"ގުލާބޯ ސިތާބޯ" ގައި އަމީތާބާއި އަޔޫޝްމަން

އަމީތާބް ބައްޗަން އާއި އަޔޫޝްމަން ކުރާނާއާ އެކު ކުރިން ވެސް މަސައްކަތްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރު ސުޖިތު ސިރްކާސް އެ ދެ ތަރިންނާ އެކު "ގުލާބޯ ސިތާބޯ" ގެ ނަމުގައި ކޮމެޑީ ފިލްމެއް ހަދަން ނިންމައިފި އެވެ.


މި އަހަރުގެ ނޮވެމްބަރުގައި ރިލީޒް ކުރާ ގޮތަށް އިއުލާން ކުރި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސޫޖިތު މިދިޔަ އަހަރު ގެނެސް ދިން "އޮކްޓޯބާ" އާއި 2015 ގައި ގެނެސް ދިން "ޕީކޫ" ގެ ސްކްރީން ރައިޓަރު ޖޫހީ ޗަތުރަވެތީ އެވެ.

"ގުލާބޯ ސިތާބޯ" ވެގެން ދާނީ އަމީތާބާއި އަޔޫޝްމަން އެކީގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އަޔޫޝްމަންއަކީ ސުޖިތު 2012 ގައި ފިލްމު "ވިކީ ޑޯނާ" އިން ބޮލީވުޑަށް ތައާރަފު ކުރި އެކްޓަރެކެވެ. އަދި އަމީތާބް ވަނީ ސުޖިތާ އެކު "ޕީކޫ" ގައި މަސައްކަތްކޮށްފަ އެވެ.

އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި "ގުލާބޯ ސިތާބޯ" ބެލުންތެރިންނަށް ގެނެސް ދޭން ނިންމި އިރު، ސުޖިތު ވަނީ ވިކީ ކޯޝަލްއާ އެކު ގެނެސްދޭ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ބަތަލު އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް މިދިޔަ މަހު އިނގިރޭސިވިލާތުގައި ނިންމާލައިފަ އެވެ.

ބެލެވޭ ގޮތުން "ގުލާބޯ ސިތާބޯ" ވެގެން ދާނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ޝޫޓިން ނިންމައި، ސުޖިތު ސްކްރީނަށް ގެންނާނެ ފުރަތަމަ ފިލްމަށެވެ.

ނޮވެމްބަރަށް ފިލްމު ތާވަލު ކުރި ނަމަވެސް ރޯނީ ލެހިރީ އާއި ޝީލް ކުމާރު ޕްރޮޑިއުސް ކުރާ ފިލްމު ރިލީޒް ކުރާނެ ސީދާ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.