ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި އެކްޓަރު ކަރަންވީރު ބޯރާ ފީޗާ ފިލްމަކުން ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވެއްޖެ އެވެ.


މިދިޔަ އަހަރު ކަލާޒުން ގެނެސްދިން "ބިގް ބޮސް" ސީޒަން 12 ގައި ވެސް ވާދަ ކުރި އެކްޓަރުގެ އަލަތު ފިލްމަކީ ލޯބީގެ ވާހަކައެއް ކިޔައިދޭ "ހަމް ތުމްސޭ ޕިޔާރު ކިތުނާ" އެވެ. މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާ އިރު، ފިލްމުގެ ބަތަލާއަކީ ޕްރިޔާ ބެނަޖީ އެވެ.

އިތުރު ކާސްޓުންގެ ތެރޭގައި ސަމީރު ކޮޗާރާއި މަހޭޝް ބަލްރާޖް ހިމެނެ އެވެ.

އަންނަ މަހުގެ 28 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ "ހަމް ތުމްސޭ ޕިޔާރު ކިތުނާ" ގެ ޑައިރެކްޓަރަކީ ލަލިތު މޯހަން އެވެ.

އެއްމާބަނޑު ދެ އަންހެން ކުދިން ވެސް ތިބި ކަރަންވީރު، 36، ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި ކުރީގެ "ކަސޯޓީ"، "ގުބޫލް ހޭ" އަދި "ނާގިން" ހިމެނެ އެވެ.

"ބޯލެ ޗޫޅިޔާ" ގެ ޝޫޓިން އަންނަ މަހު

ދާދި ފަހުން ނަވާޒުއްދީން ސިއްދީގީ އާއި މޯނީ ރޯއި ސޮއިކުރި ފިލްމު "ބޯލެ ޗޫޅިޔާ" ގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމުގެ ޑައިރެކްޓަރަކީ ނަވާޒުއްދީންގެ ކޮއްކޮ ޝަމަސް ނަވާވް ސިއްދީގީގެ އަލަތު ފީޗާ ފިލްމެވެ.

"ބޯލެ ޗޫޅިޔާ" އާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާ އިރު، ނަވާޒިއްދީނާއި މޯނީގެ ކެމިސްޓްރީ އެކުގައި ސްކްރީނުން ބަލައިލުމަކީ ޝައުގުވެރި ކަމަކަށް ވާނެ އެވެ.

ޓީވީ ބަތަލާ މޯނީއަކީ މިދިޔަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ "ގޯލްޑް" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒް ކުރި ޖޯން އަބްރަހަމްގެ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އިންނެވެ.

ޑާންސް ގްރޫޕަކަށް ފިލްމެއް ހަދަނީ

އިންޑިއާގެ މަޝްހޫރު ޑާންސް ގްރޫޕެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައިފި އެވެ.

އެ ގްރޫޕަކީ އެމެރިކާގެ ޝޯ "ވޯލްޑް އޮފް ޑާންސް" ގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ކިންގްސް ޔުނައިޓެޑެވެ. އެ ގްރޫޕްގެ ވާހަކަ އަށް ފިލްމެއް ހަދަން އޭގެ ރައިޓްސް ހޯދީ ޝައިލެންދަރު ސިންގެވެ.

އޭނާ މިހާރު އަންނަނީ ފިލްމުގެ ސްކްރީންޕްލޭ ލިޔާނެ މީހަކާއި ޑައިރެކްޓް ކުރާނެ މީހަކު ވެސް ހޯދަމުންނެވެ.

ބޮލީވުޑްގައި މި ފަހުން ހެދި ޑާންސް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމުތަކަކީ ރެމޯ ޑި ސޫޒާގެ "އޭބީސީޑީ" އާއި "އޭބީސީޑީ 2" އެވެ. އޭނާ މިހާރު އަންނަނީ "ސްޓްރީޓް ޑާންސާ" ކިޔާ ޑާންސް ފިލްމެއް ވެސް ހަދަމުންނެވެ.

ދާދި ފަހުން މަޝްހޫރު ކޮރިއޯގްރާފަރު ބޮސްކޯ މާޓިން ވެސް ވަނީ ޑާންސް ފިލްމަކާ އެކު ޑައިރެކްޝަނަށް ނުކުންނަން ނިންމިކަން އިއުލާންކޮށްފަ އެވެ.

ކަޕިލް ބައްޕައަކަށް ވަނީ

އިންޑިއާގެ އެންމެ މަގުބޫލު ކޮމީޑިއަން ކަޕިލް ޝަރުމާ އަށް ބައްޕައަކަށް ވާން އުޅޭ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ސޮނީ ޓީވީން ގެނެސްދޭ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ހޯސްޓް ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުގެ 12 ވަނަ ދުވަހު އެވެ، މީޑިއާތަކުން ބުނީ އޭނާގެ އަންހެނުން ގިއްނީ ޗަތުރަތު ވިހާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ކަޕިލް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މީޑިއާތަކުން ބުނާ ގޮތުގައި ޕަންޖާބްގައި ދިރިއުޅޭ ކަޕިލްގެ މަންމަ ދާދި ފަހުން މުމްބާއީ އަށް ބަދަލުވީ ވެސް ޅީދަރިފުޅު ބަލިވެ އިނުމާ ގުޅިގެން އޭނާގެ ކަންކަން ކޮށްދިނުމުގެ ގޮތުންނެވެ.