ޖޯން ޑޭ" ފަދަ ފިލްމުތައް ގެނެސް ދިން ޕްރޮޑިއުސަރު އަންޖުމް ރިޒްވީ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާތަކެއް ކޯޓް އަމުރާ އެއްގޮތަށް ނުދައްކައިގެން ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.


ބޮމްބޭ ހައި ކޯޓުން އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވީ ވައިޓީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަތަކެއްގަ އެވެ. "ކަތާ" ކިޔާ ފިލްމެއް ހަދަން 2014 ގައި އަނބުރާ ދައްކާ ގޮތަށް ވައިޓީން ނެގި ފައިސާ ނުދައްކައިގެން އެ ކުންފުނުން އަންޖުމްގެ މައްޗަށް ދައުވާކުރީ 2015 ގަ އެވެ. އަދި އޭރު އޭނާ ހަދަން އުޅުނު ފިލްމު މިހާތަނަށް ރިލީޒްކޮށްފައެއް ވެސް ނުވެ އެވެ.

މި މައްސަލާގައި އަންޖުމް އަށް ހުކުމް އިއްވި ފަނޑިޔާރު ގޯތަމް ޕަޓޭލް ވިދާޅުވީ ފައިސާ ދައްކަން ތަކުރާރުކޮށް، އަންޖުމް އަށް އަމުރުކުރި ނަމަވެސް ކޫސަނި އެތަކެއް ބަހަނާއެއް ދައްކައި، ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަނެއްކޮޅުން އޭނާގެ މިލްކިއްޔާތާ ބެހޭ ގޮތުން ކޯޓަށް ދޮގު މައުލޫމާތުތަކެއް ވެސް ދީފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"އޭނާ ވަނީ ކޯޓްގެ އަމުރާ އެތައް ފަހަރަކަށް ހިލާފުވެ، އަމުރާ އެއްގޮތަށް އަމަލު ނުކޮށް، އެކި ކަހަލަ ބަހާނާތައް ދައްކާފައި،" ގޯތަމް ވިދާޅުވި އެވެ. "އެހެންވެ މި މައްސަލާގައި އަންޖުމްގެ މައްޗަށް ޖަލު ހުކުމެއް އިއްވަން ޖެހުނީ."

އަންޖުމް ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "މާތުރު"، "އާހިސްތާ އާހިސްތާ" އަދި "އަ ފްލެޓް" ހިމެނެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ބޮމްބޭ ހައި ކޯޓުން ވަނީ ޕްރޮޑިއުސަރު ފައިސާގެ ޓެކްސް އަށް މަކަރު ހެދި މައްސަލައެއްގައި ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ އަށް ތިން މަހުގެ ޖަލު ހުކުމެއް ވެސް އިއްވައިފަ އެވެ.