ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ތަމަޅަ ފިލްމު "ކާންޗަނާ" އަސްލަކަށް ބަލައިގެން ހަދާ އަކްޝޭ ކުމާރުގެ ފިލްމު "ލަކްޝްމީ ބޮމްބް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.


މިދިޔަ މަހުގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމުގެ ޕޯސްޓަރު ދައްކައިލި އިރު، އަކްޝޭ އޭގައި ފެންނަނީ ލޮލުގައި އަނދުން އަޅަން އިންދަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ލަކްޝްމީ ބޮމްބް" ގައި އޭނާ ފެނިގެން ދާނީ ޖިންނި އަވަލާފައި ހުންނަ ޓްރާންސްޖެންޑާ ކެރެކްޓާއަކުންނެވެ. މި ފިލްމުގެ ބަތަލާއަކީ ކިއާރާ އަދުވާނީ އެވެ.

"ލަކްޝްމީ ބޮމްބް" ޑައިރެކްޓް ކުރަނީ "ކާންޗަނާ" ގައި އެކްޓްކޮށް، ޑައިރެކްޓް ކުރި ރަގަވާ ލޯރެންސެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 5 ގަ އެވެ.

މިދިޔަ މާޗް މަހު ރިލީޒްކުރި "ކޭސަރީ" އަށް ފަހު އަކްޝޭ ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނީ އޮގަސްޓް 15 ގައި ރިލީޒްކުރާ "މިޝަން މަންގަލް" އިންނެވެ.

ސަންތޯޝީގެ އާ ފިލްމަކީ "ބޭޑް ބޯއި"

ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ "ބޭޑް ބޯއި" ގެ ނަމުގައި އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

ނަމަވެސް ސާޖިދު ގްރޭޝީ ޕްރޮޑިއުސް ކުރާ މި ރޮމޭންޓިކް ކޮމެޑީއާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެހެންވެ މީގެ ކާސްޓުންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ.

"ދާމިނީ" އާއި "ގާޔަލް" އަދި "ގަތަކު" ފަދަ މަގުބޫލު ފިލްމުތައް ގެނެސް ދިން ސަންތޯޝީ، 60، އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2013 ގައި ޝާހިދު ކަޕޫރާއި އިލިއާނާ ޑި ކްރޫޒް ލީޑް ރޯލް ކުޅުނު "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" އެވެ.

"މަލާލް" ޖޫން 28 ގައި

ޝަރުމިން ސޭގަލް އާއި މީޒާން ޖެފްރީީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "މަލާލް" ގެ ފުރަތަމަ ޓްރެއިލާއާ އެކު ރިލީޒް ކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

އެ ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 28 ގަ އެވެ. "މަލާލް" އަކީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން އާއި އެކްޓަރު ޖާވިދު ޖެފްރީގެ ދަރިފުޅު މީޒާން ބޮލީވުޑަށް ނެރޭ ފިލްމެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ މަންގޭޝް ހަޑަވާލޭ އެވެ.

"ބާރަތު" ގެ އާ ލަވައަކީ "ޒިންދާ"

އަންނަ މަހު ރިލީޒް ކުރާ ސަލްމާން ހާންގެ ފިލްމު "ބާރަތު" ގެ އާ ލަވައެއް ދައްކާލައިފި އެވެ.

ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދައްކައިލި ހަތަރު ވަނަ ލަވައަކީ "ޒިންދާ" އެވެ. މި ލަވައަކީ ގިނަ އަޑުތަކެއް އިވިގެންދާ ލަވައެކެވެ.

ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ޅެމަކަށް ހަދާފައިވާ ލަވަ ކިޔާފައިވާ ފިރިހެން ފަންނާނުންނަކީ އާމަން ތުރިޙާ ރަޖީވް ސުންދަރުސެން، އަމަންދީޕް ސިންގް ޖޯލީ އެވެ. އަންހެން އަޑުގެ ވެރިންނަކީ ސިމިރްތީ މިނޯޗާ އަދި މުރިޝްކާ ޑި ކްރޫޒެވެ.

"ޒިންދާ" ގެ މިއުޒިކް ހަދާފައި ވަނީ އަލީ އާއި ވިޝާލް ދަދުލާނީގެ އިތުރުން ޖޫލިއަމް ޕެކިއަމެވެ.

"ބާރަތު" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 5 ގަ އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކެޓްރީނާ ކެއިފް، ޑިޝާ ޕަޓްނީ، ސުނިލް ގްރޯވާ، ޖެކީ ޝްރޮފް އަދި އެންމެ މަންޒަރަކުން ފެނިގެންދާ ތައްބޫ ހިމެނެ އެވެ.