"ގޭމް އޮފް ތުރޯންސް" އަށް ސްޕޮއިލާ އިންޝުއަރެންސް ޕެކެޖެއް

އެޗްބީއޯގެ ސިލްސިލާ "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަނުގެ ފަހު އެޕިސޯޑް ދޫކޮށްލާ އިރު، އެ އެޕިސޯޑުން ވާނެ ގޮތް ކިޔައިދީ، ބެލުންތެރިންގެ ޝައުގުވެރިކަން ކުޑަކުރުމުން ލިބޭ ގެއްލުމަށް އިންޝުއަރެންސްގެ ހިދުމަތް ދޭން އިނގިރޭސިވިލާތުގެ އިންޝުއަރެންސް ކުންފުންފުންޏަކުން ނިންމައިފި އެވެ.


އެންޑްސްލީ އިންޝުއަރަންސް ސާވިސް އިން ބުނީ "ގޭމް އޮފް ތުރޯންސް" ގެ ފޭނުންގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް، ސިލްސިލާގެ ފަހު އެޕިސޯޑަށް ފޫހިކުރުމުން ލިބޭ ގެއްލުމަށް ސްޕޮއިލާ އިންޝުއަރެންސްގެ ގޮތުގައި މީހަކަށް 100 ޕައުންޑާ ހަމައަށް ބަދަލުދޭން ނިންމާފައިވާ ކަމަށެވެ. އެ ސްކީމްގައި ބައިވެރިވުމަށްޓަކައި އެ ކުންފުނީގެ ވެބްސައިޓްގައި ރަޖިސްޓްރީވާން ޖެހެ އެވެ. އިންޝުއަރެންސް ލިބޭ މީހުން އަންގާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

މިކަމާ ބެހޭ ގޮތުން އެންޑްސްލީގެ ހެޑް އޮފް މާކެޓިން ޖޫލިއާ އަލްޕަން ބުނީ "ގޭމް އޮފް ތުރޯންސް" އަކީ މިހާތަނަށް އެންމެ ބޮޑު އޯޑިއަންސެއް ހޯދި ސިލްސިލާ އަށް ވެފައި، މީގެ ކޮންމެ އެޕިސޯޑަކަށް ވެސް ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށެވެ.

"އެހެންވެ ވަކިން ހާއްސަކޮށް ފޭނުންގެ މެދުގައި ފިނާލޭ އެޕިސޯޑް ސްޕޮލާ ނުކުރުން މީގެ އެންމެ ވަރުގަދަ ކަމަކަށް ވާނީ. އެކަމަކު ސޯޝަލް މީޑިއާގައި ސްޕޮއިލާ ކުރުމުގެ ފޯރި ވެސް ވެސް ވަރަށް ގަދަ. އެކަމާ ހުރެ އެޕިސޯޑްތަކަށް ދެވޭ ޝައުގުވެރިކަން ކުޑަވޭ،" އޭނާ ބުންޏެވެ. "މީގެ ސަބަބުން ހަގީގަތުގައި ފޭނުންނަށް ލިބޭ ގެއްލުން ބޮޑު."

އެހެންވެ ސްޕޮއިލާ އިންޝުއަރެންސް ޕެކެޖްގެ ދަށުން ފޭނުންނަށް ފައިސާ އިން ބަދަލު ދިނުމުގެ އިތުރަށް "ގޭމް އޮފް ތުރޯންސް" ގެ ހުރިހާ ސީޒަނެއް "ނައު ޓީވީ" އިން ހިލޭ ބަލައިލުމުގެ ފުރުސަތު ވެސް ދޭނެ އެވެ.

ޖޫލިއާ ބުނި ގޮތުގައި އިންޝޫރަންސް ކުންފުންޏަކުން މުޅި އަލަށް ތައާރަފު ކުރި ސްޕޮއިލާ އިންޝުއަރެންސް ޕެކެޖަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެ ނަމަ، ކުރިއަށް އޮތް ތަނުގައި އިނގިރޭސިވިލާތުގެ ޓީވީ އުފެއްދުންތަކުގެ މެދުގައި މި ޕެކެޖް ކުރިއަށް ގެންދާނެ އެވެ.

"ތުރޯންސް އަށް ފަހު މި ޕެކެޖް މިހާރު ވަނީ ރިއަލިޓީ ޝޯ ލަވް އައިލެންޑްގެ ކުރިއަށް އޮތް ސީޒަނުގައި ވެސް ކުރިއަށް ގެންދަން ނިންމާފައި،" އޭނާ ބުންޏެވެ.

ދެހާސް އެގާރައިގައި ދައްކަން ފެށި ސިލްސިލާ 8 ވަނަ ސީޒަނުން ނިންމައިލާ އިރު، ބެލުންތެރިންނަށް އޮންނާނީ ޖުމްލަ 73 އެޕިސޯޑް ގެނެސް ދެވިފަ އެވެ. "ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން ދައްކަން ފެށީ މިދިޔަ މަހުގެ 14 ގަ އެވެ.