ރަންބީރާއި އާލިއާ އަދި ދީޕިކާ އާއި ރަންވީރުގެ ޓުއާއެއް

ބޮލީވުޑްގެ މަޝްހޫރު ހަތަރި ތަރިއަކު ޑާންސް ޓުއާއަކަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.


ބޮލީވުޑް ހަންގާމާ އިން ބުނީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އާލިއާ ބަޓާއި ރަންބީރު ކަޕޫރުގެ އިތުރުން ދެމަފިރިން ކަމަށްވާ ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގް އެކީގައި ޓުއާއަކަށް ނުކުންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރު ކަމަށެވެ.

ފުރަތަމަ، އެމެރިކާގެ އެކި ސިޓީތަކުގައި ބާއްވާ ޑާންސް ޓުއާގައި އެ މީހުންގެ ފިލްމުތަކުގެ އެންމެ ހިޓް ލަވަތައް ފޭނުންގެ ކުރިމަތީގައި ޕަފޯމް ކުރާނެ އެވެ. މި ޓުއާ އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށް ބުންޏަސް، އެއީ ކިހާ ހިސާބެއްގައި ކަމެއް ނޭނގެ އެވެ.

އެކަމަކު ބޮލީވުޑް ހަންގާމާ އިން ބުނީ ޓުއާ އަށް ނުކުންނާނީ ހަތަރު ތަރިން ސޮއިކޮށްފައި ހުރި ފިލްމުތަކަށް ދޭން ޖެހޭ ވަގުތު ދިނުމަށް ފަހު، ޓުއާއަކަށް އެކަށީގެންވާ ވަރަށް ވަގުތު ހުސްކޮށްގެންނެވެ.

ދީޕިކާ އެންމެ ފަހުން ސޮއި ކުރި ފިލްމު "ޗަޕާކް" ގެ ޝޫޓިން މިހާރު ނިންމާލާފައިވާ އިރު، ސޮއިކޮށްފައި އޮތް އިތުރު ފިލްމެއް ނެތެވެ. އެކަމަކު އޭނާގެ ފިރިމީހާ ރަންވީރު މިހާރު އަންނަނީ "83" ގެ މަސައްކަތް އިނގިރޭސިވިލާތުގައި ކުރަމުންނެވެ. މީގެ އިތުން ރަންވީރު ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ "ތަހުތު" އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޖަޔޭޝްބާއީ ޖޯރްދާރު" ހިމެނެ އެވެ.

އާލިއާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރަންބީރާ އެކު ކުޅޭ "ބުރައްމަސްތުރާ" އާއި ބައްޕަ މަހޭޝް ބަޓްގެ "ސަޅަކް 2" އާއި ކަރަންގެ "ތަހުތު" އާއި ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" ގެ އިތުރުން އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ހިމެނެ އެވެ.

ރަންބީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބުރައްމަސްތުރާ" އާއި ވައިއާރްއެފްގެ "ޝަމްޝޭރާ" އަދި ނަން އިއުލާންކޮށްފައި ނުވާ ލަވް ރަންޖަންގެ ފިލްމެއް ހިމެނެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން ޓުއާ ބާއްވާފައިވާ ތަރިންގެ ތެރޭގައި ޝާހްރުކް ހާނާއި ސަލްމާން ހާން ފާހަގަކޮށްލެވެ އެވެ. އެ މީހުންގެ ޓުއާތަކުން އިތުރު ގިނަ ތަރިންނަށް ވެސް ފުރުސަތު ލިބެ އެވެ.