ޕްރިޔަންކާއާ އެކު މަސައްކަތްކުރަން ސަލްމާންގެ ޝަރުތެއް

ޕްރިޔަންކާ ޗޯޕްޅާއާ އެކު ދެން މަސައްކަތްކުރާނީ ޝަރުތެއްގެ މަތިން ކަމަށް ބުނެ ސަލްމާން ހާން އަނެއްކާވެސް އޭނާގެ ހިތްހަމަނުޖެހުންތައް ހާމަކޮށްފި އެވެ.


ޕްރިޔަންކާ، ސަލްމާންގެ "ބާރަތު" ދޫކޮށްލުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ފިލްމުގެ ޕްރޮމޯޝަނުގެ ތެރޭގައި އަންނަނީ ވަރަށް ގަދަޔަށް ދެކެވެމުންނެވެ. އަންނަ މަހުގެ 5 ގައި ރިލީޒްކުރާ ފިލްމު ކުއްލި ގޮތަކަށް ޕްރިޔަންކާ ދޫކޮށްލުމުން، އޭނާ ކުޅެން އޮތް ރޯލް ދިނީ ކެޓްރީނާ ކެއިފެވެ.

ސަލްމާން އަންނަނީ ކެޓްރީނާ ފިލްމަށް ކުރި މަސައްކަތަށް ތައުރީފުކޮށް، ޕްރިޔަންކާ އަށް އެކި ކަހަލަ ބަހުގެ ހަމަލާތައް ފޮނުވަމުންނެވެ. ސަލްމާން ބުނާ ގޮތުގައި "ބާރަތު" ގައި ކެޓްރީނާ ކުޅެފައި ވަނީ ނެޝަނަލް އެވޯޑް ވެސް ހައްގުވާ ވަރުގެ ކެރެކްޓާއެކެވެ.

މި މޭރުމުން ވާހަކަ ދައްކަމުން ސަލްމާން ބުނީ ޕްރިޔަންކާ ބަތަލާގެ ރޯލް ކުޅޭ ފިލްމަކުން ފުރުސަތު ލިބިއްޖެ ނަމަ، އެ ފިލްމަކަށް އެއްބަސްވާނީ އެ ފިލްމަކުން ވަރަށް ވަރުގަދަ ކެރެކްޓާއެއް ދޭން ޝަރުތުކޮށްފައި ކަމަށެވެ.

"އެ ނޫން ގޮތަކަށް ދެން ހިއެއް ނުވޭ ޕްރިޔަންކާއާ އެކު މަސައްކަތް ކުރެވޭނެހެންނެއް،" އޭނާ ބުންޏެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަމިއްލަ އަށް އެދިގެން "ބާރަތު" އިން ފުރުސަތު ހޯދުމަށް ފަހު، ޕްރިޔަންކާ ފިލްމު ދޫކޮށްލީ އެ ފިލްމުގެ ކާސްޓްގައި އިތުރު ބަތަލާއިންތަކެއް އުޅޭކަން އެނގިގެންނެވެ. އެއީ ޑިޝާ ޕަޓްނީ އާއި ނޯރާ ފަތެހީ އެވެ. އެކަމަކު އެ ތަރިންނާ ހިލާފަށް ފިލްމުގެ މައި ބަތަލާއަކީީ ޕްރިޔަންކާ އެއްބަސްވި ކެރެކްޓާ އެވެ.

އަނެއްކޮޅުން "ބާރަތު" އަކީ ތިން އަހަރު ފަހުން ހިންދީ ސިނަމާ އަށް ޕްރިޔަންކާ އަންނަން ލިބުނު ފިލްމަށްވެފައި އެ ފިލްމުން އޭނާގެ ރޯލަށް އެހެން ބަތަލާއިންތަކެއް ހިޔަނި އަޅައިފާނެ ކަމަށް ގަބޫލު ކުރެވޭތީ ފިލްމު ދޫކޮށްލަން ނިންމީ އެވެ. އަދި މިކަމެއް ދިމާވީ ލޯބިވެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކުރަން ވެސް ވަގުތު ކުޑަތަންވަމުން ދަނިކޮށެވެ. ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

"ބާރަތު" ދޫކޮށްލި އިރު، ޕްރިޔަންކާ އޮތީ އެހެން ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ ސޮނާލީ ބޯސްގެ "ދަ ސްކައި އިޒް ޕިންކް" އަންނަ އޮކްޓޯބަރު 11 ގައި ރިލީޒް ކުރާ އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ފަރުހާން އަހްތަރާ އެކީގަ އެވެ.

"މުޖްސޭ ޝާދީ ކަރޯގީ" ގެ ލަވައެއް.

"ބާރަތު" ގެ ޑައިރެކްޓަރު އަދި ޕްރިޔަންކާއާ އެކު 2014 ގެ "ގުންޑޭ" ގެނެސް ދިން އަލީ އައްބާސް ޒަފަރު ބުނި ގޮތުގައި ޕްރިޔަންކާ ފިލްމު ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް ވެސް ހިތްބަރު ކަމެއް ނެތެވެ. އަދި އެއީ އަމިއްލަ ސަބަބުތަކެއް ހުރެގެން ކަމަށް ގަބޫލު ކުރާ ކަމަށް ބުންޏެވެ.

ޕްރިޔަންކާ އާއި ސަލްމާން ވަނީ ކުރިން އެކީގައި ތިން ފިލްމެއް ކުޅެފަ އެވެ. އެއީ މުޖްސޭ ޝާދީ ކަރޯގީ (2004)، ސަލާމޭ އިޝްގް (2007) އަދި ގޯޑް ތުސީ ގްރޭޓް ހޯ (2008) އެވެ.