އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރަށް ސުނިލް ޝެޓީގެ ސެލިއުޓް

ފިލްމު ކުޅެން ފެށި ގޮތަށް އެއްވާނެއްގައި ހިފަހައްޓާލައި އަދިވެސް ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ގޮތުގައި ސާބިތުކަން ދައްކަމުން އަންނާތީ އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރަށް ސެލިއުޓް ހައްގުވާ ކަމަށް ސުނީލް ޝެޓީ ބުނެފި އެވެ.


އެ ދެ ތަރިންނާ އެކު އެކީގައިހެން ބޮލީވުޑަށް ނުކުތް ސުނީލް ބުނި ގޮތުގައި އަކްޝޭ އާއި އަޖޭއަކީ ނަމޫނާއަކަށް ބަލަން ވެސް ރަނގަޅު މިސާލުތަކެއް ކަމަށެވެ.

"އަހަރެން ވެސް ހިތަށް އަރާ އެ މީހުން ހޯދި ކަހަލަ ކެރިއާއެއް ލިބުނު މީހަކަށްވި ނަމައޭ. އަހަރެން އުފާ ކުރަން އަދި ފަހުރުވެރި ވެސް ވަން އަޖޭ އާއި އަކްޝޭ ކުރަމުން އަންނަ މަސައްކަތްތަކަށް،" ފިލްމު "ބަލްވާން" އިން 1992 ގައި ބޮލީވުޑަށް ނުކުތް 57 އަހަރު އެކްޓަރު ބުންޏެވެ. "އެ މީހުން ހޯދި ކަހަލަ ކެރިއާއެއް ލިބޭނީ ނަސީބު ވެސް ގަދަ ބަޔަކަށް. އެކަމަކާ އަހަރެން ހަސަދަވެރިއެއް ނުވަން. އެކަމަކު އަބަދު ވެސް ހިތަށް އަރާ އެ މީހުންނަށް ލިބުނު ކަހަލަ ކެރިއާއެއް ލިބުނު ނަމައޭ. އަހަރެން ސެލިއުޓް ކުރަން އަޖޭ އާއި އަކްޝޭ އަށް."

ސުނީލްގެ އަލަތު ފިލްމު "ބަލްވާން" ގެ ލަވައެއް.

އަކްޝޭ އާއި އަޖޭއާ އެކު ފިލްމުތަކެއް ވެސް ކުޅެފައިވާ ސުނީލް ބުނި ގޮތުގައި އޭނާގެ ކެރިއަރު އެހާ އަވަހަށް ގުޑާލީ ހެދުނު ބައެއް ގޯސްތަކުގެ ސަބަބުންނެވެ.

"އެއް ކަމަކީ އަހަރެން ކާމިޔާބީ އާއި ނާކާމިޔާބީ އެހާ ސީރިއަސްކޮށް ނުނެގުން. އަނެއް ކަމަކީ ފިލްމުތަކަށް ފޯކަސް ދެެވުނުލެއް ކުޑަވެ، ރަނގަޅު ނޫން ޗޮއިސްތަކެއް އިހުތިޔާރު ކުރެވުން،" މިހާތަނަށް 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ ސުނީލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކެރިއަރު އަޑިއަޅާލި ސަބަބުތަކުގެ ތެރޭގައި ޕްލޭނެއް ނެތި ކުރިއަށް ދިއުން ވެސް ހިމެނެ އެވެ.

"އަހަންނަކީ ވަރަށް އިމޯޝަނަލް މީހެއް. އެ ވަގުތަކު ހިތަށް އެރި ގޮތަކަށް ނިންމުންތައް ނިންމިފައި ހުރީ، އެއީ ގިނަ ފަހަރަށް އެހާ ސީރިއަސްކޮށް ވިސްނައިލުމެއް ނެތި،" ސުނީލް ބުންޏެވެ.

"މޮހްރާ" ގެ ލަވައެއް.

ބޮލީވުޑަށް ނުކުމެ އެކްޝަން ހީރޯއެއްގެ ގޮތުގައި ބެލުންތެރިންގެ ލޯބި ހޯދި ނަމަވެސް، އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އަދި ބެލުންތެރިން އެ ފިލްމެއްގެ މަތިން އެންމެ ހަނދާން ހުންނަ ފިލްމަކީ 2000 ގައި ރިލީޒް ކުރި އަސަރު ގަދަ ލޯބީގެ ފިލްމު "ދަޅުކަން" އެވެ. އެ ފިލްމުގައި ސުނީލް ކުޅުނު ދޭވްގެ ކެރެކްޓާއަކީ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަތް ރޯލެކެވެ.

ސުނީލް ކުޅެފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމުތަކުގެ ތެރޭގައި "ދިލްވާލޭ"، "މޮހްރާ"، "ބޯޑާ" އަދި "ހީރާ ޕޭރީ" ހިމެނެ އެވެ. ފިލްމުތަކުން މި ފަހުން އެއްވެސް ވަރަކަށް ލީޑް ރޯލް ކުޅެން އޭނާ އަށް ނުލިބޭ އިރު، ސްކްރީނުން ފެންނަނީ ވެސް ހާލަކުން ފަހަރަކު، ކުދިކުދި ސަޕޯޓިން ރޯލްތަކުންނެވެ.

ސުނިލްގެ އެންމެ ކާމިޔާބު ފިލްމު "ދަޅުކަން" ގެ ލަވައެއް.

ސުނިލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ އަޖޭއާ އެކު ކުޅޭ ތާރީހީ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ. އެއީ އަންނަ އަހަރުގެ ޖެނުއަރީ 10 ގައި ރިލީޒް ކުރާ ފިލްމެކެވެ.

ސުނިީލްގެ ކެރިއަރު އެހާ އުޖާލާ ނުވިޔަސް، އޭނާގެ ދަރިން ވެސް މިހާރު ވަނީ ފިލްމު ކުޅެން ފަށައިފަ އެވެ. ދޮށީ އަންހެން ދަރިފުޅު އާތިޔާ 2015 ގައި ބޮލީވުޑަށް ނުކުތް އިރު، ފިރިހެން ދަރިފުޅު އަހާން ޝެޓީއަކީ އަންނަ އަހަރު ތައާރަފު ވާނެ އެކްޓަރެކެވެ.

އަޖޭ އާއި އަކްޝޭ އަށް ސުނީލް ތައުރީފު ކުރި އިރު، އެ ދެ އެކްޓަރުން ފާހަގަ ކުރެވެނީ އެއް ފަހަރާ ގިނަ ފިލްމުތަކެއްގައި ކޮންމެ އަހަރަކު ވެސް މަސައްކަތް ކުރާ އަދި ކުޅޭ ކޮންމެ ފިލްމެއް ބޮޑު ހިޓަކަށް ހަދައިދޭ އެކްޓަރުންގެ ގޮތުގަ އެވެ.