ސަންޖޭ ގުޕްތާ އަނެއްކާ ވެސް ގޭންގްސްޓާރުންގެ ފިލްމަކަށް

ބޮލީވުޑްގެ ޑައިރެކްޓަރުންގެ ތެރެއިން ސަންޖޭ ގުޕްތާ އަބަދު ވެސް ފާހަގަ ކުރެވެނީ އިންޑިއާގެ ގޭންގްސްޓާރުންނާ ބެހޭ ފިލްމުތައް ހަދަން ފަރިތަ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. މީގެ ކުރިން ވެސް މިފަދަ އެތައް ފިލްމެއް އޭނާ ވަނީ ބެލުންތެރިންނަށް ގެނެސް ދީފަ އެވެ. އޭގެ ތެރޭގައި "ޝޫޓް އައުޓް އެޓް ވަޑާލާ"، "ޝޫޓް އައުޓް އެޓް ލޯކަންދްވާލާ"، "ކާންޓޭ" އަދި "މުސާފިރު" ފަދަ ފިލްމުތައް ހިމެނެ އެވެ.


ކުށުގެ ވެށްޓާއި ކުށްވެރިންގެ ވާހަކަތައް ބޮޑު ސްކްރީނުގައި ކިޔައި ދޭން ލޯބި ކުރާ ސަންޖޭ އަންނަނީ އަނެއްކާ ވެސް ހަމަ މި ވައްތަރުގެ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އަދި ނަން އިއުލާން ނުކުރާ ފިލްމުގައި ކިޔައި ދޭނީ 1980 އާއި 1990 ގެ ހާދިސާތަކެކެވެ. އެގޮތުން ބޮމްބޭގެ ނަން މުމްބާއީ އަށް ބަދަލުވެގެން ދިޔަ ގޮތް ވެސް މި ފަހަރުގެ ފިލްމުގެ ޕްލޮޓްގެ ތެރޭގައި ހިމެނެ އެވެ.

"ފިލްމުގެ ކާސްޓުން ފައިނަލް ކުރުމުގެ މަރުހަލާގެ ތެރޭގައި މި އުޅެނީ. ޖުލައި ނޫނީ އޮގަސްޓް ހިސާބުގައި ފިލްމުގެ ޝޫޓިން ފަށާނަން،" 2017 ވަނަ އަހަރު ރިތިކް ރޯޝަނާ އެކު "ކާބިލް" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

ނަމަވެސް ސަންޖޭގެ އާ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އޭނާ މި ފަހުން ޑައިރެކްޓް ކުރި ފިލްމުތަކުގެ ތެރޭގައި 2015 ގެ "ޖަޒްބާ" ފާހަގަކޮށްލެވެ އެވެ. އެ ފިލްމަކީ ބަތަލާ އައިޝްވާރިޔާ ރާއީ އަށް ދަރިއަކު ލިބުމަށް ފަހު ސްކްރީނާ ދުރުގައި ހުރުމަށް ފަހު އެނބުރި އައި ފިލްމެވެ.