"ކިކް 2" ވެސް ޑައިރެކްޓް ކުރާނީ ސާޖިދު ނަދިއަދުވާލާ، ރޯހިތު ޝެޓީއެއް ނޫން

ސަލްމާން ހާން 2015 ގައި ކުޅުނު ފިލްމު "ކިކް" ގެ ދެވަނަ ބައި ޑައިރެކްޓް ކުރާނީ ރޯހިތު ޝެޓީ ކަމަށް ބުނާ ވާހަކަ އެ ފިލްމު ގެނެސްދޭ ޕްރޮޑިއުސަރު/ޑައިރެކްޓަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި ނަދިއަދްވާލާ ގްރޭންޑްސަން އިން ދޮގުކޮށްފި އެވެ.


"ކިކް" އަކީ އެތައް ފިލްމެއް މިހާތަނަށް ޕްރޮޑިއުސްކޮށްފައިވާ އަދި ސަލްމާންގެ ގާތް އެކުވެރިޔާ ސާޖިދުގެ އަލަތު ޑައިރެކްޝަނެވެ.

ބައެއް މީޑިއާތަކުން "ކިކް 2" ޑައިރެކްޓް ކުރާނީ ރޯހިތު ކަމަށް ބުނާ ވާހަކަ ދޮގު ކުރަމުން ނަދިއަދުވާލާ ގްރޭންޑްސަން އިން ކުރި ޓްވީޓެއްގައި ބުނީ އެ ފިލްމު ޑައިރެކްޓް ކުރާނީ ހަމަ ސާޖިދު ކަމަށާއި އެހެން މީހަކު ފިލްމު ޑައިރެކްޓް ކުރާ ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެެ.

"ކިކް 2" ގެ ސްކްރީންޕްލޭ މިހާރު ގާތްގަނޑަށް ނިކުމަކަށް އައިސްފައިވާ އިރު، ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" އަށް ފަހު، ސަލްމާން ޝޫޓިން ފަށާނެ ފިލްމަކީ ވެސް މިއީ ކަމަށް ބެލެވެ އެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް އަދި ރަސްމިކޮށް އިއުލާނެއް ނުކުރެ އެވެ.

މި ފަހަރު ވެސް "ކިކް" ގެ ބަަތަލާ ޖެކްލިން ފެނަންޑޭޒް ފިލްމުގެ ދެވަނަ ބައިން ފެނިގެން ދާނެކަން ސަލްމާން ކަށަވަރުކޮށް ދީފައިވާ އިރު، ފިލްމުގެ ރޯލެއް ދީޕިކާ ޕަދްކޯން އަށް ވެސް ހުށަހަޅާފައިވާ ކަމަށްވެ އެވެ.