އަޖޭ ދޭވްގަންގެ ބައްޕަ މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ބައްޕަ، ކުރީގެ އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަން މިއަދު މަރުވެއްޖެ އެވެ.


ބަލިވެ އުޅޭތާ ގިިނަ ދުވަސްތަކެއް ފަހުން ވީރޫ މަރުވި އިރު އުމުރަކީ 77 އަހަރެވެ. އޭނާއަކީ ހިންދީ ސިނަމާ އިން އެންމެ ފާހަގަކޮށްލެވުނު އެއް އެކްޝަން ޑައިރެކްޓަރެވެ. ވީރޫ އެކްޝަން މަންޒަރުތައް ކޮރިއޯ ހެދި ފިލްމުތަކުގެ އަދަދު 150 އަށް ވުރެ ގިނަ އެވެ.

ވީރޫ ވަނީ 1999 ވަނަ އަހަރު ފިލްމެއް ވެސް ޑައިރެކްޓްކޮށްފަ އެވެ. އެއީ ދަރިފުޅު އަޖޭ އާއި އަމީތާބް ބައްޗަން އާއި މަނީޝާ ކޮއިރަލާ އަދި ސުޝްމިތާން ސެން މުހިއްމު ރޯލްތައް ކުޅުނު "ހިންދުސްތާން ކީ ކަސަމް" އެވެ.

ވީރޫ ޕްރޮޑިއުސް ކުރި ފިލްމުތަކުގެ ތެރޭގައި އަޖޭ އާއި އަންހެނުން ކާޖޮލް އަދި މަހީމާ ޗައުދަރީ 1999 ގައި ކުޅުނު ފިލްމު "ދިލް ކިޔާ ކަރޭ" އާއި 1986 ގައި ޖީތެންދުރާ ކުޅުނު "ސިންގާސަން" ފާހަގަކޮށްލެވެ އެވެ.

ވީރޫގެ މަރުގެ ހަބަރާ އެކު އާއިލާ އަށް އެތައް ބަޔަކު މިހާރު ތައުޒިޔާ ކިޔަމުން އަންނަ އިރު މިއަދު ހަވީރު އޭނާގެ ޖަނާޒާ ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

އަޖޭގެ އިތުރުން ވީރޫގެ ތިބެނީ ތިން ދަރިންނެވެ. އެއީ އަނިލް އާއި ނީލަމާއި ކަވީތާ ދޭވްގަން އެވެ.