"ބަވަތި" ސެޕްޓެމްބަރު 2 ގައި ރިލީޒް ކުރަން ނިންމައިފި

ފީޗާ ފިލްމަކުން އަލަށް ޑައިރެކްޝަނަށް ނުކުންނަ އިލްޔާސް ވަހީދުގެ ފިލްމު "ބަވަތި" އަންނަ ސެޕްޓެމްބަރު މަހުގެ 2 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.


ކުރިން ދެ ޓީޒާއެއް ވެސް ދައްކާލާފައިވާ ފިލްމު ރިލީޒްކުރާ ތާރީހާ އެކު، "ބަވަތި" ގެ އާ ޕޯސްޓަރެއް ވެސް ވަނީ ދައްކާލައިފަ އެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ދިވެހި ސިނަމާގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ޒުވާން ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި އަލަށް ތައާރަފު ކުރާ އަހުމަދު އިފްނާޒް ފިރާގެވެ.

ޑައިރެކްޓަރު އިލްޔާސް ބުނެފައިވާ ގޮތުގައި އޭނާ ސްކްރީންޕްލޭ ވެސް ލިޔެފައިވާ "ބަވަތި" ގައި ކިޔައިދޭނީ ކައިވެނިކޮށް، ފިރިމީހާއާ އެކު މާލެ އަށް ދިރިއުޅުން ބަދަލުކުރާ ޒުވާން އަންހެނަކަށް ދިމާވާ ހާދިސާތަކެކެވެ.

އާސިމް އަލީ އާއި އަހުމަދު ވަހީދުގެ އައި ފިލްމްސް އިން ޕްރޮޑިއުސް ކުރާ "ބަވަތި" ގެ މަންޒަރުތައް ނަގާފައި ވަނީ ކ. ކާށިދު އާއި މާލޭގަ އެވެ. "ބަވަތި" ކެމެރާމަނަކީ މިހާތަނަށް އެތައް ފިލްމެއް ކެމެރާކޮށް، އެވޯޑް ވެސް ހޯދާފައިވާ އަދި ދިވެހި ސިނަމާގެ އެންމެ ހުނަރުވެރި ކެމެރާމަނުންގެ ތެރޭގައި ހިމެނޭ އިބްރާހީމް (ކަނޑި) ވިސާމް އެވެ. ގިނަ އަދަދަކަށް ސްޕެޝަލް އިފެކްޓްސް ވެސް ހިމެނޭ ފިލްމުގެ ވީއެފްއެކްސް މަސައްކަތް ކުރަނީ އެ ދާއިރާ އިން ގިނަ ބައެއްގެ އިތުބާރު މިހާރު ހޯދާފައިވާ ސްޓޫޑިއޯ އޯކޭޒުންނެވެ.