ނިއު ޒިލެންޑްގެ މިސްކިތްތަކަށް ދިން ހަމަލާ އަށް ފިލްމެއް ހަދަނީ

މިދިޔަ މާޗް މަހު ނިއު ޒިލެންޑްގެ ދެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާ އަށް ބިނާކޮށް "ހެލޯ ބްރަދާޒް" ގެ ނަމުގައި ފިލްމެއް ހަދަން ނިންމައިފި އެވެ.


މި ޕްރޮޖެކްޓްގެ ފަހަތުގައި ހުރީ ކެމްބްރިޖް ޔުނިވަސިޓީގެ ދީނީ އިލްމުވެރިއެއް ކަމަށްވާ އަދި މިސްރަށް ނިސްބަތްވާ ޕްރޮޑިއުސަރު މޮއެޒް މަސްއޫދެވެ. އޭނާއަކީ 2016 ވަނަ އަހަރު ކާންސް ފިލްމު ފެސްޓިވަލްގެ "އަންސާޓެއިން ރިގާޑް" ސެކްޝަން ހުޅުވައި ދިން ފިލްމު "ކްލޭޝް" ގެ ވެސް ޕްރޮޑޮއުސަރެވެ.

މަސްއޫދު ވެރައިޓީ އަށް ބުނި ގޮތުގައި ނިއު ޒިލެންޑްގެ ކްރައިސްޗާޗްގެ އަލް-ނޫރާއި ލިންވުޑް މިސްކިތަށް އޮސްޓްރޭލިއާ އަށް ނިސްބަތްވާ ޓެރަރިސްޓަކު ފޭސްބުކް ލައިވް-ސްޓްރީމްކޮށްގެން މާޗް މަހުގެ 15 ގައި ދިން ހަމަލާ އަށް ބިނާކޮށް ހަދާ ފިލްމުގެ ވާހަކަ އެނބުރޭނީ އަފްޢާނިސްތާނުން ނިއު ޒިލެންޑަށް ހިޖުރަކޮށްފައިވާ އާއިލާއަކަށެވެ.

މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މަސްއޫދާއި ރިކް ކެޒެނެޑާ އެވެ.

ނަމަވެސް ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ކާސްޓާއި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އުމުރުން 29 އަހަރުގެ ބްރެންޓް ޓަރަންޓް ކިޔާ ޓެރަރިސްޓް ނިއު ޒިލެންޑަށް ދިން ހަމަލާގައި ޖުމްލަ 51 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ ގެއްލުންތައް ލިބުނެވެ.