އަމީތާބު އިމްރާނާ އެކު މަސައްކަތްކުރަން އައިޝްވާރިޔާ ދެކޮޅު؟

ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ މި ވަގުތު ހުރީ ބަފާބެ އަމީތާބް ބައްޗަން ދެކެ ހިތްހަމަނުޖެހިފައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި އަމީތާބްގެ ދަރިފުޅު އަދި އެކްޓަރު އަބީޝެކް ބައްޗަންގެ އަންހެނުން ހިތްހަމަނުޖެހިގެން އުޅެނީ އޭނާ އެކްޓަރު އިމްރާން ހާޝިމީއާ އެކު މިހާރު ފިލްމެއްގެ މަސައްކަތް ކުރާތީ އެވެ.

އެ ފިލްމަކީ މި މަހުގެ ކުރީކޮޅު ޝޫޓިން ފެށި ރޫމީ ޖެފްރީގެ "ޗެހެރޭ" އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އިމްރާނާ އެކު އަމީތާބު މަސައްކަތް ކުރާތީ އެކަމާ އައިޝްވާރިޔާ ހިތްހަމަނުޖެހިގެން އުޅެނީ 2014 ވަނަ އަހަރު ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގައި އިމްރާން އައިޝްވާރިޔާ އަށް ނިސްބަތް ކޮށް ބުނި އެއްޗަކާ ގުޅިގެންނެވެ.

ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓް ވެސް ބައިވެރިވި އެޕިސޯޑްގެ ރެޕިޑް ފަޔާ ރައުންޑްގައި ކަރަން އިމްރާނަށް ކުރި ސުވާލުތަކުގެ ތެރޭގައި ބައެއް ކަންކަން ބުނުމުން ހަނދާނަށް އަންނަނީ ކޮން ތަރިއެއްތޯ ސުވާލުކޮށްފައިވެ އެވެ. އެގޮތުން ޕްލާސްޓިކޭ ބުނުމުން ހަނދާނަށް އަންނަނީ ކޮން ނަމެއްތޯ އެހުމުން އިމްރާން ބުނީ އައިޝްވާރިޔާ ކަމަށެވެ.

ޕްލާސްޓިކާއި އައިޝްވާރިއާ ގުޅުވާ ތަންކޮޅު ވީޑިއޯގެ 7:20 ވަނަ ސިކުންތުގައި.

މިކަމާ ގުޅިގެން އައިޝްވާރިޔާ ވަރަށް ހިތްހަމަނުޖެހި، އިމްރާނާ އެކު ކުޅެން ލިބުނު 2017 ގެ ފިލްމު ބާދުޝާހޯ" ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން 1994 ގެ މިސް ވޯލްޑްގެ ތާޖް ހާސިލު ކުރި އައިޝްވާރިޔާއަކީ މޫނުގެ ފީޗާތައް ރީތި ކުރަން ބުމަ އާއި ތުންފަތުގެ ބައްޓަން ރީތި ކުރަން ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ތަރިއެކެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިން ޕްލާސްޓިކް ސާޖަރީ ހެދި ނަމަވެސް އެކަމަކާ މިހާތަނަކަށް ރަސްމީކޮށް އެއްބަހެއް ނުވެ އެވެ. އޭގެ ތެރޭގައި ޝިލްޕާ ޝެޓީ، ސްރީދޭވީ އަދި އަނުޝްކާ ޝަރުމާ ފަދަ ބަތަލާއިން ފާހަގަކޮށްލެވެ އެވެ.

ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން މިހާރު ވިދަމުން އަންނަ ޒުވާން ބަތަލާ ކިއާރާ އަދުވާނީއަކީ ވެސް ބޮޓޮކްސް ހަދާފައިވާ ބަތަލާއެކެވެ. އެވާހަކަ މީޑިއާތަކުގައި މި ދުވަސްކޮޅު ތިލަވެގެން އުޅޭ އިރު، ދިފާއުގައި 26 އަހަރުގެ ބަތަލާ ބުނީ އޭނާގެ ކޯމަތިން ތަފާތު ކަމެއް ފާހަގަ ކުރެވުނަސް، މޫނުގެ ބައްޓަމަށް ބަދަލު ގެންނަން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.