ސާކްޝީ ތަންވަރު ސައިންޓިސްޓެއްގެ ރޯލަށް

މަޝްހޫރު ޓީވީ ބަތަލާ ސާކްސީ ތަންވަރު އަނެއްކާ ވެސް ތަފާތު ރޯލަކާ އެކު ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.


"ބަޅޭ އައްޗޭ ލަގްތޭ ހޭ" އާއި "ކަހާނީ ގަރް ގަރް ކީ" ގަދަ ސިލްސިލާތަކުގައި ގެވެހި އަންބެއްގެ ރޯލް ކުޅުނު ބަތަލާ މި ފަހަރު ފެނިގެން ދާނީ އޭނާ މީގެ ފެނިފައި ނުވާ ކަހަލަ ކެރެކްޓާއަކުންނެވެ. އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "އެމް.އޯ އެމް: މިޝަން އޯވަ މާސް" އިން ސާކްޝީ ފެނިގެން ދާނީ ސައިންޓިސްޓެއްގެ ރޯލުންނެވެ.

ވަރަށް އަވަހަށް ސްޓްރީމް ކުރަން ފަށާ މި ސީރީޒަކީ އިންޑިއަން ރިސާޗް ސްޕޭސް އޮގަނައިޒޭޝަން (އިސްރޯ) އިން ނޮވެމްބަރު، 5، 2013 ގައި ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ. އަންހެން ސައިންސްޓުންތަކެއް އިސްކޮށް ތިބެގެން ފެށި މި މިޝަންގެ ވާހަކަ ކިޔައިދޭ ވެބް ސީރީޒްގައި ސާކްޝީ ފެނިގެން ދާނީ ނަންދިތާ ހަރީޕްރަސާދު ކިޔާ ސައިންޓިސްޓެއްގެ ރޯލުންނެވެ.

އޭނާއާ އެކު ދެން "އެމް.އޯ އެމް: މިޝަން އޯވަ މާސް" ގެ ރޯލްތަކުން ފެނިގެން ދާނީ މޯނާ ސިންގް އާއި ނިދީ ސިންގްގެ އިތުރުން ޕަލޯމީ ގޯޝް އެވެ.

ސާކްޝީ ބުނީ މީގެ ކުރިން އޭނާ ނުކުޅޭ ކަހަލަ ރޯލެއް ކުޅެން ލިބުމަކީ ވަރަށް ހިތްހަމަޖެހުނު ކަމެއް ކަމަށެވެ. އަދި އަންހެނުންތަކަކަށް ބިނާކޮށް ގެނެސްދޭ ސީރީޒް ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް ބުންޏެވެ.

މިޝަން މަންގަލިޔާން އަށް ބިނާކޮށް އެކްތާ ވެބް ސީރީޒެއް ގެނެސްދޭ އިރު، އެކަމަށް ބިނާކޮށް މިހާރު އަންނަނީ ފީޗާ ފިލްމެއް ވެސް ހަދަމުންނެވެ. "މިޝަން މަންގަލް" ގެ މައިގަނޑު ތަރިންނަކީ ވިދިޔާ ބާލަން، ސޮނާކްޝީ ސިންހާ، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ، ނިތިޔާ މެނަން އެވެ. އަދި ފިލްމުގެ ރޯލްތަކުން އަކްޝޭ ކުމާރާއި ސަންޖޭ ކަޕޫރާއި ޝަރުމަން ޖޯޝީ ވެސް ފެނިގެން ދާނެ އެވެ.

ޖަގަން ޝަކްތީ ޑައިރެކްޓް ކުރާ "މިޝަން މަންގަލް" ސިނަމާތަކަށް އަންނާނީ އަންނަ އޮގަސްޓް މަހުގެ 9 ގަ އެވެ.